އެމްއެންޔޫއެސްޔޫ އާއި އެމެރިކަން ސެންޓަރު ގުޅިގެން ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

އެމްއެންޔޫއެސްޔޫ އާއި އެމެރިކަން ސެންޓަރުން ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން --- ފޮޓޯ / އެމްއެންޔޫއެސްޔޫ

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އާއި އެމެރިކަން ސެންޓާ މޯލްޑިވްސް ގުޅިގެން މާލޭގައި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

އެ ސާފުކުރުމުގެ ހަރަކާތް ބޭއްވީ އިއްޔެ ހަވީރު މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.

އެ ހަރަކާތުގައި ޖުމްލަ 203.8 ކިލޯގެ ކުނި ހޮވައިފައިވެއެވެ. އޭގެ ތެރޭގައި ދަނގަޑާއި ބިއްލޫރި އާއި ޕްލާސްޓިކުގެ އިތުރުން އާންމު ބާވަތުގެ ކުނި ހިމެނެއެވެ.

އެ ހަރަކާތުގައި އެމްއެންޔޫއެސްޔޫގެ 30ށް ވުރެ ގިނަ ލީޑަރުންނާއި އެމެރިކަން ސެންޓަރުގެ މެންބަރުންގެ އިތުރުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.

އެމްއެންޔޫއެސްޔޫ އާއި އެމެރިކަން ސެންޓަރު ގުޅިގެން ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތް --- ފޮޓޯ / އެމްއެންޔޫއެސްޔޫ

އެމްއެންޔޫއިން ބުނީ އެ ހަރަކާތް ބޭއްވުމުގެ މަގުސަދަކީ ދަރިވަރުންނަކީ ތިމާވެއްޓާ ރަށްޓެހި، އެއްބައިވަންތަ ބައެއް ކަމުގައި ހެދުން ކަމަށެވެ.

އެމްއެންޔޫއެސްޔޫގެ ނުވަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިދިޔަ މަހު އެ ޔޫނިއަން އިން ވަނީ "ވެށިސާފު"ގެ ނަމުގައި، ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައެވެ.

އެ ޕްރޮގްރާމްގެ ދަށުން މިދިޔަ މަހުގެ އަށެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސާފުކޮށް، 50 ކަޅު ކޮތަޅުގެ ކުނި ހޮވައިފައިވެއެވެ.

comment ކޮމެންޓް