ރައީސް ވަހީދު މައުމޫނު އަރިހަށް ޒިޔާރަތް ކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރީގެ ރައީސް، އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމުގެ އަރިހަށް ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސް މައުމޫންގެ ހުންނަވާ މ. އެންދެރިމާގެ އަށް ރޭ ރައީސް ވަހީދު ކުރެއްވި ޒިޔާރަތްޕުޅުގައި ރައީސް ވަހީދުގެ އަނބިކަބަލުން އިލްހާމް ޙުސައިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ވަހީދާއި ކުރީގެ ރައީސް މައުމޫނުގެ ބައްދަލުވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ހުންނަވާ ގެކޮޅަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރެއްވި ކަމީ އެމަނިކުފާނަށާއި ޢާއިލާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވި އެވެ.

http://sun.mv/albums/live_4571.jpg
ރައީސް މައުމޫނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވެވަޑައިގެންނެވިފަހުން މިއީ ރައީސް ވަހީދު އެމަނިކުފާނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރުކަމަށްވާތީ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކްބާދީ ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ލީޑަރުކަން ކުރައްވާ ޕީޕީއެމުންނާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ރައީސް ވަޙީދުގެ މަސައްކަތްޕުޅުގައި އިޚްލާޞްތެރިކަމާއެކު އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިބައްދަލު ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަށާއި ރައީސް މައުމޫނާއި ޕީޕީއެމްގެ ފަރާތުން އެމަނިކުފާނަށް ދެއްވާ ތާއީދަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިޔަށްއޮތް ތަނުގައި ވެސް ރައީސް މައުމޫނާއި ޕީޕީއެމްގެ ތާއީދު އެމަނިކުފާނަށް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނާއި އަދި ފާރިސް މައުމޫންގެ އިތުރުން ޣައްސާން މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު