"އިންޑިއާ އައުޓް" ކެމްޕެއިނުކުރުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ރަށްރަށަށް ވަޑައިގަތުމުން ފެނިވަޑައިގަންނަވާނީ މި ސަރުކާރުން ގެނައި ތަރައްގީ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނަކީ ވަކި ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ޓަކައި ހިންގަމުން އަންނަ ކެމްޕެއިނެއް ކަމަށެވެ.
ހަމައެހެންމެ ސިޔާސީ ޕާޓީތަކުގެ ވެރިންގެ ގޮތުގައި އަދި ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ގޮތުގައި ތިއްބަވައިގެން އަވައްޓެރި ގައުމުތަކާ ރާއްޖެއާ އޮންނަ ގުޅުންތަކަށް ބުރޫއަރާ ކަންކަން ކުރުމަކީ ވަރަށް ނާތަހުޒީބުކަމެއްގެ ގޮތުގައި އަލީ ޒާހިރު ސިފަކުރެއްވިއެވެ.
"ހަމަ ޖަޒުބާތުގައި ތަފާތު އެކިއެކި ލޯގޯ ޖެހި ހެދުންކޮޅުތަކާއި ޓީޝާޓުތަކާ އެއްޗެހި ތުރުކުރައްވައިގެން، އެއްވެސް ހާލެއްގައި އަޅުގަނޑުމެން މިއުޅެނީކީ، ނުވަތަ އެ ބޭފުޅުންގެ ވެސް ހަގީގީ މަގްސަދަކީ އެއްބަސްވުން ގޯސްވެގެނެއް ނޫން. މި އެއްބަސްވުމުގަ އޮތް އެއްޗެއް ގޯސްވެގެނެއް ވެސް ނޫން،" އަލީ ޒާހިރު ވިދާޅުވިއެވެ.
އަތޮޅުތެރެއަށް އިންޑިއާ އައުޓް ކެމްޕެއިނު ފުޅާ ކުރަން އިދިކޮޅުން ނިންމުމާ ގުޅިގެން އަލީ ޒާހިރު ވިދާޅުވީ އިދިކޮޅުން ކޮންމެ ރަށަކަށް ވަޑައިގެންނެވި ނަމަވެސް ފެންނާނީ މި ސަރުކާރުން ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަސައްކަތް ހުރިހާ ރަށެއްގައި ހިނގަމުންދާކަން ފާހަގަކުރެއްވިއެވެ.
އަލީ ޒާހިރު އިތުރަށް ވިދާޅުވީ ސަރުކާރުން މީގެ ކުރިން އައީ މި ކެމްޕެއިނަށް ޖާގަ ދެމުން ކަމަށާއި އެހެންނަމަވެސް އިތުރަށް އިންޑިއާ އާ ދެކޮޅަށް ކެމްޕެއިނު ކުރުމުގެ ޖާގަ ދެން ނުދޭނެ ކަމަށެވެ.
އެހެންނަމަވެސް އެެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އަބަދުވެސް އޮންނާނެ ކަން ފާހަގަކުރައްވައި އަލީ ޒާހިރު ވިދާޅުވީ މި ކެމްޕެއިނު ކުރެއްވި ނަމަވެސް އިންޑިއާއާ އޮންނަ ގުޅުމަށް ބުރޫ ނާރާނެ ކަމަށެވެ.