ހަގީގަތް ނުބަލައި ކުދިންގެ ބޮލުގައި ވައްކަމުގެ އިލްޒާމު އަޅުވާތީ ކަންބޮޑުވޭ: ދިއްދޫ އަމާން ވެށި

ހއ. ދިއްދޫ

ހއ. ދިއްދޫގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓަން ގާއިމުކޮށްފައިވާ އަމާން ވެށީގައި ތިބި ކުދިންގެ ބޮލުގައި ވައްކަމުގެ އިލްޒާމް އަޅުވާތީ ކަންބޮޑުވުން ފައުޅު ކޮށްފިއެވެ.

އަމާން ވެށީގައި ތިބި ކުދިބަޔަކު، ރޭގެ ދަންވަރު ވަގުތުގައި ރަށުތެރެއަށް ނުކުމެ ފިހާރައެއް ފަޅާލާފައިވާކަމުގެ އަޑުތަކެއް މިއަދު ވަނީ ފެތުރިފައެވެ.

އަމާން ވެށި ހިންގުމާ ހަވާލުވެ، ހުންނެވި އަބްދުﷲ ސިރާޖު "ސަން"އަށް ވިދާޅުވީ އެރަށު ފިހާރައެއް ފަޅާލައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގައި އަމާން ވެށީގެ ކުއްޖަކު ބައިވެރިނުވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

"އެކަމުގަ ބައިވެރިވީ ކޮންބައެއް ކަމެއް ނޭނގެ. ހަމަގައިމު ވެސް ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު އަމާން ވެށީގެ އެއްވެސް ކުއްޖަކު އިންވޯލްވާ ކަމެއް މިހާތަނަށް އެނގިފަ ނެތް. އެހެން ކަމަށް ފުލުހުން ވިދާޅުވަނީ،" ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އެ ފިހާރަ ފަޅާލައިގެން ވައްކަންކުރި ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެނީ ރޭ މެންދަމުން އަލިވެ، ގާތްގަނޑަކަށް 3:40ހާއިރު ކަމަށާއި އެ ގަޑީގައި އަމާން ވެށީގެ ކުއްޖަކު ބޭރަށް ނުނިކުންނަކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަން ކެރޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކަމުގެ އެކޮޅާއި މިކޮޅު ރަނގަޅަށް ނުބަލައި، ކުޑަކުދިންތަކެއްގެ ބޮލުގައި ވައްކަމުގެ ތުހުމަތު އެޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

"ދައުލަތުން ބަލަހައްޓަމުން އަންނަ ކުޑަކުދިން ތަކެއްގެ އަބުރަށް ހުތުރުވާ ގޮތަށް އޮންލައިން ނޫހެއްގަ މިވާހަކަ ލިޔުން އެއީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން. ތަނަކުން އަޑުއިވޭހާ ވާހަކައެއް ނޫހުގަ ޖަހަން ހެޔޮވެސް ނުވާނެ،" ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އަމާން ވެށީގައި ތިބޭ ކުދިންގެ ފަރާތުން އެއްވެސް މައްސަލައެއް އަދި މިހާތަނަށް ފާހަގަ ކުރެވިފައިނުވާ ކަމަށާއި އަދި ރަށުތެރެއިން ވެސް އެފަދަ ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަމާން ވެށީގައި ތިބި ކުދީންގެ ބޮލުގައި އެފަދަ އިލްޒާމްތައް އަޅުވަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

ދިއްދޫގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓަން ގާއިމުކޮށްފައިވާ އަމާން ވެށީގައި މިވަގުތު ތިބީ 18 ކުދިންނެވެ.

comment ކޮމެންޓް