އާ ވޭރިއަންޓް ފެނުމާއެކު ރާއްޖެއިން ހޮންކޮންގަށް ދަތުރުކުރުން މަނާކޮށްފި

ހޮންކޮންގް އެއާޕޯޓް: މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އެ ގައުމަށް ދަތުރު ނުކުރެވޭނެ-- ފޮޓޯ/ ދަ ސްޓޭންޑާޑް

ރާއްޖެއިން ކޮވިޑް-19ގެ އާ ވޭރިއަންޓް، އޮމިކްރޯން ފެނުމާ ގުޅިގެން، ރާއްޖެއިން ހޮންކޮންގަށް ދަތުރު ކުރުން އެ ގައުމުން މަނާކޮށްފިއެވެ.

ހޮންކޮންގަށް ދަތުރުކުރުން އެންމެ ހަރުކަށި އޭ ލިސްޓުގައި ރާއްޖޭގެ އިތުރުން ސެނެގާލް އަދި ޓިއުނީޝިއާ ވެސް ވަނީ ހިމަނައިފައެވެ.

ފާއިތުވީ 21 ދުވަސް ތެރޭގައި މި ތިން ގައުމަށް ދަތުރުކޮށްފައިވާ އެހެން ގައުމުތަކުގެ މީހުންނަށް، ޑިސެންބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ހޮންކޮންގަށް އެތެރެ ނުވެވޭނެއެވެ.

އޭ ލިސްޓު ގައުމުތަކަށް ދަތުރުކޮށްފައިވާ ހޮންކޮންގުގެ ރައްޔިތުންނަށް އެ ގައުމަށް އެތެރެވެވޭނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. ވެކްސިން ޖަހައިފައިވީނަމަވެސް އެމީހުން އެނބުރި ހޮންގްކޮންގަށް ދިއުމުން 21 ދުވަސް ވަންދެން ކަރަންޓީން ހޮޓަލެއްގައި ކަރަންޓީން ވާން ޖެހޭނެ އެވެ.

ހޮންކޮންގުން ރާއްޖެ އޭ ލިސްޓަށް ލައިފައިވަނީ ރާއްޖެއިން އޮމިކްރޯން ވޭރިއަންޓުގެ ކޭހެއް ފެނުމާ ގުޅިގެންނެވެ. އޮމިކްރޯންއަށް ރާއްޖެއިން ޕޮޒިޓިވްވީ ރާއްޖެ އައި ސައުތު އެފްރިކާ ފަތުރުވެރިއެކެވެ. މި ކޭހަކީ އާ ވޭރިއަންޓުގެ ކޭހެއްކަން ޔަގީންވީ މިދިޔަ މަހުގެ 30ވަނަ ދުވަހު ޖީނޯމިކް ސިކުއެންސިން ހެދުމަށް ރާއްޖެއިން ބޭރަށް ސާމްޕަލްތަކެއް ފޮނުވުމުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

އޮމިކްރޯންއަކީ "ވޭރިއަންޓް އޮފް ކޮންސާން" އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފައިވާ ވޭރިއަންޓެކެވެ. މިހާތަނަށް 46 ގައުމަކުން އެ ވޭރިއަންޓްވަނީ ފެނިފައެވެ.

comment ކޮމެންޓް