ވޯލްޑް ކަލިނަރީ އެވޯޑްސްގެ އެންމެ މޮޅު އިންސްޓިޓިއުޝަން އެވޯޑް އެފްއެޗްޓީއެސްއަށް

ވޯރލްޑް ކަލިނަރީ އެވޯރޑްސްގެ އެންމެ މޮޅު އިންސްޓިޓިއުޝަން އެވޯޑް އެޗްއެފްޓީއެސް އަށް -- ފޮޓޯ/ އެމްއެންޔޫ

'ވޯލްޑް ކަލިނަރީ އެވޯޑްސް'ގެ 'އިންޑިއަން އޯޝަން' ކެޓެގަރީ އިން 'ބެސްޓް ކަލިނަރީ އިންސްޓިޓިއުޝަން'ގެ އެވޯޑް ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)އިން ހާސިލްކޮށްފިއެވެ.

މިއެވޯޑް ފެކަލްޓީއަށް ލިބުނުކަން އިއުލާނު ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ވޯލްޑް ކަލިނަރީ އެވޯޑްސްގެ ވެބްސައިޓްގައެވެ.

https://worldculinaryawards.com/award/indian-ocean-best-culinary-training-institution/2021

އެމްއެންޔޫގެ އެފްއެޗްޓީއެސް އަށް މި އެވޯޑް ލިބިފައިވަނީ ސީޝެލްސް އާއި މޮރިޝަސް އިން މިދާއިރާއަށް ނޮމިނޭޓްވެފައިވާ ތިން އިންސްޓިޓިއުޝަނަކާ ވާދަ ކޮށްގެންނެވެ.

މީގެ ތެރޭގައި މިދިޔަ އަހަރު މިއެވޯޑް ކާމިޔާބުކުރި މޮރިޝަސްގެ އޮލިވާ ކަލިނަރީ ސްކޫލްވެސް ހިމެނެއެވެ.

މި އެވޯޑަށް ނޮމިނޭޓް ވަނީ ކެއްކުމުގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރާ މަސައްކަތާއި، އެދާއިރާއިން ހޯދާފައިވާ ކާމިޔާބީއާއި ކުރިއެރުންތަކަށް ބަލާފައެވެ.

އެގޮތުން ކެއްކުމުގެ ދާއިރާގެ ތަފާތު ކޯސްތައް ހިންގުމާއި، ދުނިޔޭގެ ފެންވަރުގަޔާއި ގައުމީ ފެންވަރުގައި ބޭއްވޭ ތަފާތު ކެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވުން ހިމެނެއެވެ.

މި އެވޯޑަށް އެމްއެންޔޫގެ އެފްއެޗްޓީއެސް ނޮމިނޭޓް ވެފައިވާކަން އިއުލާނު ކޮށްފައިވަނީ މިއަހަރުގެ މޭ މަހުގައެވެ. އަދި މި އެވޯޑަށް ހުށަހެޅުނު ފަރާތްތަކަށް ވޯޓު ދިނުން ހުޅުވާލާފައިވަނީ ސެޕްޓެމްބަރު 17 އާއި ހަމައަށެވެ.

އެވޯޑަށް ނޮމިނޭޓްވުމާ ގުޅިގެން ފެކަލްޓީއިން ވަނީ މީސްމީޑިޔާ މާކެޓިން ކެމްޕޭނެއް ކުރިޔަށްގެންގޮސްފައެވެ. އަދި ޔުނިވާސިޓީގެ ދަރިވަރުންނާއި، މުވައްޒަފުންގެ އިތުރުން އާންމު ގިނަ ބަޔަކު ވަނީ ވޯޓު ދިނުމުގައި ބައިވެރިވެފައި ކަމަށް އެމްއެންޔޫއިން ބުންޏެވެ.

މި އެވޯޑް ލިބުމުން އެފްއެޗްޓީއެސްގެ ޑީން، ޒީނަތު ސޯލިހު ވިދާޅުވި ގޮތުގައި، ކެއްކުމުގެ ދާއިރާއިން މިފަދަ އެވޯޑެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ހޯދައި ދެވުމަކީ ޔުނިވާސިޓީއަށާއި ފެކަލްޓީއަށް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ.

ހަމައެއާއެކު، މި އެވޯޑް ހާސިލް ކުރުމަށްޓަކައި ޔުނިވާސިޓީގެ ސީނިއާ މެނޭޖްމަންޓާއި، ފެކަލްޓީ، ސެންޓަރުތައް، އަދި ކެމްޕަސްތަކުގެ ވެރިންނާއި، ފެކަލްޓީގެ މުވައްޒަފުންނާއި، ސްޓާފުންނާއި، ދަރިވަރުން، އަދި ހެޔޮއެދޭ ފަރާތްތަކުން ދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި ޒީނަތު ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

މީގެ އިތުރުން މި ރަންވަނައިގެ ޝަރަފު ދެމެހެއްޓުމަށްޓަކައި، ރަނގަޅު ފެންވަރުގެ ތަމްރީނާއި ތައުލީމު ފޯރުކޮށްދިނުމުގައި ސާބިތުކަމާއި އެކު ދެމިތިބޭނެ ކަމަށް ޒީނަތު ވިދާޅުވިއެވެ. އަދި އަންނަ އަހަރުވެސް މި އެވޯޑް ހާސިލްކުރުމަށް އުންމީދުކުރައްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވޯލްޑް ކަލިނަރީ އެވޯޑަކީ 1994 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯލްޑް ޓްރެވަލް އެވޯޑްސް ސިލްސިލާގެ ބައެކެވެ.

ވޯލްޑް ކަލިނަރީ އެވޯޑްސް ދޭން ފަށާފައިވަނީ މިދިޔަ އަހަރުން ފެށިގެންނެވެ. މި އެވޯޑަކީ ކެއްކުމުގެ ދާއިރާގެ ކުރިއެރުންތައް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

މިއެވޯޑްގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި އެކިއެކި ގައުމުތަކާއި ސަރަހައްދުތަކުން ހޮވާލެވޭ "ބެސްޓް ރޫފްޓޮޕް ރެސްޓޯރަންޓް"، "ބެސްޓް ކަލިނަރީ ފެސްޓިވަލް" އަދި "ބެސްޓް ފައިން ޑައިނިން ހޮޓެލް ރެސްޓޯރަންޓް" ހިމެނެއެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއަކީ 1987 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރަމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ މުއައްސަސާއެވެ.

މިފެކަލްޓީގައި ގާތްގަނޑަކަށް 600އެއްހާ ދަރިވަރުން ދަނީ މިހާރުވެސް ތައުލީމު ހާސިލްކުރަމުންނެވެ. މިފެކަލްޓީއިން ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ހައުސްކީޕިން، ފްރަންޓް އޮފީސް، ޕެޓިސެރީ، ކަލިނަރީ އާޓްސް، ޓުއާ ގައިޑިން، އަދި ޓޫރިޒަމް އާއި ހޮސްޕިޓާލިޓީ މެނޭޖްމަންޓް ހިމެނެއެވެ. އަދި މިދާއިރާތަކުން ސެޓްފިކެޓް ލެވެލް ތިނެކުން ފެށިގެން، އެޑްވާންސް ސެޓްފިކެޓް، ބެޗެލާސް ޑިގްރީ، އަދި މާސްޓާސް ޑިގްރީއާ ހަމައަށް ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

comment ކޮމެންޓް