މުޖުތަމައެއްގައި މުންކަރާތްތައް ހިންގާނަމަ ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ: ހުތުބާ

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނު އަލްއައުޡަމުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން--

ގައުމެއްގައި ނުވަތަ މުޖުތަމައެއްގައި މުންކަރާތްތައް ހިންގާނަމަ ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށް ހަނދާންކޮށްދެމުން، މިއަދުގެ ހުކުރު ހުތުބާ "ބުއްދީގެ އަހުލުވެރިންނޭވެ ފަހެ، ތިޔަބައިމީހުން އިބްރަތް ލިބިގަންނާށެވެ!" މި މައުޟޫއަށް ހާއްސަ ކޮށްފިއެވެ.

ހުތުބާގައި ބުނީ، މުންކަރާތްތައް މަނާ ނުކުރެވޭ ނަމަ ﷲ ގެ ކޯފާ އެބައެއްގެ މައްޗަށް އައުން ގާތްވެގެންވާ ކަމަށެވެ. އެގޮތުން، މުޖުތަމައުގައި ފާފަ ކުރަމުންދާ އިރު، އެކަން ހުއްޓުވުމުގެ ކުޅަދާނަކަން ލިބިގެންވި ނަމަވެސް، އެކަންތައް ނުހުއްޓުވާ ނަމަ އެބަޔަކަށް އާއްމުވެގެންވާ ކޯފާއެއް ފޮނުއްވުން ގާތްކަން ރަސޫލާ ހަދީޘް ކުރެއްވިކަން ހުތުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ، އިންސާނުންނަށް ދެއްވާފައިވާ ނިއުމަތްތައް އަދަދު ނުކުރެވޭ ކަމަށެވެ. އަދި މާތް ﷲ ހަނދުމަ ކުރުމުން އެއްކިބާވެ، އެކަލާނގެ ކުޅަދުންވަންތަކަމާއި މަހުލޫގުތަކާ މެދު ނުވިސްނައި، ހިތަށް އެރި ގޮތަކަށް އުޅޭ މީހުންގެ މިސާލު ޖައްސަވާފައި ވަނީ ނައަމްސޫފި ފަދަ ތަކެތީގެ މިސާލުން ކަަމަށެވެ.

ހަމައެއާއެކު، ހަޔާތުން ދުވަސްތައް ފާއިތުވެގެން ދަނީ އިންސާނުން ޣާފިލު ކަންމަތީ ތިއްބާ ކަމަށް ހުތުބާގައި ބުންޏެވެ.

"ކޮންމެ ދުވަހަކުވެސް އިރު އަރައި އޮއްސެމުންދާތަން އަޅުގަނޑުމެންނަށް ފެނޭ. އަހަރަކަށް ފަހު އަހަރެއް ފެށިގެން ދާތަން ވެސް އަޅުގަނޑުމެންނަށް ފެނޭ. ފާއިތުވެގެން ދާ ކޮންމެ އަހަރަކީވެސް، އެ އަހަރު ތެރޭގައި އަޅުގަނޑުމެން ކުޅަ އަމަލުތަކާ މެދު، އަޅުގަނޑުމެންގެ މައްޗަށް ހެކިދޭ ދުވަހެއް،" ހުތުބާގައި ބުންޏެވެ.

ހަޔާތުން ނިމިގެންދާ ކޮންމެ ދުވަހަކީ އަޖަލު ގާތް ކޮށްދޭ ދުވަހެއްކަން ހަނދާން ކޮށްދެމުން ހުތުބާގައި ބުނީ، އުމުރުގެ ދުވަސްތައް ހެޔޮ ގޮތުގައި ހޭދަ ކޮށްފި ނަމަ، މާތް ﷲ ގެ އިރާދަފުޅުން އެމީހަކަށް އަބަދުގެ އަބަދަށް ސުވަރުގޭގެ ނިއުމަތުގައި ދެމި ހުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، އިންސާނުންނަކީ ކަންކަމާ ވިސްނާ ފިކުރު ކުރާ ބަޔަކަށް ވުމަށާއި އުމުރުގެ ދުވަސްތައް ހެޔޮގޮތުގައި ބޭނުން ކުރުމަށް އަޒުމް ކަނޑައަޅަން ހުތުބާގައި ގޮވާލިއެވެ.

comment ކޮމެންޓް