ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް, ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ނިންމައިފިއެވެ.
މިއަދު ގައުމީ ކުތުބުހާނާގައި ބޭއްވި ހަފްލާއެއްގައި އެ ކުތުބުހާނާ ތަރައްގީ ކުރުމަށް ބީއެމްއެލްއިން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެެވެ.
އެ އެމްއޯޔޫގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ. އަދި ކުތުބުހާނާގެ ފަރާތުން ސޮއި ކުރެއްވީ ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގްއެވެ.

ޑިސެމްބަރު 09، 2021: ގައުމީ ކުތުބުހާނާ ތަރައްގީ ކުރުމާ ގުޅޭ އެމްއޯޔޫގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އާއި އާޓްސް, ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ސޮއިކުރެއްވުން-- ސަން ފޮޓޯ/މުހައްމަދު ހައްޔާން
މި މަޝްރޫއުގެ ދަށުން ގައުމީ ކުތުބުހާނާގެ މެއިން ރީޑިން އޭރިޔާ, ކިޔަވަތި ޑިސްކަޝަން ރޫމް, ސައިލެންޓް ރީޑިން އެންޑް ރިސާޗް ރޫމް, މޭކާސް ސްޕޭސް ރޫމް އަދި ނެޝަނަލް ކަލެކްޝަން ރޫމު އިތުރަށް ތަރައްގީކޮށް، ކުތުބުހާނާގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުން ކުރުމަށް ބަހައްޓާފައިވާ ކޮމްޕިއުޓާ ސިސްޓަމްތައް އަޕްގްރޭޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ކުތުބުހާނާއިން ކުރިއަށްގެންދާ ޑިޖިޓައިޒޭޝަން މަޝްރޫއަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނާ ވެސް ބީއެމްއެލްއިން ހަދިޔާކުރާނެއެވެ.
މުޅިން އަލަށް ކުތުބުހާނާގައި އޯޑިއޯ ރިކޯޑް ކުރެވޭނެ ބޫތެއް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކުރުމަށް ވެސް ހަމަޖެހިފައިވާއިރު، ގައުމީ ކުތުބުހާނާގެ ފޮތްތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރުމުގެ ގޮތުން ކުތުބުހާނާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކޮށްދިނުމަށް ވެސް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ވިދާޅުވީ ގައުމީ ކުތުބުހާނާއަކީ ތައުލީމާއި ހުނަރުވެރިކަން ތަރައްގީ ކުރުމަށް މުހިންމު އަދި ހުރިހާ އުމުރުފުރަޔަކަށްވެސް ބޭނުންވާ މައުލޫމާތު ހޯދުމަށް މުހިންމު ތަނެއް ކަމަށެވެ.
ގައުމީ ބޭންކުގެ ހައިސިއްޔަތުން ކުތުބުހާނާއަށް ބަދަލު ގެނެސް މިފަދަ ބޮޑު ތަރައްގީގެ މަސައްކަތެއް ކޮށްދެވޭކަމީ ބީއެމްއެލްއަށް ލިބޭ ފަހުރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑިސެމްބަރު 09، 2021: ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ-- ސަން ފޮޓޯ/މުހައްމަދު ހައްޔާން
މިއީ އަންނަ އަހަރުގެ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ.
ފުރަތަމަ ހަރަކާތުގެ ގޮތުގައި "ބީއެމްއެލް ސްކޮލާޝިޕް ފަންޑު"ގެ ނަމުގައި ރާއްޖެއިން ބޭރުން ބޭންކިން އަދި ފައިނޭންސިންގެ ދާއިރާއިން ކިޔެވޭ ސްކޮލަޝިޕްތަކެއް ވަނީ ތައާރަފުކޮށްފައެވެ.
އެ ފަންޑުގެ ދަށުން ތިން ދަރިވަރަކަށް ސްކޮލަޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ފަންޑުގެ އަމާޒަކީ ބޭންކިން އަދި ފައިނޭންސިން ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމެވެ.