އިސްލާމްދީނުގެ އެއްވެސް ކަމެއް ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިނުވާ މައްސަލައަށް އެއްޗެއް ބުނަން ބޭނުމެއް ނުވޭ: މައުމޫން

19:00


ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި އިސްލާމްދީނުގެ އެއްވެސް ކަމެއް ފާހަގަކުރައްވާފައިނުވާ މައްސަލައަށް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޒަޢީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.


މިސުރުގައި އޮތް އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ ބޮޑު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީވީއައިޕީގައި، ނޫސްވެރިންނާ ބައްދަލު ކުރެއްވުމުން، ރައީސް ނަޝީދު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި އިސްލާމްދީނުގެ އެއްވެސް ކަމެއް ފާހަގަ ކުރައްވާފައި ނުވާތީ ފެނިވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ ރިޕޯޓަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު ވެރިކަމުގައި ހުންނެވިއރުރު، ފެނިވަޑައިގެންނެވި ވަރަކަށް އެކަން ހިމަނުއްވައި، ވިދާޅުވަމުން ގެންދެވި ކަމަށެވެ. ނަމަވެސް އެކި ބޭފުޅުން ކަންތައް ކުރައްވާނީ އެކި ގޮތަށް ކަމަށާއި، އެކަމާ ބެހޭގޮތުން އެއްޗެއް ވިދާޅުވަން ބޭނުންފުޅުނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން ޑީއާރުޕީން ދެކެނީ ކޮން ގޮތަކަށްތޯ ދެންނެވި ސުވާލަށް ޖަބާބު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ، ސިޔާސީ ކަންކަމާ ޖަވާބުދާރީވެ ވަޑައިގެންނެވުމަށް އިންތިހާބު ކުރައްވާފައިވާ ލީޑަރަކު ހުންނަވާނެ ކަމަށެވެ. އަދި ރާއްޖެ އަބަދުވެސް އޮންނަންޖެހޭނީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު