ދުނިޔޭގެ ކެހިވެރިކަމުގައި ޖެހި، އުޚުރަވީ ހަޔާތް ބަރުބާދު ނުކުރައްވާ: ހުތުބާ

ޖުލައި 10، 2020: މާލޭގެ މިސްކިތެއްގައި ހުކުރު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ކެހިވެރިކަމުގައި ޖެހި އުޚުރަވީ ހަޔާތް ބަރުބާދު ނުކުރުމަށް ހަނދާންކޮށްދެމުން، މިއަދުގެ ހުކުރު ޚުތުބާ "ހަގީގީ ހަޔާތަކީ އުހުރަވީ ހަޔާތް" މި މައުޟޫއަށް ހާއްސަކޮށްފިއެވެ.

ހުތުބާގައި ބުނީ ދުނިޔޭގެ ހަގީގަތަކީ މިއީ ރީތި ތަނެއް ނަމަވެސް އެހާމެ އަވަހަށް ފަނާވެދަނިވި، ވަގުތީ އުފަލެއްދޭ ތަނެއް ކަމަށެވެ.

"ދުނިޔެއަކީ ވާދަވެރި ކަމުގެ ތަނެއް. (އެއީ) ހައްގާއި ބާތިލުގެ ވާދަވެރިކަން. (ދުނިޔެއަކީ) މުއުމިނުންނާ ފާޖިރުން އިމްތިހާނު ކުރެއްވުމަށް ލައްވަވާފައިވާ ތަނެއް،" ހުތުބާގައި ބުންޏެވެ.

ދުނިޔެއަކީ ރަނގަޅު މީހުންނާއި ނުބައި މީހުން އިމްތިހާނު ކުރުމުގެ ގޮވެއްޗެއްކަމަށާއި، މިއީ ވަގުތީ ތަނެއް ކަމަށް ހުތުބާގައި ބުންޏެވެ. އަދި އާހިރަތުގެ ގޮވެއްޗަކީ ދާއިމީ މަންޒިލު ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.

އެހެންކަމުން ދުނިޔެއަށް ފޮނުއްވީ ހެޔޮ ގޮތުގައި ދުނިޔެ އާރާސްތުކޮށް، ހެޔޮގޮތުގައި މާތް ﷲ އަށް އީމާންވެ، އަދި ދުނިޔެއިން ފައިދާ ލިބިގަތުމާއެކު އުހުރަވީ ހަޔާތަށް ޓަކައި ހެޔޮ އަމަލު ކުރުން ކަމަށް ހުތުބާގައި ބުންޏެވެ.

ހަމައެއާއެކު، ދުނިޔެއަށް ވުރެ އާހިރަތުގެ އަގު ބޮޑުކަން ހަނދާންކޮށް، އުހުރަވީ ހަޔާތް ކާމިޔާބު ކުރުމަށް އެންމެހާ މުސްލިމުން މަސައްކަތް ކުރަން ހުތުބާގައި ގޮވާލިއެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ އިންސާނާގެ ދުނިޔަވީ ހަޔާތުގެ މިސާލަކީ، އޭނާގެ އުހުރަވީ ހަޔާތަށްޓަކައި ގޮވާންކުރާ ދަނޑު ބިމެއްގެ މިސާލު ކަމަށެވެ.

"އެބިމުން އޭނާ ރަނގަޅަށް ގޮވާން ނުކޮށްފިނަމަ، އޭނާގެ ވެރި ރަސްކަލާނގެ ހަޒުރަތަށް އޭނާ ދާނީ ހުސްއަތާ. ބުއްދިވެރިއަކީ އަބަދުމެ އުހުރަވީ ހަޔާތް ހިތް މައްޗަށް ގެނެސް، ހެޔޮގޮތުގައި ދުނިޔަވީ ހަޔާތުގެ ބޭނުން ހިފާ މީހާ،" ހުތުބާގައި ބުންޏެވެ.

އެހެންކަމުން އުހުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި، މާތް ﷲ އަށް އަޅުކަންކޮށް، ދީލަތިކަމާއެކު ހޭދަކޮށް އަދި ބިމުގައި ފަސާދަ ނުކޮށް، އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު އުޅެ، ދުނިޔެއާއި އާހިރަތް ލިބިގަތުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

އެމީހަކަށް މުދަލާ ފައިސާ ލިބިފައިވާނަމަ، އާހިރުގައި އޭގެ މަންފާ ކުރާނޭފަދަ ގޮތަށް މުދާ ހޯދުމާއި ހޭދަ ކުރުމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.

comment ކޮމެންޓް