ކުޑަކުޑަ ހިޔާލަކާއެކު ބޮޑު އުންމީދެއް، ލޭ ހޯދަން އަނަސް ކޮށައިދިނީ ފަސޭހަ މަގެއް

ތިކި އެޕްލިކޭޝަން އިފްތިތާހު ކުރުމުގެ ޖަލްސާގައި އަނަސް ވާހަކަ ދައްކަނީ -- ފޮޓޯ/ އައި ކޭންޑީ

އާއިލާގެ ކޮންމެވެސް މީހަކަށް، ނުވަތަ ރަހުމަތްތެރިއަކަށް ލޭ ބޭނުންވެގެން ޖަހާ ޕޯސްޓެއް ފޭސްބުކުން ނުފެންނަ ދުވަހެއް މަދެވެ. ލޭ ފޮދެއް ނުލިބިގެން އެފަދަ މީހުން މީސްމީޑިއާގައި ސަލާން ޖަހާ މަންޒަރު ފެންނަނީ ވަކި މަދެއް ކޮށެެއް ނޫނެވެ. ލޭފޮދެއް ނުލިބި ބައެއް ފަހަރަށް ބަލި މީހާގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ.

ރާއްޖޭގައި ތެލެސީމިއާގެ ސަބަބުން ލޭ އަޅަންޖެހޭ މީހުންގެ ދަފްތަރުގައި މިހާތަނަށް 861ފަރާތެއް ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 630 މީހުންނެވެ

ތެލެސީމިއާ ކެރިއަރުންގެ ތެރޭގައި، އެވްރެޖްގޮތެއްގައި ގިނައީ 16 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އަދި މޯލްޑިވްސް ބްލަޑް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް މަހެއްގެ މައްޗަށް މިފަދަ ދެ ކުދިންގެ ނިސްބަތުން އެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

މި ކަންކަމާމެދު ވިސްނާ ފިކުރު ކުރެވެން ފެށި ހިސާބަކީ، މިކަމަށް ހައްލެއް ހޯދަން އުމުރުން 19 އަހަރުގެ އަހުމަދު އަނަސް ހަބީބު މަސައްކަތް ފެށި ހިސާބެވެ. އެއީ ކުޑަކުޑަ ހިޔާލަކާއެކު މިކަމަށް ހައްލެއް ގެނެވޭނެކަމުގެ އުންމީދު އޭނާ ކުރަން ފެށި ހިސާބެވެ.

އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގަ އެޕްލިކޭޝަން ބޭނުންކުރާނީ، ލ، ތ، ގއ، ގދ، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީގައެވެ. ކުރިއަށް އޮތްތަނުގައި މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރުމަކީ އަނަސްގެ އުންމީދެވެ.

އެ ކުޑަކުޑަ ހިޔާލާއެކު އޭނާ މަސައްކަތް ފެށީ އޭނާ ނިސްބަތްވާ، ލާމު އަތޮޅުގެ އެކުވެރިންގެ އެހީތެރިކަމާއެކުގައެވެ. ރަތްދައްކާ އަވީގައި މަސައްކަތް ކުރަން ނުޖެހުނު ނަމަވެސް، އެ ކުޑަކުޑަ އުންމީދު ހާސިލުކުރުމަށް އަނަސްއާއި އޭނާގެ ޓީމުން ކުރީ ފަސޭހަ މަސައްކަތެއް ނޫނެވެ.

ތިން މަސް ދުވަހުގެ ބުރަ މަސައްކަތާއެކު މިއަދު އަނަސްގެ ހުވަފެނުގައި ކުލަ ޖެހިއްޖެއެވެ. ލޭ ފޮދަކަށް އެދި އާދޭސް ކުރާ މީހުންނަށް، ލޭ ހޯދަން ފަސޭހަ މަގެއް ކޮށައިދެވިއްޖެއެވެ. ލޭ ދޭން ބޭނުންވާ މީހުންނަށް، އެކަމަށް ވެސް މަގުފަހި ކޮށްދެވިއްޖެއެވެ. މިއަދު އަނަސްއަށް ކުރެވެނީ މުޖުތަމައުއަށް ދަރާފައި އޮތް ދަރަންޏެއް ފުއްދައިދެވިއްޖެކަމުގެ އިހުސާސެކެވެ.

އަނަސްއާއި އޭނާގެ ޓީމުގެ ބުރަ މަސައްކަތުން އިއްޔެ ތައާރަފް ކުރީ "ތިކި" އެޕްލިކޭޝަނެވެ. "ތިކި" އެޕްލިކޭޝަނަކީ ލޭ ބޭނުންވާ، އަދި ލޭ ދޭން ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ލާމު އަތޮޅުން ދެކުނުގެ ހުރިހާ ރަށަކަށް ހުޅުވާލި އެޕްލިކޭޝަނެކެވެ.

ތިކި އެޕްލިކޭޝަން ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އައި ކޭންޑީ

"ތިކި އެޕްލިކޭޝަން މިހަރު ގޫގުލް ޕްލޭ ސްޓޯރުންނާ އެޕަލް އެޕް ސްޓޯރުން ވެސް ޑައުންލޯޑު ކުރެވޭނެ. އެޕްލިކޭޝަން އަޅާފަ ކޮންމެ މީހަކަށް ވެސް ޑޯނާ ރަޖިސްޓްރޭޝަން ފޯމު ފުރާލުމާއެކު ޑޯނަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެވޭނެ،" ސަންއާ ވާހަކަ ދައްކަމުން އަނަސް ކިޔައިދިނެވެ.

ޑޯނާސް ލިސްޓުގައި ރެޖިސްޓާވުމުން، އެ މީހަކު އެންމެ ފަހުން ލޭ ދިންތާ 90 ދުވަސް ވެފައިވާނަމަ އެޕްލިކޭޝަންގެ ޑޯނާސް ލިސްޓުން ފެންނާނެއެވެ. އެޕްލިކޭޝަންގެ ހޯމް ޕޭޖުން ހުރިހާ ޑޯނަރުންގެ މައުލޫމާތު ފެންނަން ހުންނާނެއެވެ. އަދި ހޯމް ޕޭޖުން، ރަށާއި ލޭގެ ގުރޫޕް ފިލްޓާ ވެސް ކޮށްލެވޭނެއެވެ.

މި ހިދުމަތް، ދިގު މުއްދަތަކަށް ދެވޭނެ ގޮތެއް ވެސް އަނަސް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އަތޮޅުތަކުގައި ހުރި ލޭ ހަދިޔާ ކުރެވޭނެ ހުރިހާ ހޮސްޕިޓަލުތަކާ މަޝްވަރާކޮށް ހޮސްޕިޓަލުތަކަށް "ހަސްފަތާލު ޕޯޓަލް"ގެ އެކްސެސް ވަނީ ދީފައެވެ. އެ ޕޯޓަލް މެދުވެރިކޮށް ހޮސްޕިޓަލުތަކަސް ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ މައުލޫމާތު "ތިކި" އެޕްލިކޭޝަނަށް އަޕްޑޭޓް ކުރެވޭނެއެވެ.

މި އެޕްލިކޭޝަނުގައި، "އެކްސްޕްލޯ"ގެ ނަމުގައި ވެސް ސެކްޝަނެއް ހިމަނައިފައިވެއެވެ. އެ ސެކްޝަނުން ފެންނާނީ ލޭ ހޯދާ ފަރާތްތަކުގެ މައުލޫމާތެވެ. އެ ގޮތުން މީހަކު ލޭ ބޭނުންވެގެން އެޕްލިކޭޝަނުގައި ޕޯސްޓެއް ކޮށްފިނަމަ އެ ސެކްޝަނުން މައުލޫމާތު ލިބެން ހުންނާނެއެވެ. އަދި ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ސެކްޝަނުން ލޭ ހޯދާ މީހުންނާ ގުޅޭނެއެވެ.

އަނަަސްްއާްއި އޭނާގެ ޓީމު -- ފޮޓޯ/ އައި ކޭންޑީ

މިއީ ދިވެހި ޒުވާނަކު ކުޑަކުޑަ ހިޔާލަކާއެކު، ހާސިލު ކުރި އުންމީދެއްގެ ވާހަކައެވެ. މިއަދު ލޭ ފޮދަކަށް އެދި އާދޭސް ކުރާ އެތައް ބަޔަކަށް އަނަސް އެ ކޮށައިދިނީ ފަސޭހަ މަގެކެވެ. އޭނަގެ އެދުމަކީ މި ރަނުގެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމެވެ.

comment ކޮމެންޓް