ނެޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް: ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ފަޔާޒާއި ޝާވިންގެ ޕެއާއަށް

ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދި ފަޔާޒާއި ޝާވިން - ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހުސައިން ފަޔާޒާއި އަލީ ޝާވިންގެ ޕެއާ ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ފަޔާޒާއި ޝާވިން ހޯދީ އެ އިވެންޓުގެ ފައިނަލުން މޮޅުވެގެންނެވެ.

އިއްޔެ ހަވީރު ކުޅުނު އެ ފައިނަލުގައި ފަޔާޒާއި ޝާވިން ނުކުތީ އަހުސަން ހާޝިމާއި އައްބާސް ސައީދާ ދެކޮޅަށެވެ. އެ މެޗުން ފަޔާޒާއި ޝާވިން މޮޅުވީ 7-9 ފްރޭމުންނެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 16ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް