ތިޔަ ލޯބި އެދިގެން... - 29

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

ސިޑިން އަރައިގެން އެންމެ ފުރަތަމަވެސް ޝިޒާން މިސްރާބުޖހީ މިންހާގެ ކޮޓަރިއާ ދިމާލަށެވެ. އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމާއެކު ޝިޒާން އެތެރެއަށް ވަނެވެ. އެއާއެކު ސޯފާގައި އޮތް މިންހާ ސިހިފައި ތެދުވެލިއެވެ. ޝިޒާންގެ މޫނުމަތިން ފެނުނު ހާސްކަމަކީ މީގެކުރިން ދުވަހަކުވެސް މިންހާއަށް ފެނުނު ހާސްކަމެއްނޫނެވެ. އޭނާ ތެދުވެލިއެވެ. އޭނާއަށް އެއްޗެއް ނުބުނެވި އުޅެނުކޮށް ޝިޒާން މިންހާއާ ސުވާލުކޮށްލިއެވެ.

"ކީކޭ؟" ޝިޒާންގެ ސުވާލުން މިންހާއަށް ކުޑަ ހައިރާންކަމެއް ލިބުމާއެކު އޭނާއަށްވެސް ރައްދުކޮށްލެވުނީ ސުވާލެކެވެ.

"ޕާސްޕޯޓް ހައްދާފަހެއްޔޭ އޮތީ؟" ޝިޒާން އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ. މިންހާ ސުވާލުގެ ނަޒަރަކުން ޝިޒާންއަށް ބަލައިލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ. ޝިޒާން ކުއްލިއަކަށް އޭނާގެ ޕާސްޕޯޓްގެ ވާހަކަ އެހީ ކީއްވެބާއޭ މިންހާގެ ހިތަށް އެރިއެވެ.

"ކިހިނެތްވީ ކުއްލިއަކަށް އަހަރެންގެ ޕާސްޕޯޓްގެ ވާހަކަ ތި އެހީ؟" ހިތުގައި އުތުރިއަރަން ފެށި ސުވާލުތައް މިންހާ ޝިޒާންއާ އަމާޒުކޮށްލިއެވެ.

"ރާއްޖޭން ބޭރަށް ދާން ޖެހުނީ. މިންހާވެސް ޖެހޭނެ އަހަންނާއެކު ދާން" ޝިޒާން ބުނެލިއެވެ.

"އެ ކީއްކުރަން؟ ޝިޒާން ގޮސްފަ އާދޭ. އަހަރެން މަޑުކުރާނަން" މިންހާ ޝިޒާންއަށް ބަލައިލީ އޭނާ ނުދާނަމޭ ބުނާފަދަ ބެލުމަކުންނެވެ.

"ނޫން! މިންހާ ބަހައްޓާފައެއް އަހަންނެއް ނުދާނަން." އަނެއްކާވެސް ޝިޒާން ބުނެލިއެވެ.

"ކިހާ ދުވަހަކަށް؟ އޮފީސްކަމަކުތަ؟" މިންހާ އަނެއްކާވެސް ސުވާލެއް ޝިޒާންއާ އަމާޒުކޮށްލިއެވެ.

"ނޫން. އާއިލީ ކަމެއްގައި." ޝިޒާން ބުނެލިއެވެ.

"ކޮންތާކަށް ދަނީ؟"

"ކެނެޑާއަށް..." ޝިޒާން ބުނެލިއެވެ. އިވުނު ހިތްދަތި ޚަބަރާއެކު ވީ އެންމެ އަވަހަކަށް ފުރަން ޝިޒާން ބޭނުންވިއެވެ. މާދަމާ އޭނާ މިންހާގެ ޕާސްޕޯޓް ހައްދާނެއެވެ. އެއަށްފަހު އެންމެ އަވަހަށް ފުރާ ފްލައިޓަކުން ޓިކެޓް ނަގައިގެން އޭނާ ކެނެޑާ އަށް ދާނެއެވެ.

"އަހަރެން ބޭނުމެއް ނޫން ދާކަށް." މިންހާ ޝިޒާން ރުޅި އަރުވައިލުމުގެ ބޭނުމުގައި ބުނެލިއެވެ. އޭނާ ވެސް ހުރީ ދޫދޭން ބޭނުންވާ ފަދަ ގޮތަކަށް ނޫނެވެ. ޝިޒާންއަށް ޖެއްސުމެއް ކޮށްލެވުމުން އޭނާއަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް އިޙްސާސްކުރެވެއެވެ. ކޮންމެ ކަމެއްގައި އޭނާ ޝިޒާންއާ ދެބަސްވާ ސަބަބަކީވެސް އެއީއެވެ. ނަމަވެސް ދެރަކަމަކީ ޝިޒާން ދުވަހަކުވެސް ރުޅިއައިސްގެން އޭނާއާ ދިމާލަށް ބާރަށް އެއްޗެއް ނުބުނާކަމެވެ. ޝިޒާންގެ އެ ކެތްތެރިކަމުން އޭނާ ބައެއްފަހަރު ހައިރާންވެސް ވިއެވެ. އޭނާ ކޮންމެފަދަ ޖެއްސުމެއް ކުރިނަމަވެސް އެކަމާ ޝިޒާން ގިނަ ފަހަރު އަޅާލަނީއެއް ނޫނެވެ.

"އަހަރެން މިންހާ އެދޭ ގޮތަށް ހުރިހާކަމެއް އެބަ ކޮށްދެން. އަހަރެންގެ މި އެދުން މިންހާއަށް ފުއްދައެއް ނުދެވޭނެތަ؟ އަހަރެން ވަރަށް ބޮޑުކަމަކުއޭ ދާން މިއުޅެނީ. އުމުރު ދުވަހު އެކޮޅުގައި އުޅޭކަށް ނޫން. އަހަރެންގެ ދިރިއުޅުން ބިނާވާނީ މިކޮޅުގައި. ރާއްޖޭގައި. އަހަރެން އެކޮޅަށް ދާނީ ދުވަސްކޮޅަކަށް. އަހަރެން އަންނައިރު މިންހާވެސް ގޮވައިގެން އަންނާނީ... " ޝިޒާން މިންހާއަށް ވިސްނައިދޭ ރާގެއްގައި ވާހަކަ ދެއްކިއެވެ. ޝިޒާންގެ މޫނުމަތިން ފެނުނު އަސަރުތަކުންނާ އެ އަޑުގައިވި މަޑުމޮޅިކަމުން ފުރަތަމަ ފަހަރަށް ޝިޒާންއާ ދިމާލަށް އެއްޗެއް ބުނަން އޭނާ ޖެހިލުންވިއެވެ. ޝިޒާންގެ މޫނުމަތިން މޮޅިވެރިކަމުގެ އަސަރުތައް ފާޅުވަމުންދިޔައެވެ.

"ކޮން އިރަކުން ޕާސްޕޯޓް ހައްދަން ދަނީ؟" މިންހާ ސުވާލުކޮށްލިއެވެ.

"މާދަމާ. މާދަމާ ޕާސްޕޯޓް ލިބޭތޯ އަހަރެން ވަރަށް މަސައްކަތްކުރާނަން. ލިބުނުހާ އަވަހަކަށް މާދަން ރޭ ނޫނިއްޔާ އަނެއްދުވަހު ހެނދުނު ފުރާގޮތަށް" ޝިޒާން ބުނެލިއެވެ.

"ހާދަ އަވަހަކަށް؟" މިންހާއަށް ބުނެވުނެވެ.

"މިންހާ ނުޖެހޭނެ އެއްވެސް ކަމަކާ ހާސްވާކަށް. އަހަރެން މިކޮޅުން ކުރަން ޖެހޭ ހުރިހާކަމެއް ކުރާނަން..." ޝިޒާން ބުނެލިއެވެ. އޭނާ މިންހާއަށް ބަލައިލާފައި މާދަމާ ހެނދުނު ޕާސްޕޯޓް ހައްދަން ފޮޓޯ ނަގަންދާން ރީތިވެގެން ހުންނަން މިންހާ ކައިރީގައި ބުނެލިއެވެ. މިންހާ ބޯ ޖަހައިލުމުން މާދަމާ ރޭވެސް ފުރަން ތައްޔާރުވެ ހުންނަން ބުނެފައި ޝިޒާން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދޮރުގެ ތަޅުގައި ހިފާލަމުން އޭނާ ކުޑަކޮށް މަޑުޖެހިލަމުން އަނެއްކާވެސް ފަސް އެނބުރި މިންހާއަށް ބަލައިލިއެވެ. މިންހާ ބުމަ އަރުވައިލުމުން ޝިޒާން ލުއިކޮށް ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ.

"ތެންކިއު."

"ކޮން ކަމަކަށް؟" ހިސާބަކަށް ހައިރާންކަމާއެކު މިންހާއަށް ސުވާލުކޮށްލެވުނެވެ.

"އަހަންނާ އެކު ދާން އެއްބަސްވީމަ." ޝިޒާން އެހެން ބުނެލާފައި މިންހާގެ ޖަވާބަކަށް އިންތިޒާރުކޮށްލިއެވެ. މިންހާ އެއްޗެއް ނުބުނުމުން އޭނާ ކޮޓަރިން ބޭރަށް ނުކުމެލިއެވެ.

ޝިޒާން ނުކުތްތަން ބަލަން ހުރުމަށްފަހު، މިންހާ ފާޚާނާއަށް ވަނެވެ. ފިނިކަމުން އޭނާ ފެންނުވަރާ ކުޑަކޮށް މޫނު ދޮވެލައިގެން ނުކުމެ ނިދަން ތައްޔާރުވެލިއެވެ. އެނދުގައި އޮށޯވެ އޭނާ ގުޅައިލީ އާހިލްއަށެވެ. ދެވަނަ ރިންގާއެކު އާހިލް ފޯނު ނެގިއެވެ.

"ހަލޯ..."

"ހަލޯ... އައި މިސް ޔޫ!" މިންހާ ބުނެލިއެވެ.

"އައި މިސް ޔޫ މޯ" އާހިލް ޖަވާބުގައި ބުންޏެވެ.

"އަހަރެން ބޭނުން ވާހަކައެއް ބުނަން" އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު، މިންހާ އެހެން ބުނެލިއިރު އެ އަޑުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފާހަގަވަމުންދިޔައެވެ.

"ކިހިނެއްވީ؟ ހާދަ ހާސްވެފަ! ކަމެއް ދިމާވީތަ؟" އާހިލް ސުވާލުކޮށްލިއެވެ.

"އަހަރެން މިއުޅެނީ ފުރަންވެގެން." މިންހާ ބުނެލިއެވެ.

"ކޮންތާކަށް؟" އާހިލް ސުވާލުކޮށްލިނަމަވެސް އެ އަޑުން މާބޮޑު ހައިރާންކަމެއް މިންހާއަކަށް ފާހަގައެއް ނުވިއެވެ.

"ކެނެޑާއަށް. ޝިޒާން އާ އެކީ..." މިންހާ ފުންނޭވާއެއް ދޫކޮށްލިއެވެ.

"ކިހާ ދުވަހަކަށް؟" އާހިލްގެ ދެވަނަ ސުވާލެއް މިންހާއާ އަމާޒުވިއެވެ.

"ނޭނގެ!" މިންހާ ކުރު ޖަވާބެއް ދިނެވެ.

"އަވަހަށް އަންނައްޗޭ. އަހަރެން ވަރަށް މިސްވާނެ!" އާހިލް ބުނެލިއެވެ.

"މިހާރު ވާހަކަ ދައްކާހެން އަހަރެން އާހިލްއަށް ވައިބާއިންނާ އެފްބީއިން ހަބަރުވާނަމޭ..." މިންހާ ޔަޤީންކަން ދިނެވެ. އޭނާ ކިތަންމެ ދުރުގައި ހުރިނަމަވެސް އާހިލް މަތިން ދުވަހަކުވެސް ހަނދާން ނައްތާ ނުލާނެ ކަމަށް މިންހާ ބުނެލިއެވެ. އެ ޔަޤީންކަން އޭނާ އާހިލްއަށް ދިނެވެ. ޝިޒާން އާ އިނދެގެން އުޅުނުނަމަވެސް، އަދިވެސް އެއީ ދެ ބީރައްޓެހިންކަމުގައި އޭނާ ޔަޤީންކޮށްދިނެވެ. ދެމަފިރިން ދެމެދުގައި އޮންނަން ޖެހޭފަދަ އެއްވެސް ގުޅުމެއް މިއަދާ ޖެހެންދެންވެސް އެ ދެމެދުގައި ނެތްކަމުގައި މިންހާ އާހިލް ކައިރީގައި ބުނެލިއެވެ. އޭނާ އެންމެ އުފާވަނީ އާހިލް ފަދަ މީހަކު، އެހުރިހާކަމެއް އެނގިހުރެ އޭނާ ދެކެ ލޯބިވާތީ ކަމުގައި މިންހާ ބުނެލިއެވެ. އޭނާ ދުވަހަކުވެސް އާހިލްއަށް އެއްވެސް ކަމެއް އޮޅުވާ ނުލާނެކަމުގަޔާއި ޝިޒާންއަށް އޭނާއާ އާހިލްއާ ދެމީހުންގެ ދެމެދަށް ނުވަދެވޭނެކަމުގައި މިންހާ ބުނެލިއެވެ. އޭނާ ދުވަހަކުވެސް އެ ފުރުސަތު ޝިޒާންއަށް ނުދޭނެކަމުގައި ބުންޏެވެ.

"އަހަރެން މިންނުއަށް އިތުބާރުކުރަމޭ..." އާހިލް ބުނެލިއެވެ.

"އާހިލްއާ ވާހަކަ ދައްކައިލެވުމުން މިންހާއަށް އާދަޔާ ޚިލާފް ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. އޭނާ ފޯނު ބާއްވަމުން ނިދަން އަވަސްވެލިއެވެ. ކޮންމެ ރެއަކުމެ ނިދުމުގެ ކުދިން އާހިލްއާ ވާހަކަ ދައްކައިލެވުމުން އޭނާއަށް ލިބެނީ ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. އެ ހިތުގެ ދިރުމަކީ އާހިލްއެވެ. އެ ދެމީހުން ދުވަހަކުވެސް ވަކިނުވާނެޔޭ މިންހާ އޭނާގެ އަމިއްލަ ހިތަށް ބުނެދިނެވެ.

*****

ޖެހިގެން އައި ދުވަހު ވިއްސާރަ އަލިވެލައިފިއެވެ. ފަތިހު ވާރޭ ހުއްޓައިލި ނަމަވެސް، ފަޒާގައި ހިފާފައި ހުރި ތެތްފިނިކަމަށް ބަދަލު ނާންނާތީ ބަގީޗާތެރެއަށް ނުކުމެލި މިންހާގެ ގައިން ހީބިހި ހަލުވައިލިއެވެ. އޭނާ މަޑުމަޑުން ފިނިފެންމާ ގަސްތަކާ ކައިރިވެލިއެވެ. ނޭފަތް އެތެރެއަށް ދަމައިލެވުނީ ބޭއިޚްތިޔާރުގައެވެ. ތަނުގައި ހައްދާފައިވާ މާމެލާމެލީގެ މީރުވަސް މުޅި ތަން އެއްވަސް ކޮށްލާފައިވާއިރު، ހަށިގަނޑަށް ތާޒާކަން ގެނެސްދެއެވެ. މިންހާ ފިނިކަމުން ދެއަތް މޮޑެލިއެވެ. އޭނާ ގަސްތައް ކައިރީގައި ހުއްޓުނެވެ.

ފެންތިކިތައް ގަސްތަކުގައި ހަރުލާފައިހުރުމުން ވެސް ބަލާބެލުމަށް ވަރަށް ހިތްގައިމެވެ. އޭނާ ގޮސް އުނދޯލީގައި އިށީނދެލިއެވެ. ޝިޒާން ބުނެފައިވަނީ ހެނދުނު ނުވައެއް ޖަހާއިރަށް ތައްޔާރުވުމަށެވެ. އޭރު އަދި ހަތެއް ޖެހީކަމުން މިންހާ ބޭނުންވީ އިރުކޮޅަކު އެތަނުގައި މަޑުކޮށްލާށެވެ. ފޯނާ ކުޅެމުން އާހިލްއަށް މެސެޖް ކުރަމުންދިޔަ މިންހާއަށް ސިހުން ލިބުނީ އޭނާއަށް މީހަކު ގޮވައިލުމާއެކުގައެވެ. ބަލައިލިއިރު ރާމިޒާއެވެ.

"ރާމިޒައްތާ!" މިންހާ ހިނިތުންވެލިއެވެ. ރާމިޒާ ގެ ފަހަތުގައި އިތުރު މީހަކު ހުރިތަން ފެނި މިންހާ ސުވާލުގެ ނަޒަރަކުން އެމީހާއަށް ބަލައިލިއެވެ.

"މި ބަގީޗާ ގަސްތައް ކޮށާލާ އެއްވަރުކޮށްލަންވެގެން މިއުޅެނީ." ރާމިޒާ ބުނެލިއެވެ. މިންހާ ހިނިތުންވެލިއެވެ. ރާމިޒާ އާއެކު އައި މީހާ އެ މަސައްކަތް ކުރާތަން ބަލަން އެތައް އިރަކު އިނުމަށްފަހު މިންހާ އެތެރެއަށް ވަނީ އަށެއްޖަހަން ކައިރިވުމުންނެވެ.

ފާޚާނާއަށްވަދެ ހޫނުފެނުން ފެންވަރާލުމުން ހަށިގަނޑަށް އަރާމުވިއެވެ. އޭނާ ބާތްރޯބް އޮޅާލައިގެން ނުކުތުމުގެ ކުރިން ކޮޓަރި ދޮރުގައި ޝިޒާން ޓަކި ދިންކަމެއް މިންހާއަކަށް ނޭނގެއެވެ.އޭނާ އަލަމާރި ކައިރިއަށް ހުއްޓިފައި ލާނެ ހެދުމެއް ނަގަން އަވަސްވެގަތެވެ. ކުރިން ދުވަހު އިސްތިރިކޮށްފައި ހުރި ހެދުންތަކުން ކަމުދާ ހެދުމެއް ނަގަމުން އައިސް އެ ހެދުން އެނދުމަތީގައި ބާއްވައިލިއެވެ. އެވަގުތު ކުއްލިއަކަށް ދޮރު ހުޅުވުނު އަޑާއެކު މިންހާއަށް ސިހިފައި އެ ދިމާލަށް ބަލައިލެވުނެވެ. އޭރު ދޮރު ހުޅުވާލައިގެން ހުރި ޝިޒާން ފެނި މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޝިޒާންއަށްވެސް ހުރެވުނީ ހުއްޓުން އަރާފައެވެ. ދޮރުގައި ޓަކި ޖަހަޖަހާ ޚަބަރެއް ނުވުމުން އޭނާ ދޮރު ހުޅުވައިލީ ފަހަރެއްގައި މިންހާ ނިދާފައި އޮވެދާނެކަމަކަމަށެވެ. މިންހާ އާއްމުކޮށް ނިދަނީ ތަޅުލައިގެންކަމަށް ވީނަމަވެސް، ފަހަރުގައި ހުޅުވާފައި ހުރެދާނެކަމަށް ވިސްނާ އޭނާ ތަޅުގައި ހިފައިލީއެވެ.

މިންހާގެ ތެތްކޮށް އޮތް އިސްތަށިގަނޑު އޭނާގެ ކޮނޑުމައްޗަށް ވެއްޓިފައިވާއިރު، ބާތްރޯބް އަރަނީ ކިރިޔާ މިންހާގެ ކަކުލާ ހަމައަށެވެ. ޝިޒާންއަށް ބޭއިޚްތިޔާރުގައި މިންހާގެ ފައިން ފެށިގެން ބޮލާ ހަމައަކަށް ނަޒަރު ހިންގައިލެވުނެވެ. ސިހިފައި ހުރި މިންހާ ހަޅޭއްލަވައިގަތުމާއެކު ޝިޒާންއަށްވެސް ހަމަބިމަށް އާދެވުނެވެ. އޭނާ އަވަސްއަވަހަށް ލޮލާ ދިމާލުގައި އަތް ހުރަސްކޮށްލަމުން ފަހަތަށް އެނބުރިލިއެވެ. މިންހާ އެ އައި ބާރުމިނުގައި އައިސް، ދޮރު ލައްޕައިލާ ތަޅުލިއެވެ. އޭނާއަށް ތަޅުނުލާ ހުރެވުނީތީ މިންހާ އަމިއްލަ ނަފްސަށް އަޑުލިއެވެ.

އޭނާގެ ސިކުނޑީގައި ޝިޒާން ބަލަން ހުރިގޮތް ތަކުރާރުވަމުންދިޔައެވެ. ދެފަރާތަށް ބޯ ހޫރައިލަމުން މިންހާ އަވަސް އަވަހަށް އެނދުމަތީގައި އޭނާ ބޭއްވި ހެދުމާ ޖީންސް ލިއެވެ. އެއަށްފަހު ޑްރެސިން ޓޭބަލް ކައިރިއަށް ހުއްޓި ހެއާ ޑްރަޔާ ނަގަމުން އޭނާ އިސްތަށިގަނޑު ހިއްކައިލިއެވެ. ފުނާ އަޅައިލުމަށްފަހު އޭނާ ލުއި ލުއި މޭކަޕެއް ކޮށްލިއެވެ. ނިމިގެން ނުކުތްއިރު ޝިޒާން ފެންނަން ނެތެވެ. ދެންމެ ކަންތައް ވީ ގޮތުން މިންހާ ހުރީ ކޮންމެވެސް ވަރަކަށްލަދުގަތްފައިނަމަވެސް، ޝިޒާންއާ ކުރިމަތިލާން ޖެހޭނެކަން އޭނާއަށް ވިސްނުނެވެ. އޭނާ ތިރިއަށް ދިޔައިރު ޝިޒާން ސޯފާގައި މަޑުކޮށްލައިގެން ފޯނާ ކުޅެން އިންތަން ފެނުނެވެ. އޭނާ ގޮސް ކައިރިއަށް ހުއްޓުނުއިރުވެސް ޝިޒާންއަށް މީހަކު ހުރިކަމެއް ނޭނގުނެވެ.

މިންހާ ކަރުކެހިލުމާއެކު ޝިޒާން ފޯނުން ނަޒަރު ހުއްޓައިލަމުން އެނބުރިލިއެވެ. މިންހާ ފެނި އަނެއްކާވެސް އޭނާ ހުއްޓުން އަރާ ގޮތްވިއެވެ. ކޮށްފައިވާ ލުއި މޭކަޕް މިންހާއާ ނުހަނު ގުޅޭއިރު ލާފައިވާ ގަދަ ފެހިކުލައިގެ ޓޮޕްކޮޅު ހުރީ ހެޔޮވަރުވަރަކަށް ގަޔަށް ހިފާލާފައެވެ. އަރާފައިހުރީ ބޫޓަކަށެވެ. ދެންމެ ވީކަންތަކުން މިންހާ ހުރީ ލަދުގަތްފައިކަން ޝިޒާންއަށް އަންދާޒާކޮށްލެވުނީ މިންހާ އޭނާއާ ހަތަރު ކަޅި ހަމަ ނުކުރާތީއެވެ. އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ނިމުނީ؟" ޝިޒާން ސުވާލުކޮށްލަމުން ސޯފާއިންތެދުވެލިއެވެ.

"އާނ" މިންހާ ބުނެލިއެވެ.

"ހިނގާ ދާން!" ޝިޒާން އެހެން ބުނެލާފައި ދޮރާ ދިމާލަށް ހިނގައިގަތުމުން މިންހާވެސް ޝިޒާންގެ ފަހަތުން ހިނގައިގަތެވެ.

ޝިޒާންއާއެކު ގޮސް ކާރަށް އެރިއިރުވެސް މިންހާއަށް ހުރެވުނީ އިސްޖަހާލައިގެންނެވެ. އެ ހުރިހާއިރުވެސް މިންހާގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރުތައް ޝިޒާން ދިޔައީ ގާތުން ދިރާސާ ކުރަމުންނެވެ. މިންހާގެ އެ ލަދުވެތިކަން އޭނާއަށް ވަރަށް ކަމުދިޔައެވެ. މީގެކުރިން އެފަދަ ގޮތަކަށ މިންހާ ލަދުގަތްފައި ހުއްޓާ އޭނާއަށް ފެނިފައި ނުވާތީ ކަމަށް ވެސް ވެދާނެއެވެ. އާއްމުކޮށް އޭނާއަށް ފެންނަނީ ރުންކުރު މިންހާއެކެވެ.

ޕާސްޕޯޓް ހައްދަން ފޮޓޯނަގާ ތަނަށް ގޮސްފައި ވެސް ގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ފުރަން ޖެހޭ ލިޔެ ކިޔުންތައް ފުރާފައި މިންހާ ގޮވައިގެން އައިސް ގެއަށް ލާފައި ޝިޒާން ދިޔައީ މިއަދު ޕާސްޕޯޓް ބަލާ ދާން ގުޅާނެކަމުގެ ޔަޤީންކަން މިންހާއަށް ދީފައެވެ. ވީވެސް އެހެންނެވެ. މެންދުރު އެކެއް ޖަހަން އުޅެނިކޮށް ޕާސްޕޯޓް ބަލާ ދާން ޖެހުނެވެ. އާދައިގެމަތިން މިންހާ ދިޔައީ ޝިޒާންއާއެކުގައެވެ.

"މިރޭގެ ފްލައިޓުން ފުރަން އަހަރެން ހަމަ ޖައްސާނަން. މިންހާ ގެއަށް ގޮސް ފުރަން ތައްޔާރުވައްޗޭ" ޕާސްޕޯޓް ނަގައިގެން ގެއަށް ދިޔަ މަގުމަތީގައި ޝިޒާން ބުނެލިއެވެ. މިންހާ ބޯ ޖަހައިލިއެވެ. ޝިޒާން އެ އުލެނީ ބޮޑުކަމެއް ޖެހިގެންކަން މިންހާއަށް އެނގުނެވެ. އާއިލީ ކަމެކޭ ބުނެފައި އޮތީތީ ކޮންކަމެއްތޯ އަހަން މިންހާ ބޭނުންވިނަމަވެސް އެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

މިންހާ ގެއަށް ލާފައި ޝިޒާން އަނެއްކާވެސް ދިޔައީ އޭނާ އޮފީހުގައި ނިންމަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެއެވެ. އިރުއޮއްސެން އުޅެނިކޮށް ހުރިހާކަމެއް ނިންމާފައި ޝިޒާން އައިސް ގެއަށް ވަތްއިރު، މިންހާ އިނީ ޓީވީ ދޮށުގައެވެ.

"ހުރިހާކަމެއް ނިމުނީތަ؟" ޝިޒާން މިންހާއަށް ބަލައިލާ ސުވާލުކޮށްލިއެވެ. މިންހާ ބޯ ޖަހައލިއެވެ.

"އަށެއް ޖަހަންވާއިރަށް އެއާޕޯޓަށް ދާން ވާނެ. އަހަރެންވެސް މިދަނީ ތައްޔާރުވާން." އެހެން ބުނެފައި ލަސްނުކޮށް ޝިޒާން އެރީ މައްޗަށެވެ.

*****

އަށެއް ޖެހިއިރު ޝިޒާންއާ މިންހާއާ ދެމީހުން ފޮށިތައް ހިފައިގެން ތިބީ ތިރީއެވެ.

"ކޮބާތަ ހާމިސް؟" ރާމިޒާއަށް ބަލައިލަމުން ޝިޒާން ބުނެލިއެވެ.

މިއޮށް އަންނަނީ؟" އެ ދިމާލަށް އަންނަމުންދިޔަ ހާމިސްއަށް އިޝާރާތް ކޮށްލަމުން ރާމިޒާ ބުނެލިއެވެ. މިންހާ ހާމިސްއަށް ބަލައިލިއެވެ. އެއީ އޭނާ ގޮވައިގެން އެންމެ ފުރަތަމަ މާލެއައި ދުވަހު ކާރު ދުއްވަން އިން މީހާއެވެ. ހާމިސް ކުޑަ ޗުއްޓީއެއް ނަގައިގެން އުޅެފައި އައީ އިއްޔެކަން މިންހާއަށް އޮތީ މިއަދު ހެނދުނު ރާމިޒާ އާ ދެކެވުނު ވާހަކައެއްގެ ތެރެއިން އެނގިފައެވެ.

ފޮށިތައް ހިފައިގެން ގޮސް ކާރުގެ ޑީކީއަށް އެރުވުމަށްފަހު ހާމިސް، ދުއްވަން އެރިއެވެ. ޝިޒާން ކުރީ ސީޓަށް އެރިއިރު މިންހާ އެއީ ފަހަތު ސީޓަށެވެ. ރޭގަނޑުގެ ވަގުތަށް ވުމުން ފުދޭވަރަކަށް މަގުމަތި ވެސް ހަލަބޮއްޔެވެ. ބޮޑޫ ތަކުރުފާނުމަގަށް ނުކުމެގެން ހުޅުމާލެ ބްރިޖާ ދިމާލަށް ކާރު މިސްރާބުޖެހި އިރުވެސް މިންހާ އިނީ ލޯގަނޑުން ބޭރު ބަލަހައްޓައިގެންނެވެ. ބްރިޖާ ހުޅުލޭ ހައިވޭއާ ގުޅޭތަނުގައި ހުންނަނ ޓްރެފިކްލައިޓަށް ކާރު މަޑުކޮށްލުމާއެކު، މިންހާގެ ނަޒަރު ގޮސް ހުއްޓުނީ ދުރުން ފެންނަމުންދިޔަ ފްލައިޓްތަކަށެވެ. އޭނާގެ ހިތުގައި އުފާވެރިކަމުގެ އިޙްސާސްއެއް ކުޅެލިއެވެ. ރާއްޖޭން ބޭރަށް އޭނާ އަދި ދުވަހަކުވެސް ނުދާއިރު އެއީ އޭނާގެ ހުފަފެނެކެވެ. މިއަދު އެ ހުވަފެން ހަޤީގަތަކަށް ވާތީ އޭނާ އިނީ ނުހަނު އުފަލުންނެވެ. ކާރު ދުއްވައިލުމާއެކު މިންހާ އޭނާގެ ތުންފަތްމަތީގައި ވީ ހިނިތުންވުން ފުޅާކޮށްލިއެވެ. އޭނާއަށް މޭގައި އަތް ޖައްސައިލެވުނެވެ. އަލަށް މަތިންދާ ބޯޓަކަށް އަރަން ޖެހޭތީ އޭނާ ކޮންމެވެސް ވަރަކަށް ޖެހިލުންވެސް އެބަ ވެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު