"އޯލަ"ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ވާހަކަ އެޕެއް ތައާރްފްކޮށްފިއެވެ.
މިއީ ކުޑަކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބި ޖެއްސުމަށާއި ދިވެހިބަސް އިތުރަށް ޕްރޮމޯޓު ކުރުމަށް އަހްމަދު ފަހުދު (ފައުޑީ) އާއި އައިޝަތު ސަމާހަތު (މާ)ގެ ހިޔާލަކުން އުފެދިގެން އައި މަސައްކަތެކެވެ.
ކުޑަކުދިންނަށް އަމާޒުކޮށްގެން ދިވެހި ބަހުން ލިޔާ ވާހަކަ ތަކާއި ލިޔުންތައް ކިޔުން މުޅިން އެހެން ހަރުފަތަކަށް ގެނުވާނެ މި އެޕަކީ އުމުރުން ހަތް އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ އެޕެކެވެ. އަދި ކުރިއަށް އޮތްތަނުގައި ހަތް އަހަރުން މަތީގެ ކުދިންނަށްވެސް ބޭނުން ކުރެވޭނެ ގޮތަށް ވާހަކަތާކައި ލިޔުންތައް އަޕްލޯޑް ކުރެވޭނެއެވެ.
އަހަރެއްހައި ދުވަހުގެ ބުރަ މަސައްކަތުން ފަރުމާކުރި މި އެޕުގައި ވާހަކައިގެ އިތުރުން ކުޑަކުދިންނަށް ހާއްސަ އޯޑިއޯ އަދި ވީޑިއޯ ކޮންޓެންޓުތައް ހިމެނެއެވެ.
މި އެޕަކީ ކުޑަކުދިންނަށް ރައްކާތެރި އެޕެއްކަން އެޕްގެ ފައުންޑާ މެންބަރުން ޔަގީންކުރެއެވެ. އަދި މި އެޕްގައި ކުޑަކުދިންނަށް ފަސޭހައިން ކިޔަން އިނގޭނެ ގޮތަށް ވާހަކަތަކާއި ލިޔުންތައް ގެނައުމަށް ހާއްސަ އިސްކަމެއް ވަނީ ދީފައެވެ.
މި އެޕްގެ ހިލޭ ލިބޭ ވާޝަން އަބަދު ވެސް އާންމުނަށް ލިބޭނެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި އިތުރު ކޮންޓެންޓާއެކު އެޕްގެ ޕްރިމިއާ ވާޝަންއެއް ތައާރަފްކުރާނެއެވެ. އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ވެސް މިހާރު ޑައުންލޯޑް ކުރަން ލިބޭނެއެވެ.