އަހަރީ ފީގެ ފައިސާ ދައްކަން އޮތް މުއްދަތުގައި ވާނީ ދައްކާފަ: މޯލްޑިވިއަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި މޯލްޑިވިއަންގެ ފްލައިޓެއް --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

ކުންފުނީގެ އަހަރީ ފީގެ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ވާނެކަމަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން މިހެން ބުނެފައި ވަނީ، އަހަރީ ފީ ނުދައްކައިގެން އިކޮނިމިކް މިނިސްޓްރީން އުވާލަން ނިންމި ކުންފުނިތަކުގެ ލިސްޓުގައި މޯލްޑިވިއަންގެ ނަންވެސް ހިމެނުމާ ގުޅިގެންނެވެ.

ނަމަވެސް އެ ލިސްޓު ޝާއިއު ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިނިސްޓްރީން ވަނީ ލިސްޓް ނަގާފައެވެ.

އިކޮނިމިކް މިނިސްޓްރީން "ސަން" އަށް ވިދާޅުވީ ލިސްޓް ނެގީ ކުޑަ މައްސަލައަކާ ގުޅިގެން ކަމަށާއި، މިއަދުގެ ވަގުތެއްގައި އަލުން ލިސްޓު އާއްމު ކުރާނެ ކަމަށެވެ.

އިކޮނިމިކް މިނިސްޓްރީގެ އިއުލާނުގައި ވާގޮތުން، އަހަރީ ފީ ނުދައްކައިގެން 3967 ކުންފުންޏެއް އުވާލަން އެ މިނިސްޓްރީން ވަނީ ނިންމާފައެވެ. ނަމަވެސް ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް ހިންގަން ބޭނުންވާ ނަމަ އަންނަ މަހުގެ ނިޔަލަށް އެކަން ހުށަހަޅަން މިނިސްޓްރީން ވަނީ އެދިފައެވެ.

comment ކޮމެންޓް