ސަމާލުވޭ! ފޭސްބުކް އައިޑީ އަތުލައިގެން ފައިސާ ހޯދުން އިތުރުވެއްޖެ

ފޭސްބުކްގެ ސެކިޔުރިޓީ މައްސަލަތައް ވަނީ ބޮޑުވެފައި--

މީހުންގެ ފޭސްބުކް އެކައުންޓަށް ވަދެ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލައަކީ މުޖުތަމައުގައި ވަރަށް އާއްމުވެފައިވާ މައްސަލައެކެވެ. އެގޮތަށް އެކައުންޓަށް ވަނުމަށްފަހު، އެކައުންޓްގެ ވެރިފަރާތުގެ އެކުވެރިންނާ އާއިލާ މީހުނަށް މެސެޖުކޮށް، ފަހުން ދޭ ގޮތަށް ރުފިޔާކޮޅެއް ދިނުމަށް އެދެނީއެވެ. މެސެޖް ލިބޭ މީހުންވެސް، މެސެޖް ކުރީ ގާތް ރައްޓެއްސަކަށް ނުވަތަ އާއިލަ މީހަކަށް ވާތީ އެހީއެއް ވެދިނުމުގެ ގޮތުން ފައިސާ ފޮނުވަނީއެވެ.

ނަމަވެސް ރުފިޔާ މި ފޮނުވުނީ އެކައުންޓް ހެކްކޮށްގެން އުޅޭ އެހެންމީހަކަށް ކަން ރޭކާ ލަނީ ރުފިޔާ ފޮނުވުނު ފަހުންނެވެ. ދެން އަނބުރާ އެ ފައިސާ ހޯދޭނެ ގޮތެއް ނޯވެއެވެ.

ހެކަރުންގެ އުކުޅުތައް މާ މޮޅު!

އަލީ އާދިލް (އަސްލު ނަމެއް ނޫން) ތުރުކީއަށް ދާން އެއާޕޯޓުގައި ހުއްޓާ ފޯނެއް އައެވެ. އެކޮޅުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި އެއީ ސިޔާސީ ކަމެއްގައި 10 އަހަރު ވަންދެން ޖަލުގައި އޮތުމަށްފަހު މިއަދު މިނިވަން ވި މީހެކެވެ. އާދިލް މިހާރު ގެންގުޅޭ ނަންބަރަކީ އޭނާ ޖަލަށް ދިޔުމުގެ ކުރިން ގެންގުޅުނު ނަންބަރަށް ވާތީ، އޭނާގެ ފޭސްބުކް ޕާސްވޯޑް ދާނީ އާދިލްގެ ނަންބަރަށް ކަމަށް ބުންޏެވެ. އެހެންކަމުން އެ ޕާސްވޯޑް ހިއްސާކޮށްލަދޭން އެދުނެވެ.

މީހަކަށް ހެޔޮކަމެއް ކޮށްދިނުމުގެ ނިޔަތުގައި، އާދިލް ދަތުރު ފެށީ އެ ނަންބަރަށް ޕާސްވޯޑް ފޮނުވައިދިނުމަށް ފަހުގައެވެ.

އާދިލް ފްލައިޓް މަތީގައި އަށް ވަރަކަށް ގަޑިއިރު ހޭދަކުރި އިރު، އޭނާއަށް ފޯނުކުރި މީހާ ދިޔައީ އާދިލް ފޮނުވި ޕާސްވޯޑުގެ އެހީގައި އާދިލްގެ ފޭސްބުކް އެކައުންޓުން މީހުނާ ވާހަކަ ދައްކައި، ފައިސާ ހޯދަމުންނެވެ. ދަތުރު ނިންމައި އެކަން އެނގުނު ހިސާބުން ފުލުހަށް ރިޕޯޓްކޮށް މައްސަލަ ބަލަންފެށީއެވެ.

މީހުންގެ ފޭސްބުކް އެކައުންޓުތައް ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަ އޮތީ ބޮޑުވެފައި --

ސައިބާ ކްރައިމް ޔުނިޓްގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް މުހައްމަދުފުޅު ވިދާޅުވި ގޮތުގައި މުޅި ރާއްޖެއިން ދުވާލެއްގެ މައްޗަށް، މިފަދަ 10-5 މައްސަލަ ފުލުހަށް ހުށަހަޅައެވެ.

އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އަވަހަށް ދެނެގަނެވޭ މީހުން ވަގުތުން ފުލުހަށް ނުވަތަ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް ގުޅައިގެން އެ މައްސަލަ ހިއްސާ ކުރުމުން، ވަގުތުން ވަގުތަށް އެކަމުގައި ކުރެވޭނީ ކޮން ކަމެއްތޯ ފުލުހުން ބަލައެވެ.

ފޭސްބުކް އެކައުންޓް ހެކްކޮށްގެން ހުރިހާ ފަހަރު ފައިސާ ނުހޯދުނު ކަމުގައި ވިޔަސް، އެގޮތަށް އެކަން ވާ ހާލަތްތަކުގައި 5000 ނުވަތަ 10،000 ރުފިޔާވެސް ހޯދާފައި ވާކަމަށް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް މުހައްމަދުފުޅު ވިދާޅުވިއެވެ.

ބައެއް ފަހަރަށް މަދު އަދަދެއްގެ ފައިސާ އެގޮތަށް ހޯދި ނަމަވެސް، އެ ފައިސާކޮޅަކީވެސް ބައެއް މީހުނަށް ވަރަށް ބޮޑު އެއްޗަކަށް ވެދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައްކާތެރި ގޮތަކީ އެކަމަށް ހޭލުންތެރި ވުން ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެއީ ހެކް ކުރުމެއް ނޫން! ކީއްވެ؟

އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް މުހައްމަދުފުޅު ވިދާޅުވާ ގޮތުގައި އެގޮތަށް ކަންތައް ކުރުމަކީ ހެކް ކުރުން ގޮތުގައި ނުބެލެވޭނެ ކަމަށާއި، އަނެކާގެ އަތުން ކޯޑު ހޯދައިގެން އެކައުންޓަށް ވަންނާތީ، އެއީ 'އޮތޮރައިޒް' ލިބިގެން އެކައުންޓަށް ވަންނަނީ ކަމަށެވެ.

ފޯނަށް އަންނަ ޕާސްވޯޑް ހިއްސާކުރުމުން އެ ދެވެނީ ހުއްދައެއް ކަމަށާއި، އެއީ އޮޅުވާލައިގެން ކުރާ ކަމެއް ނަމަވެސް، ހެކް ކުރުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް މީހަކު އޭނަގެ ގޭގެ ބޭރުގަ ހުއްޓަ (އެހެން މީހެއް) އައިސް މިބުނަނީ ތިމަންނަ ކުރިން މި ގޭގައޭ އުޅުނީ، ތިމަންނަގެ ގެއޭމީ، ތިމަންނަގެ ތަޅުދަނޑި ވީ ތިމީހާ އަތުގައޭ، ތިމަންނައަށް ތަޅުދަނޑި ލިބިދާނެހޭ. ބުނީމަ އޭނަ މިދިނީ ތަޅުދަނޑި. ދިނީމަ މީނަ ގޮސް ވި ވަނީ. އެހެންމަ ގާނޫނު ބުނާގޮތުން ވެއްޖެއްޔާ ވަދެވިފަ އެހެރީ ހުއްދަ ހޯދައިގެން،" ހެކް ކުރުން ނޫންކަން ތިލަކޮށްދީ އިބްރާހިމް ވިދާޅުވިއެވެ.

މިކަމުގެ ނުރައްކަލަކީ ކޮބާ؟

މިފަދަ ކަމެއް މެދުވެރި ވެއްޖެ ނަމަ، އެކަމަކުން އަރައިގަންނަން ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަން އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް މުހައްމަދުފުޅު ވިދާޅުވިއެވެ.

"މިކަން ހިނގީމަ، މިކަމުން އަރައިގަންނަން ކުރަން ޖެހޭ މަސައްކަތަކީ ދިގު މަސައްކަތަކަށް ވާތީވެ އުނދަގޫވަނީ،" ފޭސްބުކް ބޭނުންކޮށްގެން ފައިސާ ހޯދާ މައްސަލަ ދިމާވުމުން ކުރިމަތިވާ އުނގަދޫތައް ހިއްސާކުރައްވަމުން އިބްރާހިމް ވިދާޅުވިއެވެ.

ފޯނަށް އަންނަ ޕާސްވޯޑް ހިއްސާކުރުމާއެކު، އެ ހޯދަން ގުޅާ މީހުނަށް ރަނުގެ ފުރުސަތެއް ލިބެއެވެ. އެގޮތުން އެކައުންޓަށް ވަދެ، ޕާސްވޯޑް ހަނދާން ނެތުނީ ކަމަށް ޖަހައި، އެ އެކައުންޓްގެ ފޯނު ނަމްބަރާއި އީމެއިލް ފުހެލައެވެ. އަދި އެހެން ނަންބަރަކާއި މެއިލް އެއް ޖަހައެވެ.

އެކައުންޓްގެ ވެރިފަރާތުން އެކައުންޓަށް ވަންނަން އުޅުމުން މައްސަލަ ދިމާވަނީ މިހާ ހިސާބުންނެވެ.

އެކައުންޓް ރިކަވާ ނުކުރެވޭ އެއް ސަބަބަކީ ފޭސްބުކްގައި ލިޔެފައިވާ ނަމުގެ ސަބަބުން!

އެކަރުންޓްގެ ވެރިފަރާތުން އެކައުންޓް އަލުން ހޯދަން މަސައްކަތް ފަށަނީ މިހާހިސާބުންނެވެ. ނަމަވެސް އެކައުންޓްގެ ނަމުގެ ގޮތުގައި ޖަހާފައިނާ ނަމުގެ ސަބަބުން އެކަމަށް ހުރަސް އެޅެއެވެ.

"ދިވެހިން އާއްމުކޮށް ކިޔާ ނަންނަމުންނެއް ނޫން އާއްމުކޮށް ފޭސްބުކް ހުޅުވާފަ ހުންނަނީ. އެހެންވީމައި ފޭސްބުކްގެ ވެރިފިކޭޝަން އަށް އެމީހުން މި ބޭނުން ކުރަނީ ޕާސްޕޯޓުގެ ކޮޕީއެއް ނޫނީ އައިޑީކާޑުގެ ކޮޕީއެއް،" އިބްރާހިމް ވިދާޅުވިއެވެ.

ކަން މިހެން ހުރުމާއެކު 'އައިޝަތު އަލީ' ހުޅުވާފައިވާ ފޭސްބުކް އެކައުންޓްގައި 'ޕްރިންސެސް އައިޝް' ޖަހާފައި އިންނަމަ، ވެރިފިކޭޝަން މަރުހަލާގައި ކާމިޔާބު ނުވެއެވެ.

އަނެއްކޮޅުން ފޭސްބުކް އެކައުންޓްގައި ޕާސްވޯޑް ރައްކާކޮށްފައި ނުވަތަ ލިންކް ކޮށްފައި ހުންނަ ނަމަވެސް މިފަދަ ހާދިސާތަކުން އަރައިގަންނަން އުނދަގޫވެއެވެ.

އެގޮތުން ފޭސްބުކްއަށް ވަންނަ އީމެއިލް އަދި ހަމަ އެ ޕާސްވޯޑް ޖަހައިގެން އިންޓަނެޓް ބޭންކިން ފަދަ ހުރިހާ އެއްޗަކަށް ވަންނަ، ފޭސްބުކް އެކައުންޓަށް ދިމާވާ މިފަދަ ކަންކަމުން ބޮޑު ގެއްލުމެއް ލިބުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

އެކައުންޓްގެ ވެރިފަރާތަށް، އޭނާގެ އެކައުންޓަށް މިފަދަ މައްސަލައެއް ދިމާވެގެން އުޅޭކަން އެނގޭއިރު ޕާސްވޯޑް ދެވުނު މީހާ، ވެރިފަރާތުގެ ނަންމަތީ ފައިސާ ހޯދުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރަމުން ދެއެވެ.

ފައިސާ ފޮނުވިއްޖެނަމަ ހަދާނީ ކިހިނެތް؟

ފޭސްބުކްއިން ފައިސާ މި ފޮނުވުނީ އޮޅުވާލައިގެން އުޅޭ މީހަކަށް ކަން އެނމުން ނުވަތަ އެހެން މީހަކަށް މިފަދަ ކަމެއް ދިމާވެގެން އުޅޭކަން އެނގުމާއެކު، ފައިސާ ޖަމާ ކުރެވުނު އެކައުންޓްގެ މައުލޫމާތު، ބީއެމްއެލްއަށް ގުޅައި ހިއްސާކުރަން ޖެހެއެވެ.

އެހިސާބުން ބީއެމްއެލްގައި އެފަދަ ހާލަތްތަކުގައި ކަން ކުރަން އޮންނަ އުސޫލުގެ ދަށުން އެކަން ބަލަން ފަށާނެއެވެ.

މިފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ބަލާނީ މައްސަލައިގައި ޖިނާއީ ކަންތައްތަކަށް ބަލައި ތަހުގީގު ކުރިއަށް ގެންދާނީއެވެ.

މިފަދަ ކަންކަން މަދުކުރެވޭނީ މީހުން ހޭލުންތެރިވެގެން!

އޮޅުވާލައިގެން ފައިސާ ހޯދުން ދުވަހެއް ދުވަހަކަށް އިތުރު ވާއިރު، ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ހެކަރުން އެކި ފަހަރު ގެންގުޅެނީ އެކި އުކުޅުތައް ކަމެވެ. މީގެ ކުރިން ބީއެމްއެލްގެ ނަމުގައި ގުޅައި ފައިސާ ހޯދިއެވެ. ނަމަވެސް މިހާރު ފޭސްބުކް ހެކް ކޮށްގެން ފައިސާ ހޯދަނީއެވެ. މާދަމާ ބޭނުން ކުރާނީ އާ އުކުޅެކެވެ. އެހެންކަމުން ހެކަރުންގެ މަޅީގައި ނުޖެހި ސަލާމަތް ވެގެން ތިބުމަށްޓަކައި އާއްމުން ހޭލުންތެރި ވާން ޖެހެއެވެ. މިފަދަ ކަންކަމުގެ މައުލޫމާތު އެނގޭ މިންވަރަކުން އާއިލާއާއި ރައްޓެހިންނާ ހިއްސާ ކުރަން ޖެހެއެވެ. ކުރިއާލާ ސަލާމަތްތެރިކަން ހޯދޭނި އޭރުންނެވެ.

comment ކޮމެންޓް