ށ. ފީވަކުގެ ފެނުގެ ނިޒާމުގެ މަސައްކަތް މާލެ ވޯޓާ އެންޑް ސިވެެރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މަޝްރޫގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.
ފީވަކުގެ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތަކީ ޖުމްލަ 49.60 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫގެ މަސައްކަތުގެ ދަށުން 9.18 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅާނެއެވެ. އަދި އާރްއޯ ފެސިލިޓީގެ އިމާރާތް ގާއިމްކޮށް ދެ އާރްއޯ ޕްލާންޓް ބަހައްޓާނެއެވެ. މީގެ އިތުރުން ފެން ރައްކާތެރިކުރުމަށް ތިން ތާނގި ބަހައްޓާނެއެވެ. އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުކޮށް ތަހުލީލުކުރުމަށް ޓަކައި ބޭނުންވާ ވަަސީލަތްތައް ވެސް ފޯރުކޮށްދޭނެއެވެ.
ހަމައެއާއެކު ގޭތަކުގައި ފެން މީޓަރު ހަރުކޮށް، ފެނުގެ ކަނެކްޝަން ގުޅައިދޭނެއެވެ. އަދި ފެނުގެ ނިޒާމު ހިންގަން ބޭނުންވާ ޖަނަރޭޓަރު ވެސް ފޯރުކޮށްދޭނެއެވެ.
މި މަޝްރޫގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ހޮޅި ވަޅުލުމުގެ މަސައްކަތެވެ. އަދި އާރްއޯ ފެސިލިޓީގެ އިމާރަތް ގާއިމްކުރުމުގެ މަސައްކަތެވެ.
މަޝްރޫގެ މަސައްކަތް އިފްތިތާހުކުރަން މިއަދު އޮތް މި ރަސްމިއްޔާތުގައި ބައެއް މަޖިލިސް މެމްބަރުންގެ އިތުރުން އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓްގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.
އެ ކުންފުނިން ބުނީ އެ ކުންފުނީގެ އަމާޒަކީ ވީހާ ވެސް އަވަހަަށް މި މަޝްރޫގެ މަސައްކަތް ނިންމުންކަމަށެވެ. އަދި ރައްކާތެރި ބޯފެން އެ ރަށުގެ ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހުންކަމަށެވެ.