ގައުމީ ކުތުބުހާނާ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދިނުމަށް ބީއެމްއެލްއިން ފަށާފައިވާ މަޝްރޫއުއަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
އެ މަޝްރޫއަކީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް އެ ބޭންކުން ރާވާފައިވާ މުޖުތަމައަށް ފައިދާ ހުރި ހަރަކާތްތަކުގައި ހިމެނޭ މަޝްރޫއެކެވެ.
އެ މަޝްރޫއުގައި ހިމެނޭ އެކި ބައިތަކުގެ ތެރެއިން އަންދާސީ ހިސާބު ހުށަހަޅަން ހުޅުވާލާފައިވަނީ؛
- ގައުމީ ކުތުބުހާނާއަށް ޓެކްނިކަލް އިކުއިޕްމަންޓްސް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުން
- ގައުމީ ކުތުބުހާނާއަށް އޮފީސް އިކުއިޕްމަންޓްސް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުން
- ގައުމީ ކުތުބުހާނާއަށް ކޮމްޕިއުޓަރު ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުން
- ގައުމީ ކުތުބުހާނާ މަރާމާތު ކުރަން ބޭނުންވާ ތަކެތި ސަޕްލައިކޮށް، މަރާމާތު ކޮށްދިނުން
އެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ސެޝަން އޮންނާނީ 26 ޑިސެމްބަރު ވާ އާދީއްތަ ދުވަހު، ގައުމީ ކުތުބުހާނާގައެވެ. ކޮންމެ މަސައްކަތަކާ ގުޅޭ މައުލޫމާތު ސެޝަނަކަށް 30 މިނެޓު ކަނޑައަޅާފައިވާއިރު، ފުރަތަމަ ސެޝަން ފަށާނީ މެންދުރު 2:00 ގައެވެ.
އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފު ކުރުމަށް ހުޅުވާލާނީ 27 ޑިސެމްބަރު ގައެވެ. މެއިލް ފޮނުވާނީ [email protected] އަށެވެ. އަދި ޖެހިގެން އަންނަ 28 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް ބީއެމްއެލްއިން މައުލޫމާތު ސާފުކޮށްދޭނެއެވެ.
އެ މަސައްކަތްތަކަށް އަންދާސީ ހިންސާބު ހުށަހަޅަން ހުޅުވާލާނީ އަންނަ ޖެނުއަރީ 11 ވަނަ ދުވަހުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްވެސް ކަނޑައަޅާފައިވަނީ ކޮންމެ މަސައްކަތަކަށް 30 މިނެޓެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން ފަށާނީ އެ ދުވަހުގެ މެންދުރު 2:00 ގައެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ބީއެމްއެލް ހެޑް އޮފީސް އިމާރާތުގެ ފަސް ވަަނަ ފަންގިފިލާގައި ހުންނަ ޕްރޮކިއުމަންޓް މީޓިން ރޫމުގައެވެ.
މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ވެސް ބަލައިލެވޭނެއެވެ.
ގައުމީ ކުތުބުހާނާ ތަރައްގީ ކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ކުތުބުހާނާގެ މެއިން ރީޑިން އޭރިޔާ, ކިޔަވަތި ޑިސްކަޝަން ރޫމް, ސައިލެންޓް ރީޑިން އެންޑް ރިސާޗް ރޫމް, މޭކާސް ސްޕޭސް ރޫމް އަދި ނެޝަނަލް ކަލެކްޝަން ރޫމު އިތުރަށް ތަރައްގީކޮށް، ކުތުބުހާނާގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުން ކުރުމަށް ބަހައްޓާފައިވާ ކޮމްޕިއުޓާ ސިސްޓަމްތައް އަޕްގްރޭޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ކުތުބުހާނާއިން ކުރިއަށްގެންދާ ޑިޖިޓައިޒޭޝަން މަޝްރޫއަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނާ ވެސް ބީއެމްއެލްއިން ހަދިޔާކުރާނެއެވެ.
މުޅިން އަލަށް ކުތުބުހާނާގައި އޯޑިއޯ ރިކޯޑް ކުރެވޭނެ ބޫތެއް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކުރުމަށް ވެސް ހަމަޖެހިފައިވާއިރު، ގައުމީ ކުތުބުހާނާގެ ފޮތްތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރުމުގެ ގޮތުން ކުތުބުހާނާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކޮށްދިނުމަށް ވެސް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.