ކޮންޓިންޖެންސީ ބަޖެޓުން ރައީސް ޔާމީންގެ އިނާޔަތްތަކަށް ހަތަރު މިލިއަން ރުފިޔާ ހަމަޖައްސައިިފި

ރައީސް ޔާމިންގެ ޝަރީޔަތް ނިމުމުގެ އުފާ ފާޅުކުރުން --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބެންޖެހޭ އިނާޔަތްތައް އެ މަނިކުފާނަށް ދިނުމަށް ޓަކައި ކޮންޓިންޖެންސީ ބަޖެޓުން އެ މަނިކުފާނުގެ އިނާޔަތްތަކަށް ހަތަރު މިލިއަން ރުފިޔާ ހަމަޖައްސަައިފިއެވެ.

ދައުލަތުން އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތުގެ ފައިސާ ހަމަޖައްސަައިފައިވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށެވެ.

ގާނޫނު ބުނާގޮތުން ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީ އާއި ފައިސާގެ އިތުރުން އޮފީހެއް ހިންގުމުގެ ހަރަދު ހިމެނެއެވެ. ޖަލަށް ލާން ހުކުމް ކުރި ހިސާބުން އެ އިނާޔަތްތައް އޮތީ މެދުކެނޑިފައެވެ. ނަމަވެސް މިހާރު އެ މަނިކުފާނަށް އެމްއެންޑީއެފުން ސެކިއުރިޓީ ދޭންވަނީ ފަށާފައެވެ.

ނަމަވެސް އިއްޔެ ސުޕްރީމް ކޯޓުންވަނީ އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށްފައެވެ. އެއާއެކު އަލުން އެ މަނިކުފާނަށް ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިނާޔަތްތަކާއި ސެކިއުރިޓީގެ ހިދުމަތް ދައުލަތުން އެ މަނިކުފާނަށް ލިބިގެންދާނެއެެވެ.

ރައީސް ޔާމީނަށް އިނާޔަތް ހަމަޖެއްސުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އަހްމަދު ލަމާން "ސަން"އަށް ވިދާޅުވީ ރައީސް ޔާމީނަށް ލިބެންޖެހޭ އިނާޔަތްތައް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެ މަނިކުފާނަށް ލިބޭތޯ ކަށަވަރުކުރާނެކަމަށެވެ.

"މީގެ ކުރިން ވެސް މިކަހަލަ ހާލަތެއް އައި. ރައީސް ޔާމީން 2018ގައި ބަޖެޓު ފާސްކުރިއިރު ރައީސް ނަޝީދަށާއި ރައީސް މައުމޫން ހުކުމެއްގައި ހުރީމަ އިނާޔަތްތައް ނުދޭ. ހަމަ ކޮންޓިންޖެންސީ ބަޖެޓުން އިނާޔަތް ހަމަޖެހުނީ، ހަމަ އެގޮތަށް މިފަހަރު ރައީސް ޔާމީން މިނިވަންވުމާއެކުު އެ ލިބެންޖެހޭ އިނާޔަތް ގާނޫނާއި ގަވާއިދުގެ ތެރެއިން ކޮންޓިންޖެންސީ ބަޖެޓުން ލިބޭނެ،" ލަމާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއެކު ރައީސް ޔާމީން މިނިވަންވެފައިވާކަމަށެވެ. އެހެންކަމުން މި ޑިސެމްބަރު މަހުން ފެށިގެން އިނާޔަތް ލިބޭނެކަމަށެވެ.

ރައީސް ޔާމީނަށް އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 358،333.33 ރުފިޔާ ލިބޭނެއެވެ.

comment ކޮމެންޓް