އިންޑިއާ އައުޓަކީ ދިވެހިންނަށް ނިކަމެތިކަން ކުރިމަތިކުރުވާނެ ބުނުމެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއެކު -- ފޮޓޯ/ މަޖިލިސް

އެތެރެވަރީގެ ގައުމުތަކުގެ ބޭނުން ރާއްޖެއަށް ނުޖެހޭނެ ކަމަށް ބުނާ ބުނުމަކީ ދިވެހިންނަށް ދެރަ، ނިކަމެތިކަން ކުރިމަތިކުރުވާނެ ބުނުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެ ވަޑައިގަންނަވާތީ، އެކަމަނާއަށް ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ދައުވަތު ދިނުމާ ބެހޭ ގޮތުން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މިއަދު ވަނީ ބާއްވައިފައެވެ.

މި ޖަލްސާގެ ރިޔާސަތުގައި އިންނަވައި މިއަދު ނަޝީދު ވިދާޅުވީ ބަންގްލަދޭޝްއަކީ އަވައްޓެރި، އެކުވެރި، ވަފާތެރި ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށެވެ. ނަޝީދު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހޭދަކުރި 2020 ވަނަ އަހަރު ބަންގްލަދޭޝްގެ އުފެއްދުންތެރިކަން ހުރީ 310 ބިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި ރާއްޖޭގެ 2019 ވަނަ އަހަރު އުފެއްދުންތެރިކަން ހުރީ ފަސް ބިލިއަން އެމެރިކާ ޑޮލަރުގައި ކަމަށެވެ.

ބަންގްލަދޭޝްގެ އުފެއްދުންތެރިކަން، ރާއްޖޭގެ 2019 ވަނަ އަހަރާ އަޅާ ކިޔައި ނަޝީދު ވިދާޅުވީ ބަންގްލަދޭޝްއަކީ މިހާރު ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ގައުމު ކަމަށާއި އެ ގައުމު ތަރައްގީވަމުން އަންނަނީ އެހެން ގައުމަކަށް ބަރޯސާ ވުމެއް ނެތި ކަމަށެވެ.

"އަދި އެތެރެވަރީގައި އެންމެ ބާރު ސްޕީޑުގައި ތަރައްގީވާ އެއް ގައުމު، ބަންގްލަދޭޝް ހާއްސަކޮށް ފާހަގަވަނީ ބަންގްލަދޭޝްގެ ބޭރުގެ ދަރަނި މި ސަރަހައްދުގައި އެއީ އެންމެ ކުޑަ ގައުމު," ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއިން ޗައިނާގެ އަތުން ނަގައިފައިވާ ދަރަންޏަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވީ ބަންގްލަދޭޝްގެ ދަރަނީގެ ތެރޭގައި އެއް ގައުމަކަށް ދަރައިފައިވާ ބޮޑު ދަރަންޏެއް ނެތް ކަމަށެވެ.

އަބަދުވެސް ޗައިނާ އަތުން ކުރީ ސަރުކާރުން ނަގައިފައިވާ ދަރަނިތަކަށް ފާޑު ވިދާޅުވާ ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެ މިހާރު ވަނީ އިންޑިއާގެ ކަނޑުގެ ގައުމުތަކުގެ ވާދަވެރިކަމުގައި ހަތަރު އަނގޮޅިއެއްގައި ހުއްޓެން ޖެހިފައި ކަމަށެވެ.

މި ހުއްޓުމުގައި ދިވެހިން ބޭނުންވަނީ ރަހުމަތްތެރި ގައުމުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން ކަމަށާއި އެއްވެސް ގައުމަކާ އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަންކަން ކުރަން ނޭދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެއްވެސް ގައުމަކާ އޮންނަ ގުޅުން އަދި ވަކީން ހާއްސަކޮށް އަވައްޓެރި ގައުމުތަކުގެ ތެރެއިން އެތެރެވަރި ގައުމުތަކުގެ ދައުރެއް ރާއްޖޭގައި ނެތް ކަމަށް ބުނުމަކީ ހަމައެކަނި އަޅުގަނޑަށް ފެންނަ ފެނުމުގައި ހަގީގަތާ ހިލާފު ވާހަކައެއް ނޫން، އެހާމަ ދިވެހިންނަށް ނިކަމެތިކަން ލިބޭނެ، ދެރަ ގޮތްތައް މެދުވެރިކުރާނެ ބުނުމެއް، ފިކުރެއް، ފަލްސަފާއެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ދިވެހީންގެ ދައުރު އިންޑިއާ ކަނޑުގައި ވަރަށް ބޮޑު ކަމަށާއި 50،000އަށް ވުރެ ގިނަ ދިވެހީން އިންޑިއާ ކަނޑުގައި އަބަދުވެސް ދަތުރު ކުރާ ކަމަށެވެ. ކަންމިހެން އޮތް އިރު ދިވެހީންގެ މަސްލަހަތާއި ރިޒްގު ގުޅިފައިވަނީ އިންޑިއާ ކަނޑުގެ ސަލާމަތާ ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ކަނޑުގެ ސަލާމަތާ ގުޅުން ހުރި ކަންކަމަށް އިސްކަން ދޭން ޖެހޭ ކަމަށް ވިދާޅުވެ، ނަޝީދު އިޝާރާތް ކުރެެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލައި ކުރަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕެއިނަށެވެ.

މީގެ ކުރިން ވެސް ނަޝީދު ވަނީ މި ކެމްޕެއިނާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. އެގޮތުން އިންޑިއާ އައުޓޭ ނުބުނެވޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް