ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވާ އިއްޔެ ނެރުއްވި ގަރާރުގައި ވަނީ މި މަހު 30ގެ ނިޔަލަށް ކުއްލި ހާލަތުގެ މުއްދަތު ދަންމާލަން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު އެގޮތަށް ނިންމެވީ، ރައްޖޭގައި އަދިވެސް ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތުމުން، އެ ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވުމުން ކަމަށް ގަރާރުގައިވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 12ގައެވެ. އެ ފަހަރު އެ މުއްދަތު އިއުލާނުކޮށްފައިވަނީ 30 ދުވަހަށެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ މަހަކު ވެސް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވަމުން އަންނަ އަދަދުތައް ކޮންމެ ދުވަހަކު ވެސް އުޅެނީ 100އިން މަތީގައެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު މަދު ނަމަވެސް އަތޮޅު ތެރެއިން ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކު ވެސް ބައްޔަށް އަންނަނީ ޕޮޒިޓިވް ވަމުންނެވެ.