ޓެގް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އުމަރު ނަސީރަށް ދައުވާކުރަން ފޮނުވައިފި

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޑީއެންއޭއިން ބޭއްވި ޖަލްސާގެ ތެރެއިން އުމަރު ނަސީރު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވިއިރު، ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި އެޅުވުމަށް ޓެގް ގަނެފައިވަނީ ކުންފުންޏަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އޭނާގެ މައްޗަށް ދައުވާ ،ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލަަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ 2015 ވަނަ އަހަރު ޓެގު ގަތުމަށް ހަވާލުކޮށްފައިވަނީ އުމަރު ނަސީރާ ވިޔަފާރީގެ ގޮތުން ގާތް ގުޅުމެއް އޮންނަ ކުންފުންޏަކާ ކަމަށެވެ.

އޭނާގެ މައްޗަށް ކުރަން އެދިފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނީ 2015 ވަނަ އަހަރު ޓެގު ގަތުމަށް ހަވާލުކޮށްފައިވަނީ އުމަރު ނަސީރާ ވިޔަފާރީގެ ގޮތުން ގާތް ގުޅުމެއް އޮންނަ ކުންފުންޏަކާ ކަމަށެވެ. އެގޮތުން އެކަން ހަވާލުކޮށްފައިވާ ސްޓެލްވާޓް މޯލްޑިވްސް ކުންފުނީގެ ހަތަރު ހިއްސާދާރުންނަކީ ވެސް އުމަރުގެ ވިޔަފާރީގެ ބައިވެރިން ކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ ޓެގް ހޯދުމާ ގުޅޭ ކަންކަން މިނިސްޓްރީން ކޮށްފައިވަނީ، އާންމު އުސޫލުތަކާ ހިލާފަށް، ސީދާ އުމަރުގެ ބެލުމުގެ ދަށުން ކަމަށް ތަހުގީގުން ހާމަވެފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

"އެހެންކަމުން، ސްޓެލްވާޓަކީ އުމަރު ނަސީރުއާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެކެވެ. އެހެންނަމަވެސް، ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު ނަސީރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއާގެ ގޮތުގައި އުމަރު ނަސީރު ބައިވެރިވެފައިވެއެވެ." އޭސީސީން ބުނެފައިވެއެވެ.

ހަމައެހެންމެ އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމައިފައިނުވާ ކަމަށާއި އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ބިޑު ކޮމެޓީއަށް ވެސް ހުށަހެޅުމެއް ނެތި ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް އެދި، އަދި އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި ފިނޭންސް މިނިސްޓްރީއަށް އުމަރު ނަސީރު ސޮއިކުރައްވައި، ސިޓީ ފޮނުވައިފައި ކަމަށް އޭސީސީން ބުންޏެވެ. އަދި މި އެޑްވާންސް ފައިސާ އެ ކުންފުންޏަށް ދީފައިވަނީ، އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށް ކަމާއި، އެ ކުންފުނިން ލޯނު ނަގަންޖެހޭތީކަން ތަހުގީގުން ހާމަވި ކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އުމަރު "ސަން"އަށް މިއަދު ވިދާޅުވީ އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ބިޑަށް ލުމަށްފަހު، އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަށް ކަމަށެވެ.

މިކަމުގައި ކޮރަޕްޝަނެއް ނޯންނާނެ ކަން ފާހަގަކުރައްވައި އުމަރު އިތުރަށް ވިދާޅުވީ އެ ކަމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައި، އޭސީސީގެ ކްރިއަރެންސް ވެސް ހޯދައިފައިވާނެ ކަމަށެވެ.

comment ކޮމެންޓް