އެމްޑީޕީގެ އަންހެނުން މިއަދު މެދުންދުރު ފަހު ރައީސް އޮފީސް ކުރިމަތީ ކުރި މުޒާހަރާ ރޫޅާލުމުގައި ސަލާމަތީ ބާރުތަކުން އެކަށީގެން ނުވާ ބާރު ބޭނުންކޮށްފައިވާ ކަމަށް ހިއުމަންރައިޓްސް އޮފް ދަ މޯލްޑިވްސް ( އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ "މިއަދު އަންހެނުންގެ އިހުތިޖާޖު ރޫޅާލުމުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށްފައި ވަނީ އެކަށީގެންވާ ވަރަށް ވުރެ ބޮޑުކޮށް ކަން ފާހަގަކޮށް އެކަން އެކޮމިޝަނުން ކުށްވެރިކުރާ" ކަމަށެވެ.
ބަޔާނުގައި އަދި ބުނެފައި ވަނީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާ އިން ލިބިދީފައިވާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ، އެއްވެސް އިސްތިސްނާއެއް ނެތި ކޮންމެ ފަރާތަކަށް ވެސް ހަމަހަމަކަމާ އެކު ލިބިދެވެން ޖެހޭނެ ކަމަށް ކޮމިޝަނުން ދެކޭ ކަމަށެވެ.
މުޒާހަރާތައް ރޫޅާލުމުގައި އަންހެނުންގެ ކަރާމަތަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް އަމަލުކުރުމަށާއި އަނިޔާ ވާފަދަ އަމަލުތަކުން ދުރުހެލިވުމަށް އެޗްއާރުސީއެމުން ވަނީ ސަލާމަތީ ބާރުތަކަށް އިލްތިމާސްކޮށްފަ އެވެ.
" ..މުޒާހަރާތައް ރޫޅާލުމުގައި އަންހެނުންގެ ކަރާމާތަށް ބުރޫ ނާރާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި އެއްވެސް ވަރަކަށް އަނިޔާވާ ފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ސިޓީއެއް ހުށަހަޅަން ރައީސް އޮފީސް ކައިރިއަށް އެއްވި، އެމްޑީޕީ އަންހެނުންނަށް، އެސިޓީ ހުށައެޅުމުގެ ފުރުސަތު ދީފައި ވަނިކޮށް، އެމީހުން މިއަދު މުޒާހަރާ ކުރަން ފެށުމުން ، އެތަން ދޫކޮށް ދިއުމަށް ނަސޭހަތްތެރި ވުމަށް ފަހު، ފުލުހުން އެމުޒާހަރާ ރޫޅާލީ ހައި ޕްރެޝަރުގައި އަންހެނުންގެ ގަޔަށް ފެން ޖަހައިގެންނެވެ.