ތުރުކީން މިނިމަން ވޭޖު 50 ޕަސެންޓު ބޮޑު ކުރަން ނިންމައިފި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން -- ފޮޓޯ/ ބްލޫމްބާގް

އަންކާރާ (ޑިސެމްބަރު 17): ތުރުކީގެ ފައިސާގެ އަގު ވެއްޓި، އިންފްލޭޝަން ރޭޓު މަތިވަމުންދާ ދަނޑިވަޅެއްގައި އެގައުމުގެ މިނިމަމް ވޭޖު ބޮޑު ކުރަން ސަރުކާރުން ނިންމައިފިއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ޓީވީ މެދުވެރިކޮށް އިއުލާން ކުރެއްވީ އަންނަ އަހަރު އެގައުމުގެ އެންމެ ކުޑަ އުޖޫރަ 50 ޕަސެންޓު އިތުރު ކުރާނެ ކަމަށެވެ. އެއިރުން އެންމެ ކުޑަ އުޖޫރައިގެ މިންވަރު ފާއިތުވި 50 އަހަރު ތެރޭގައި ބޮޑު ނުވާ މިންވަރަކަށް ބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު ތުރުކީގެ މިނިމަމް ވޭޖް މަހަކު 2،826 ލީރާ (182 ޑޮލަރު)އިން މަހަކު 4،250 ލީރާ (275 ޑޮލަރު)އަށް ބޮޑު ވާނެއެވެ. އަދި އޭގެ ސީދާ ފައިދާ ހަ މިލިއަން މީހުންނަށްވ ކުރާނެއެވެ.

"ފައިސާގެ އަގަށް އައި ބަދަލުގެ ސަބަބުންނާއި ތަކެތީގެ އަގު ބޮޑުވި މިންވަރުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްތަކަމަށް ނިމުމެއް ގެނައުމަށް އަޅުގަނޑުމެން މިތިބީ ނިންމައިގެން. މި ގައުމުގެ މުސްތަގުބަލު އަޅުގަނޑުމެން ކަނޑައަޅާނީ ގައުމުގެ އަންހެނުންނާއި ފިރިހެނުންނާއި، ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއި، ވަޒީފާ އަދާ ކުރާ މީހުންނާއި ވަޒީފާ ދޭ މީހުންނާ ގުޅިގެން،" އުރުދުޣާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިމަމް ވޭޖު ލިބޭ މީހުންގެ އަތުން ނަގާ އިންކަމް އަދި ސްޓޭމްޕް ޓެކްސް ނެގުން ކުރިއަށް އޮތް ތަނުގައި ހުއްޓާލާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.

މިއަހަރު ތެރޭގައި ތުރުކީގެ ފައިސާގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ވެއްޓިފައެވެ. އެގޮތުން މިއަހަރުގެ މެދުތެރޭގައި އެއް ޑޮލަރަށް އަށެއް ނުވަތަ ނުވަ ލީރާ ޖެހުނު ނަމަވެސް މިހާރު އެ އަދަދު ވަނީ 16 ލީރާއަށް އިތުރުވެފައެވެ.

ހަމައެއާއެކު، މިދިޔަ މަހު އެގައުމުގެ އިންފްލޭޝަން ރޭޓު ވަނީ 21.3 ޕަސެންޓަށް އަރާފައެވެ. އެއީ ފާއިތުވި ތިން އަހަރު ތެރޭ އިންފްލޭޝަން ރޭޓު އެހާ ވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ.

ތުރުކީގެ ފައިސާގެ އަގު އިއްޔެ އިތުރަށް ވެއްޓުނީ އެގައުމުގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓު ދަށްކުރި ފަހުންނެވެ. އެއި މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އެ ބޭންކުން އިންޓްރެސްޓް ރޭޓު ދަށްކުރި ފަސް ވަނަ ފަހަރެވެ.

އެ ބޭންކުން އިންޓްރެސްޓް ރޭޓު ދަށްކުރަމުން ދަނީ، ރައީސް އުރުދުޣާން "ބޭންކް އިންޓްރަސްޓާ ދެކޮޅަށް ކުރައްވަމުން ގެންދަވާ ހަނގުރާމަ"އާ ގުޅިގެންނެވެ. އެގޮތުން އޭނާ ވަނީ އެގައުމުގައި ބޭންކް އިންޓްރެސްޓް ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އުރުދުޣާން އިންޓްރެސްޓް ރޭޓު ސިފަ ކުރައްވަނީ "މުއްސަނދިން އިތުރަށް މުއްސަނދި ކުރާ އަދި ފަގީރުން އިތުރަށް ފަގީރު ކުރާ" އެއްޗެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވަނީ އިންޓްރެސްޓް ރޭޓު ދަށް ކުރުމުން ގައުމުގެ އިގުތިސާދު ކުރިއަރައި، އެކްސްޕޯޓުތައް އިތުރުވެ، ވަޒީފާގެ ގިނަ ފުރުސަތުތައްވެސް ފަހިވެގެން ދާނެ ކަމަށެވެ.

comment ކޮމެންޓް