19:00
ގާނޫނާ ގަވާއިދާ ހިލާފަށް، ސަރުކާރުގެ އެންގުމަށް ޕީއޭގެ ރައީސް އަބްދުﷲ ޔާމީން, ސިފައިން ހައްޔަރުކޮށްގެން އުޅޭ މައްސަލައާ ގުޅިގެން، އޭނާގެ މަޝްހޫރުކަމާއި މަގްބޫލުކަން ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ޕީއޭގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފު އާދަމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ސިޔާސަތާއި، ޔާމީން ހައްޔަރުކޮށްފައިވާ މައްސަލައާ ގުޅިގެން އިދިކޮޅު ހަތަރު ޕާޓީ ކަމުގައިވާ، ޑީއާރުޕީ އާއި ޕީއޭ އާއި، ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ ގުޅިގެން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން ޝަރީފު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ބާއްވަމުންގެންދާ ސިލްސިލާ އެއްވުންތަކުގެ ތެރެއިން ރޭ ބޭއްވި އެއްވުމުގައި، ޔާމީން ދޫކޮށްލުމަށް ގޮވާލައި ފަށައިފައިވާ ކެމްޕެއިން އޭނާ ދޫކޮށްލަންދެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ދުވަސްރަކީ ގާނޫނު އަސާސީ، ހިމާޔަތްކުރަން ހުވާކޮށްގެން ތިބި މީހުން ގާނޫނު އަސާސީ އާއި ގާނޫނުތައް މުގުރަމުންދާ ދުވަސްވަރެއް ކަމަށް ވިދާޅުވެ، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރަށް، ޕޮލިހާއި ސިފައިން ފަދަ ޔުނީފޯމު މުއައްސާތަކުން ބާރުފޯރުވުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ސަރުކާރުން ކުރަމުންގެންދާ ކަންތައްތަކުގައި ފުލުހުންނާއި ސިފައިންވެސް މިހާރު ބައިވެރިވެފައިވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރަކީ، ފެއިލްވެ ގޮތް ހުސްވެގެން ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން ސިޔާސީ ލީޑަރުންނާ ދިމާކުރަމުންދާ ސަރުކާރެއް ކަމަށް ވިދާޅުވެ ސަރުކާރުގެ ސިޔާސަތުތަކަށް ޝަރީފް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ގައުމު މިހާލަތަށް ގޮސް ގާނޫނު ނުގެހެއްޓިއްޖެނަމަ ހީނުކުރާވަރުގެ ގެއްލުމެއް މުޅި ގައުމަށް ދިމާވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. ޝަރީފް އަދި ވިދާޅުވީ، ޔާމީން ހައްޔަރުކޮށްފައިވާ މައްސަލައިގައި ވާހަކަ ދެއްކުމަށް ސަރުކާރުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެއީ ގާނޫނާ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއްކަމުން އެކަމުގައި ވާހަކަ ދެއްކުން އޮންނަންޖެހޭ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ކޮންމެ ކަމެއްގައި ވެސް ވާހަކަ ދެއްކުމަށް ޑީއާރުޕީ އޮތީ ތައްޔާރަށް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.