ބޮލީވުޑްގެ މަޝްހޫރު ތަރި، ކަރީނާ ކަޕޫރާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަމްރިތާ އަރޯރާ ކޮވިޑަށް ފައްސިވެއްޖެއެވެ.
ކޮވިޑަށް ފައްސިވެފައިވާކަން މި ހަފުތާގެ އާދިއްތަ ދުވަހު ދެނެގަނެވިފައިވާއިރު އިއްޔެ ކަރީނާ ވަނީ އިންސްޓަގްރާމްގައި ކޮވިޑަށް ފައްސިވެފައި ވާކަން ހިއްސާކޮށްފައެވެ.
އިންސްޓަގްރާމްގެ ސްޓޯރީގައި ޕޯސްޓް އާންމުކޮށްފައިވާއިރު ކަރީނާ ބުނެފަައިވަނީ ބަލީގެ އަލާމާތްތަކާއެކު ކޮވިޑް ޓެސްޓް ހަދާފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްކަން އެނގުނު ވަގުތުން ފެށިގެން އެކަހެރިވެފައިވާކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާއާ ބައްދަލުވެ އުޅުނު މީހަކު ހުރިކަމުގައި ވާނަމަ ވީ އެންމެ އަވަހަކަށް ކޮވިޑް ޓެސްޓް ހެދުމަށް ކަރީނާ އެދިފައިވެއެވެ.
ކަރީނާ ބުނެފައިވާ ގޮތުން އޭނާގެ އާއިލާއާއި ގޭގެ މަސައްކަތްކުރާ އެންމެން ވެސް ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ޖަހައިފައެވެ. އަދި އެއްވެސް މީހެއްގެ ފަރާތުން ކޮވިޑުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ކަރީނާ ވަނީ ބުނެފައެވެ.
އިންޑިއާގެ ނޫހަކުން މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރު ބުނެފައިވަނީ ތިން ވަރަކަށް ދުވަސްކުރިން ކަރީނާ ވަރަށް ބޮޑަށް ހުން އައި ކަމަށާއި ގައިގައި ރިއްސުމުން ޑޮކްޓަރެއްގެ ލަފަޔާއެކު ކޮވިޑް ޓެސްޓް ކުރި ކަމަށެވެ. ރަންދީރް ބުނާގޮތުން ކަރީނާގެ ހާލު މިހާރު ވަރަށް ރަނގަޅެވެ. އަދި ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ވަނީ ކަރީނާއަށް ފަރުވާ ކުރަން ފަށާފައެވެ.
ކަރީނާއެކޭ އެއްފަދައިން އަމްރިތާ ވެސް ވަނީ އޭނާ ކޮވިޑަށް ފައްސިވުމާއެކު އިންސްގްރާމްގައި އެކަން ހިއްސާކޮށްފައެވެ.