ޔާމީން ޖަލްސާއަށް ހާޒިރުވިޔަނުދީ ބަހައްޓައިގެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނެ ކަމަކަށް ނުދެކެން: ތަސްމީން

14:30
ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ސިޔައިން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނީ އިމުން ބޭރުގައި ކަމަށާއި، ގާނޫނީ ގޮތުން މަޖިލީހަށް ހާޒިރުވެވަޑައިގަތުމުގެ ފުތުސަތު އޮންނަ ބޭފުޅަކު ޖަލްސާއަށް ހާޒިރުވިޔަނުދީ ހައްޔަރުކޮށްފައި ބެހެއްޓުމަކީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ ބެހޭގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއެކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަސްމީން މިއަދު ވިދާޅުވީ، އަބްދުﷲ ޔާމީން މިނިވަން ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ ފަރާތްތަކަށް އެކަމުގެ މައުލޫމާތުދީ އެފަރާތްތަކުގެ އެހީ ހޯއްދަވަމުން ގެންދަވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


ތަސްމީން އަދި ވިދާޅުވީ، ބައިނަލްއަގްވާމީ ފަރާތްތަކުން އެދިފައިވާ ގޮތަށް، ސިޔާސީ މަސްރަހުގައި ހިނގާ ކަންތައްތަކާ ބެހޭގޮތުން ސަރުކާރާއެކު ވާހަކަ ދައްކަން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ކުރުމަށް ތާއީދު ނުކުރައްވާ ކަމަށާއި، އެކަމަށްޓަކައި، އިދިކޮޅު ހަތަރު ޕާޓީގެ ލީޑަރުންނަށް ބައިވެރިވެވޭ ފަދަ މާހައުލެއް ގާއިމްކޮށްދޭންޖެހޭނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި ބައިނަލްއަގްވާމީ ފަރާތްތަކުން އެކަމަށް ގޮވާލަމުންދިޔަ ނަމަވެސް ސަރުކާރުން އެފަދަ އިޝާރާތެއް އަދިވެސް ކޮށްފައިނުވާ ކަމަށް ތަސްމީން ވިދާޅުވި އެވެ.


ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ވިދާޅުވީ، ސަރުކާރާއެކު ވާހަކަ ދެއްކެވުމަށް އެބޭފުޅުން ތިއްބެވީ ތައްޔާރަށް ކަމަށެވެ. އަދި ގައުމުގެ މަސްލަހަތާއި ހަމަޖެހުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކަންތައްތައްކޮށް، ގާނޫނުއަސާސީ ދެމެހެއްޓުމަކީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވިދާޅުވެ އެގޮތަށް އެ ކަންތައް ކުރެއްވުމަށް އިލްތިމާސް ކުރެއްވި އެވެ. އަދި އެދިކޮޅު ފަރާތަކުން ވާހަކަ ދެއްކުމަށް ތައްޔާރަށް ތިބިއިރު، ގޮތްދޫކޮށްގެން ގާނޫނުގެ އިމުގެ ތެރެއިން ސަރުކާރުން ވެސް ކަންތައްތައް ކުރިއަށް ގެންދެވުމަށް ގާސިމް އެދިވަޑައިގެންނެވި. އަދި ގާނޫނާ ހިލާފަށް ކަންތައްތައް ނުކޮށް، ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވެ، ހުވަޔާ އެއްގޮތަށް ކަންތައް ކުރުމަށް ދިވެހި ފުލުހުންނާ ސިފައިންނަށް ވެސް ގާސިމް އިލްތިމާސްކުރެއްވި އެވެ. އަދި އަބްދުﷲ ޔާމީން ހައްޔަރުކޮށްފައި ވަނީ ގާނޫނީ އިމުން ބޭރުން ކަމަށް ވިދާޅުވެ، ގައުމުގެ މަސްލަހަތަށްޓަކައި އޭނާ ދޫކޮށްލުމަށް ވެސް ގާސިމް ގޮވައިލެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު