ސިއްހީ ދާއިރާ ހަރުދަނާކުރަން އިންޑޮނޭޝިއާ އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ސިއްހީ ދާއިރާ ހަރުދަނާ ކުރަން އިންޑިނޭޝިއާ އާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން -- ފޮޓޯ/ ހެލްތް މިނިސްޓްރީ

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތާއި އިންޑޮނޭޝިއާގެ ހެލްތް މިނިސްޓްރީއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެކަމަށް ޓަކައި މިއަދު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި އިންޑޮނޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހެލްތު މިނިސްޓަރު ބުޑީ ގުނާޑީ ސަޑިކިންއެވެ.

މިއެއްބަސްވުމުގެ ދަށުން ޕްރައިމަރީ ކެއާ އާއި ސެކަންޑަރީ ކެއާގެ އިތުރުން ހެލްތު ރެޒިލިއެންސް އަދި ހެލްތު ފައިނޭންސިން، ހެލްތު ޓެލެންޓް އަދި ހެލްތު ޓެކްނޮލޮޖީގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ސިއްހީ ދާއިރާ ހަރުދަނާ ކުރަން އިންޑިނޭޝިއާ އާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން -- ފޮޓޯ/ ހެލްތް މިނިސްޓްރީ

މީގެ އިތުރުން މިނިސްޓްރީން ބުނީ، ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި، މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ސިއްހީ ދާއިރާގެ ފަންނުވެރިން ބަދަލު ކުރުމާއި، ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ތަމްރީނު ކުރުމުގެ ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ހެލްތު މިނިސްޓްރީން ވަނީ ސިއްހީ ދާއިރާ ޑިޖިޓަލް ކުރުމަށްޓަކައި ފެނަކައާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ދަށުން، ސިއްހީ ދާއިރާގެ އައިޓީ އިންފްރާންސްޓްރަކްޗާގެ އޮޑިޓެއް ފެނަކައިގެ އައިޓީ ޓީމުން ހަދާނެ ކަމަށެވެ. އަދި ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށްޓަކައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް އެ އޮޑިޓުން އެނގިގެންދާނެ ކަމަށެވެ.

comment ކޮމެންޓް