ހާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭހެން އަތޮޅުތެރޭގައި ތިން ކެޓަގަރީއަކަށް ހިލޭ ބަހުގެ ހިދުމަތް

ފެބްރުއަރީ 3، 2021: ސަން ފޮޓޯ/ ފަޔާޒު މޫސާ

ހާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭހެން އަތޮޅުތެރޭގައި ވެސް ތިން ކެޓަގަރީއަކަށް ހިލޭ ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ، މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވެސް އަންނަމަހުން ފެށިގެން ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބަހުގެ ހިދުމަތް ހިލޭ ލިބިގެންދާނެ ކަމަށެވެ.

މިވަގުތު އަތޮޅުތެރޭގައި ބަހުގެ ހިދުމަތް ދެމުން ގެންދަނީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫ އާއި ދެމެދު ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ދެވޭ ބަހުގެ ހިދުމަތެއް ގޮތުގައެވެ.

އެމްޓީސީސީން ބުނީ އައްޑޫ، ފުވައްމުލައް އަދި ލ.އަތޮޅުގެ (ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫ) ރަށްތަކުގައި ބަހުގެ ހިދުމަތް ފެށުމަށްޓަކައި އައު ބަސްތަކެއް ހޯދުމުގެ މަސައްކަތް މިވަގުތު ކުރަމުންދާކަމަށެވެ.

މި އައު ބަސްތައް ލިބުމާއެކު ފުވައްމުލަކާއި ލ. އަތޮޅުގެ ރަށްތަކުގައިވެސް ބަހުގެ ހިދުމަތް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ، ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގުސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުން ކަމަށެވެ.

comment ކޮމެންޓް