ޗެމްޕިއަންސް ލީގުގެ ތާރީހުގައި 1،000 ލަނޑު ހަމަކުރި ފުރަތަމަ ޓީމަކަށް ރެއާލް

ރޭގެ މެޗުގައި ކްރޫސް ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ--

ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ފުރަތަމަ 1000 ލަނޑު ހަމަކުރި ޓީމެއްގެ ގޮތުގައި ސްޕެއިންގެ ރެއާލް މެޑްރިޑުން ރެކޯޑް ހަދައިފިއެވެ.

ސަންތިއާގޯ ބެރްނަބެއު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިންޓަ މިލާން ބަލިކޮށް ރެއާލް މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު މެޗުގައި ރެއާލަށް 1000 ވަނަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 17 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސްއެވެ. އެގޯލާއެކު އޭނާ ވަނީ ރެއާލަށް 22 ގޯލު ކާމިޔާބު ކޮށްދީ 80 އެސިސްޓު ހަދާފައެވެ.

ރޭގެ މެޗަށް ބަލާލާއިރު، މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނުނުއިރު، މެދު ތެރޭގައި ބޯޅަ ހިފެެހެއްޓުމުގެ ބަދަލުގައި ދެ ޓީމުން ވެސް ދިޔައީ ލިބޭ ބޯޅަތަކުގައި އެޓޭކްކުރެވޭތޯ މަސައްކަތްކުރަމުންނެވެ.

ރޭގެ މެޗުގައި ކްރޫސް ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ--

ދެވަނަ ހާފުގައި ރެއާލުގެ ސްޕެއިންގެ މާކޯ އެސެންސިއޯ އޭރިއާ ބޭރުން ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ރީތި ބޯޅަ ވައްދާލަ ދިނީ މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ. އެގޯލާއެކު ރެއާލުން ޗެމްޕިއަންސް ލީގުގައި ވަނީ 1001 ގޯލު ޖަހާފައެވެ.

ރެއާލަށް ޝަރަފުވެރި ގޯލު ކާމިޔާބު ކޮށްދިން އުމުރުން 31 އަހަރުގެ ކުރޫސް ވަނީ ރެއާލަށް ވަރަށް ހިތްގައިމު ފްރީކިކް ގޯލުތަކެއް ކާމިޔާބު ކޮށްދީފައެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލަށް ގިނަ ގޯލުތަކެއް ކާމިޔާބު ކޮށްދިން އެޓީމުގެ ކުރީގެ ފޯވާޑް ކްރިސްޓިއާނޯ ރޮނަލްޑޯ ވަނީ ޖުމުލަ 135 ގޯލު އެލީގުގައި ޖަހާ ރެކޯޑް ހަދާފައެވެ. ހަމައެއާއެކު ރޮނަލްޑޯ އަކީ ރެއާލަށް އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްދިން ހުނަރުވެރި މޮޅު ފޯވާޑެވެ. އޭނާ ވަނީ ޖުމުލަ 450 ގޯލު ރެއާލަށް ކާމިޔާބު ކޮށްދީފައެވެ.

ހަމައެހެންމެ މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ވެސް އެންމެ ގިނަ ގޯލު އަދި މިހާތަނަށް ޖަހާފައިވަނީ ޕޯޗުގަލްގެ ތަރި ރޮނަލްޑޯއެވެ. ދެވަނައިގައި އޮތީ ރެއާލުގެ އެންމެ އިތުބާރު ހިފޭ ފޯވާޑް ކަރީމް މެންޒެމާ ފަސް ގޯލު ޖަހައިގެންނެވެ.

ރެއާލަށް ރޭގެ މެޗުން ލިބުނު މޮޅާއެކު ރެއާލް އޮތީ 15 ޕޮއިންޓް ހޯދައިގެން އެ ގުރޫޕުގެ އެއްވަނައިގައެވެ.

comment ކޮމެންޓް