ތިޔަ ލޯބި އެދިގެން... - 23

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

"ޝިޒާން އަކީ ހިތުގެ ޙާލު އެއް އިރެއްގައިވެސް ފާޅުކުރާ ޒުވާނެއްނޫން...." ރާމިޒާ ކުއްލިއަކަށް ބުނެލި ވާހަކައަކުން މިންހާއަށް ރާމިޒާއާ ދިމާލަށް ބަލައިލެވުނެވެ. ކުއްލިއަކަށް އެފަދަ އެއްޗެއް ރާމިޒާ ބުނަން ޖެހުނު ސަބަބެއް މިންހާއަކަށް ނުވިސްނުނެވެ. އޭނާ ހައިރާންކަމާއެކު އެހެންނަމަވެސް، ޝައުގުވެރިކަން އެކުލެވޭ ބެލުމަކުން ރާމިޒާއަށް ބަލައިލިއެވެ. އެއާއެކު ރާމިޒާ ލުއި ހިނިތުންވުމެއް މިންހާއަށް ހަދިޔާ ކޮށްލިއެވެ.

"ޝިޒާންއަކީ ވަރަށް ރަނގަޅު ޒުވާނެއް. ދުވަހަކުވެސް މީހަކާ ދިމާލަށް ރުޅިއައިސްގެން އެއްޗެއް ބުނަނިކޮށްވެސް ރާމިޒައްތަ ނުދެކެން. އެއީ އެންމެނާވެސް ގުޅޭ ހިތްހެޔޮ ޒުވާނެއް. މިންހާއަށް ލިބުނު ނަސީބެއް އެއީ ޝިޒާން ފަދަ ޒުވާނެއް ތި ޙަޔާތަށް ލިބުމަކީ. ރާމިޒައްތައަށް އެނގޭ މިފަދަ ވާހަކަތައް ދައްކަން ރާމިޒައްތަ މީ ދުރުމީހެއްކަން ވެސް. ދެންމެ ތި ދެމެދުގަ ދެކެވުނު ވާހަކަތައް ރާމިޒައްތައަށް އަޑު އިވުނީމަ އެނގިއްޖެ ކައިވެނި ކުރެވިގެންދިޔައީ ވަރަށް އެހެން ކަހަލަ ޙާލަތެއްގަކަން. އެހެންނޫނީ މިންހާ ޝިޒާންފަދަ ޒުވާނެއްގެ ކިބައިން ވަރިއަކަށް ނޭދޭނެ." ރާމިޒާ ވާހަކަ ދެއްކުމާއެކު، ވެގެން އުޅޭގޮތް މިންހާއަށް އޮޅުންފިލިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގި އިސްޖަހައިލެވުނެވެ. ރާމިޒާ މިންހާއަށް ބަލަން އިނުމަށްފަހު، މަޑުމަޑުން މިންހާގެ އަތުގައި ހިފައްޓައިލިއެވެ. މިންހާ ރާމިޒާއަށް ބަލައިލިއެވެ.

"ޝިޒާން އެ ހިތުގައިވާ އިޙްސާސްތައް ލަފުޒުތަކަކުން ބޭރުނުކުރިއެއްކަމަކު، އެނގޭ..." ރާމިޒާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ވަކި ހިސާބަކަށް ބުނެފައި ރާމިޒާ ހުއްޓައިލުމާއެކު، މިންހާއަށް ރާމިޒާއާ ދިމާލަށް ބަލައިލެވުނެވެ.

"ކިހިނެއްވީ؟" މިންހާއަށް ބުނެވުނެވެ.

"ޝިޒާން ފާޅުނުކުރިއެއްކަމަކު، ޝިޒާންވެސް އެހެންމީހެއްގެ އެހީތެރިކަމަކަށް ބޭނުންވާނެ. އަޅައިލުމާ އޯގާތެރިކަން ވެސް ބޭނުންވާނެ. ޚާއްސަކޮށް މީހަކާ އިނުމަށްފަހު ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންވާނެ. ރާމިޒައްތަ ޝިޒާންގެ އާއިލާއާއި އެކީގައި އުޅޭތާ އުމުރުން ވީހާ ދުވަހެއް ވިއްޔޭ ބުންޏަސް ދޮގަކަށް ނުވާނެ. ވަރަށް ބައިވަރު ކަންތައްތައް އެނގެންވެސް އެނގޭ... އެނގޭހާވެސް އެއްޗަކީ ޝިޒާން މިންހާއަށް ދެރަގޮތެއް ނުހަދާނެކަން. ކުޅޭ ކުޅިވަރެއްހެން މީހަކާ އިންނަ ވަރަށް ވުރެ ހަރުދަނާ ޒުވާނެއް ޝިޒާންއަކީ... ޝިޒާން މިންހާއާ އިނީ އަމިއްލަ ބޭނުން ފުއްދަން ކަމަށް މިންހާއަށް ހީވާނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް. އެހެންނޫނީ މިންހާއަށް ވަކިން ކޮޓަރިއެއް ދީފައި މިންހާ ނުބެހެއްޓީސް." ރާމިޒާއަށް ޝިޒާން ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ މިންހާއަށް ބަލައިލާ ގޮތުން އެކަނިވެސް، އެހިތުގައި މިންހާއަށް ޚާއްސަކަމެއް ވާކަން ރާމިޒާއަށް ދެނެގަނެވުނެވެ. އެއީ މީގެކުރިން ދުވަހަކުވެސް ޝިޒާންގެ ފަރާތުން އޭނާއަށް ފެނުނު ސިފައެއް ނޫނެވެ. މީގެކުރިން ދުވަހަކުވެސް، ޝިޒާން އަންހެން ކުއްޖަކުގެއަށް ގެނެސްފައެއް ނުވެއެވެ. އަންހެން ކުއްޖަކާ ވާހަކަ ދައްކާކަމެއްވެސް އެނގިފައެއް ނުވެއެވެ. ވީއިރު މިންހާ ޝިޒާންއަށް ވަރަށް ޚާއްސަކަން ރާމިޒާއަށް އެނގުނެވެ. ޝިޒާން ވަނީ އޭނާގެ ގާތު މިންހާ އެއްވެސް ކަމެއް ބޭނުންވަންޏާ އެކަމެއް ކޮށްދޭން ބުނެފައެވެ. ކައިވެނި ކުރެވުނު ސަބަބަކީ ކޮބައިކަން އޭނާއަށް ނޭނގުނުނަމަވެސް، އެ ކައިވެންޏާ މެދު ޝިޒާން ވިސްނާނެކަން އޭނާއަށް ޔަޤީންވެއެވެ.

ތުންފަތުގައި ދަތް އަޅައިލި މިންހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރާމިޒާގެ އެވާހަކަތަކުން އޭނާއަށް ޝިޒާންއާ މެދު ކޮންމެވެސް ވަރަކަށް ޝައުޤުވެރިވެވުނެވެ. ޝިޒާންގެ އާއިލާގެ މާގިނަ ވާހަކަތަކެއް ވެސް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޝިޒާންއަކީ ބޮޑު މުއްސަންޖެއްކަމެކެވެ.

"ޝިޒާންގެ އާއިލާ ކޮބާތަ؟ ކައިވެންޏަށް ވެސް ނާންނާތީ..." މިންހާ ސުވާލުކޮށްލިއެވެ.

"އެންމެން އުޅޭނީ ރާއްޖޭން ބޭރުގައި. މިކޮޅުގައި އުޅޭނީ ހަމައެކަނި ޝިޒާން!" ރާމިޒާ ބުނެލިއެވެ. އެއީ ކުރިންވެސް މިންހާއަށް އެނގިފައި އޮތް މިންވަރެވެ. އިތުރަށް އެއްވެސް ކަމެއް އޭނާއަށް އެނގޭ ގޮތެއް ނުވިއެވެ. މިންހާ ކައިރީގައި ވާހަކަ ދައްކައިލަން އިރުކޮޅަކު އިނުމަށްފަހު، ރާމިޒާ ތެދުވީ އޭނާއަށް ފޯނެއް އައުމުންނެވެ. ރާމިޒާ ދަނީކަމަށް ބުނެ މިންހާއަށް ބަލައިލާފައި ހިނގައިގަތެވެ.

"އިރުކޮޅަކުން އެތެރެއަށް ވަންނާނަން..." މިންހާ ބުނެލިއެވެ. އެއަށްފަހު، އޭނާ އަނެއްކާވެސް އުޑުމައްޗަށް ނަޒަރު ހުއްޓައިލިއެވެ.

ރާމިޒާ ފޯނެއްގައި ހުރެގޮސް އެތެރެއަށް ވަތްއިރު، ޝިޒާން ސްޓަޑީއިން ނުކުންނަނީއެވެ. އޭނާ ރާމިޒާއަށް ބަލައިލުމާއެކު، ރާމިޒާ ފޯނު ހިނދުކޮޅަކަށް ކަންފަތާ ދުރުކޮށްލިއެވެ.

"މިންހާ ކޮބާ؟ ކޮޓަރީގައިތަ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"ނޫނޭ ބަގީޗާގައި ހުރި އުނދޯލީގައި އެބައިން." ރާމިޒާ އެހެން ބުނެލުމުން ޝިޒާން ހިނިތުންވެލިއެވެ. ރާމިޒާ ދިޔުމުން ޝިޒާން ގޭގެ ބިއްދޮށު ފަރާތުން ބަގީޗާއަށް ނުކުމެެވެން ހުންނަ ދޮރާ ދިމާލަށް ހިނގައިގަތެވެ. މިންހާއާ ވާހަކަ ދައްކަން އޭނާ ހުރީ ބޭނުންވެފައެވެ. ދޮރު ހުޅުވާާލާފައި އޭނާ އުދޯއްޔާ ދިމާލަށް ބަލައިލިއެވެ. މިންހާ އިށީނދެގެން އިންތަން ފެނި ފުންނޭވާއެއް ދޫކޮށްލަމުން އޭނާ އެދިމާލަށް މިސްރާބުޖެހީ ދައްކަން ބޭނުންވާ ވާހަކަ ސިކުނޑީގައި ރާވާލައިގެންނެވެ.

މަޑުފިޔަވަޅުތަކެއްގައި ޝިޒާން ގޮސް އުނދޯލީގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު އުނދޯލި މަޑުމަޑުން ހެއްލަމުން މިންހާ އިނީ ލޯ މަރައިލައިގެން އުޑުމައްޗަށް ވާ ގޮތަށް ބޯ އުފުއްލާލައިގެންނެވެ. ޖެހެމުންދިޔަ މަޑުވައިރޯޅިތަކާ މިންހާގެ އިސްތަށިގަނޑު ސަމާސާކުރަމުންދިޔައެވެ. ތަނުގައިވި މަޑު އޮރެންޖުކުލައިގެ އަލި މިންހާގެ މޫނަށް އެޅިފައިވާއިރު އާޝޯހުވާވަރުވެއެވެ. މިންހާގެ އެ ދިގު އެސްފިޔަތަކާ، މަޑު ފިޔާތޮށިކުލަ އަރާ ތުންފަތަށް ވެސް ޝިޒާންގެ ނަޒަރު ހުއްޓުނެވެ. މިންހާގެ މޫނުމަތީގައިވި އަސަރުތައް ދެނެގަންނަން މަސައްކަތް ކުރަމުންދިޔަ ޝިޒާންއަށް މިންހާ އިންގޮތްފެނި ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. މިންހާގެ މޫނަށް އެގޮތަށް ބަލަން ހުންނަން ޝިޒާންގެ ހިތް އެދި ގޮވަން ފެށިއެވެ. މިންހާގެ އެ ތުނި ހަށިގަނޑުގައި ބައްދައިލާ، އޭނާގެ ހިތުގައި މިންހާއާމެދު އުތުރި އަރަމުންދާ އިޙްސާސްތައް އަންގައިދޭން ޝިޒާން ބޭނުންވިއެވެ. މިންހާގެ ހިތުން އޭނާއަށް ޖާގައެއް ދޭށޭ ބުނަން ބޭނުންވިއެވެ. އޭނާއަށް އިތުބާރުކުރަން ބުނަން ބޭނުންވިއެވެ. އޭނާއަށް އިތުބާރުކޮށްގެން ދުވަހަކުވެސް، މިންހާއަށް ދެރަގޮތެއް ނުވާނެކަމުގެ ޔަޤީންކަން ދޭން ޝިޒާން ބޭނުންވިއެވެ.

އެގޮތުގައި އިރުކޮޅެއް ފާއިތުވެ ދިޔަފަހުން، މިންހާ މަޑުމަޑުން އޭނާގެ ދެލޯ ހުޅުވައިލިއެވެ. އެއާއެކު ކުރިމަތީގައި މީހަކު ހުރިތަން ފެނި، ބިރުން ގޮސް އޭނާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އުނދޯލިންވެސް ފުންމައިގެން އޭނާއަށް ތެދުވެވުނެވެ.

"މިންހާ... މީ އަހަންނޭ..." ޝިޒާން މަޑުމަޑުން ބުނެލިއެވެ. މޭގައި އަތް އަޅައިލަމުން، މިންހާ ފުންނޭވާތަކެއް ލާން ފެށިއެވެ. ކުއްލިއަކަށް އެގޮތަށް މީހަކު ފެނުމުން އޭނާއަށް ލިބުނު ބިރުވެރިކަން އޭރުވެސް ހިތުން ފިލައިގެނެއް ނުދެއެވެ.

"ސިއްސައިގެންނޭ ދިޔައީ... އެގޮަތަށް ސިއްސުވައިލަން ވޭތަ؟" މިންހާ އޭނާގެ އަޑަށް ރުޅިވެރިކަން ގެންނަން މަސައްކަތް ކުރަމުން ސުވާލުކޮށްލަމުން، ޝިޒާންއަށް ބަލައިލިއެވެ. އޭރުވެސް އޭނާގެ ހިތުގެ ހިނގުން ހަމައަކަށް ނޭޅެއެވެ.

"އަހަރެން ހުރީ މިންހާ ސިއްސުވައިލާކަށް ނޫނޭ. އައި އެމް ސޮރީ..." ޝިޒާން މާފަށް އެދުނުއިރު، އެ އަޑުގައި ބުނެދޭން ނޭނގޭ މަޑުމޮޅިކަމެއް ވެއެވެ. އެ އަސަރު މާނަކުރާކަށް މިންހާއަކަށް ނޭނގުނެވެ.

"އެކަނި ކީއްތިކުރަނީ؟ ނުވެސް ނިދާ ރެއަކީތަ؟" ޝިޒާންއަށް ބުނެވުނެވެ.

"އަހަރެން ނިދަން ވީމާ ނިދާނަން." ފަރުވާކުޑަ ގޮތަކަށް މިންހާ ޖަވާބުދީފައި ހިނގައިގަންނަން އުޅުނެވެ.

"ކުޑައިރުކޮޅަކު މަޑުކޮށްލަދީފާނަންތަ؟ އަހަރެން ބޭނުން ވާހަކައެއް ދައްކައިލަން..." ޝިޒާން އެދުނެވެ.

"އަހަންނާ ދައްކަން ޖެހޭ އިތުރު ވާހަކައެއް އެބައޮތްތަ؟" މިންހާ އަނެއްކާވެސް ރުންކުރު ގޮތަކަށް ސުވާލުކޮށްލިއެވެ.

"އިށީނދެބަލަ!" އިނދޯއްޔަށް އިޝާރާތްކޮށްލަމުން، ޝިޒާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

"އަހަރެން ބޭނުމެއް ނޫން އެއްވެސް ވާހަކައެއް ދައްކާކަށް..." މިންހާ އެހެން ބުނުމަށްފަހު، ގެއާ ދިމާލަށް ހިނގައިގަތެވެ. ޝިޒާން މިންހާ ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު، ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ބޭނުންނަމަ މިންހާ ގަދަކަމުން ވެސް މަޑުކުރެވުނީހެވެ. ހަމަގައިމުވެސް މިންހާއަށް އޭނާގެ ބާރުގެ ކުރިމަތީގައި ގަދައެއް ނުހެދޭނެއެވެ. އެހެންނަމަވެސް، އޭނާ އެގޮތަށް ކަންތައް ކުރާކަށް ބޭނުމެއް ނޫނެވެ. މިންހާއާއި ވާހަކަ ދެއްކުން އެއީ ފަސޭހަކަމަކަށް ނުވާނެކަން ޝިޒާންއަށް އެނގެއެވެ. އެހެންނަމަވެސް އެގޮތަށް ރުޅިހަދާލާފައި ދިޔުމުން އޭނާގެ މެއަށް އިންތިހާ ތަދުވެއެވެ. އެކަން މިންހާއަށް އެނގޭނަމަ ކޮންފަދަ ހެއްޔެވެ؟ އެންމެ ފަހަރަކު އެ ހިތުގެ އަޑު އަހާލާނަމަ އޭނާގެ ހިތަށް ވެސް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެއެވެ.

ޝިޒާން މިސްރާބު ބަދަލުކޮށްލީ ސްވިމިން ޕޫލާ ދިމާލަށެވެ. އޭނާ ގޮސް ޓީޝާޓުބާލާފައި އެތަނުގައި ހުރި ގޮނޑިއެއް މައްޗަށް އެއްލައިލުމަށްފަހު، ޖީބުން ދެތިން ކަރުދާސްކޮޅެއް ނެގުމަށްފަހު، ގަމީސްމައްޗަށް އެއްލައިލާ، ލައިގެން ހުރި ޖީންސްއާއެކޫ ޕޫލްގެ ތެރެއަށް ފުންމައިލިއެވެ. އެއަށްފަހު އޭނާ ފަތަން ފެށިއެވެ. ހަށިގަނޑުގައި އުފެދިގެން އުޅޭ އުދާސްކަމަށް ކޮންމެވެސް ކަހަލަ ލުޔެއް ބޭނުންވެގެން އުޅޭފަދަ ގޮތަކަށް އޭނާގެ ހަރަކާތްތައް ހުއްޓެވެ.

މިންހާ ގޮސް ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީނެވެ. އެއާއެކު އޭނާއަށް ޝިޒާންގެ މޫނުމަތީގައިވީ އަސަރުތައް ސިފަވިއެވެ. ޝިޒާން ވާހަކަ ދައްކަންދެން މަޑުކުރެވުނު ނަމަ ރަނގަޅުވީހޭ އޭނާގެ ހިތަށް އެރިއެވެ. ދެވަނަ ސިކުންތުގައި އޭނާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ޝިޒާން އަހަންނާ ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ."

ކުއްލިއަކަށް މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަނެއްކާ ޝިޒާން އުޅުނީ ވަރީގެ ވާހަކަ ދައްކަން ހެއްޔެވެ؟ ޝިޒާން ދައްކާ ވާހަކައެއް އަޑުއަހަންވީއެވެ. އޭރުން އެނގޭނެއެވެ.

ތަފާތު ޚިޔާލުތަކެއްގައި އިން މިންހާ ކުއްލިއަކަށް ތެދުވިއެވެ. އެއަށްފަހު، އޭނާ ކޮޓަރިން ނުކުތެވެ. ޝިޒާންގެ ކޮޓަރިއާ ދިމާލަށް ގޮސް އެ ދޮރުމަޑުމަޑުން އޭނާ ހުޅުވައިލިއެވެ. ޝިޒާންގެ ހިލަމެއް ނުވުމުން ޝިޒާން އަދިވެސް ކޮޓަރިއަށް ނާންނާނީކަމަށް ނިންމާ އޭނާ މިސްރާބުޖެހީ ސްޓަޑީއާ ދިމާލަށެވެ. ސިޑިން ތިރިއަށް ފައިބާ ސްޓަޑީ ތެރެއަށް ވަތް މިންހާ ވަށައިގެން ބަލައިލިއެވެ. އެތަނުގައި ވެސް ޝިޒާންގެ ހިލަމެއް ނެތެވެ. ކާޓެއިންތައް ކަހާލާފައި ހުރުމުން ލޯގަނޑުން ރީތިކޮށް ބޭރު ފެނެއެވެ. މިންހާ އެ ދިމާލަށް ހިނގައިގަތީ މީހަކު ސްވިމިންޕޫލުގައި އުޅޭހެން ހީވުމުންނެވެ. ލޯގަނޑާ ކައިރިއަށް ޖެހިލާ ރަނގަޅަށް ބަލައިލުމާއެކު، އެއީ ޝިޒާންކަން އޭނާއަށް އެނގުނެވެ. މިންހާ އަވަސް އަވަހަށް ސްޓަޑީއިން ނުކުމެ ގޭ ބިއްދޮށު ދޮރުން ބަގީޗާތެރެއަށް ނުކުތެވެ. އެއަށްފަހު، ސްވިމިންޕޫލާ ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް ހުއްޓުމަށްފަހު، ޝިޒާންއަށް ގޮވައިލިއެވެ. ދެފަހަރަކު ގޮވައިލުމުންވެސް ޝިޒާން ފެތުމެއް ނުހުއްޓިއެވެ. އޭނާ ޝިޒާންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުއްޓެވެ.

ގައިގަނޑަކަށް ދިހަވަރަކަށް މިނިޓްފަހުން ފެތުން ހުއްޓައިލުމަށްފަހު، ޝިޒާން ޕޫލުން އެރިއެވެ. ތެތްއިސްތަށިތައް ޝިޒާންގެ ނިތްމައްޗަށް ވެރިފައިވާއިރު، ހިތްގައިމު ގޮތެއް ހުއްޓެވެ. ގަމީސް ނުލާ ހުރުމުން އޭނާގެ ކަސްރަތީ ކަށިގަނޑު އޮތީ ހާމައަށެވެ. އޭރުވެސް މުތީތަކެއްފަދައިން ފެންތިކިތައް އޭނާގެ މޭމަތީގަޔާއި މޫނުމަތީގައި ވިދަމުންދިޔައެވެ. ތަނުގައިވި އޮރެންޖް އަލިކަން ޝިޒާންގެ ހިތްގައިމު ސިފައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުން ދިޔައެވެ.

މިންހާއަށް މާނަފުން ނަޒަރަކުން ބަލައިލުމަށްފަހު، ޝިޒާން މިންހާއާ ދިމާލަށް ހިނގައިގަތުމާއެކު، މިންހާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ޝިޒާން އައިސް ހުއްޓުނީ އޭނާއާ ދެ ވަރަކަށް ފޫޓު ދުރުގައެވެ. އޭނާ މިންހާއަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. ބުމަ އަރުވައިލުމާއެކު، މިންހާ ވާހަކަ ދައްކައިލަން އަނގަ ހުޅުވައިލިއެވެ. އެހެންނަމަވެސް އޭނާއަށް މަޑުޖެހިލެވުނީ ކީއްވެކަމެއް ނޭނގެއެވެ.

"ކިހިނެއްވީ މިންހާ؟" ޝިޒާންގެ އަޑުގައި އެއްވެސް ރުޅިވެރިކަމެއް ނުވެއެވެ. އެ އަޑު އެހެންނޫނަސް ހުންނަގޮތަށް މަޑުމައިތިރިއެވެ.

"ކީއްވެ އަހަރެން ގޮވީމަ އަޅައިނުލީ؟" މިންހާ ސުވާލުކޮށްލިއެވެ.

"މިންހާ ކަމެއް ބޭނުންވީތަ؟ ކީއްވެ ކުއްލިއަކަށް އަހަރެން ހޯދަން ތިއައީ؟..." ޝިޒާން އަނެއްކާވެސް މަޑުމައިތިރިކަމާއެކު، ސުވާލުކޮށްލިއެވެ. މިންހާގެ ސުވާލަށް އޭނާ ޖަވާބުދޭން ބޭނުންނުވާފަދައެވެ. ހަޤީގަތުގައި ޝިޒާން ހުރީ އިންތިހާ ދެރަވެފައެވެ. އޭނާއަށް އެގޮތަށް ކަންތައް ކުރެވުނީ އެހެންވެއެވެ. އެހެންނަމަވެސް، ޝިޒާންއަށް މިންހާ ދެކެ ރުޅިއާދެވޭ ގޮތެއްނުވިއެވެ. ކަންތައް ވީގޮތުން އޭނާ ހުރީ މިންހާ އޭނާދެެކެ ރުޅި އަންނާނެކަން ވިސްނައިގެން ތައްޔާރުވެގެންނެވެ. އެ ރުޅިވެރިކަން އަވަހަށް ފިލައިގެން ނުދާނެކަންވެސް އޭނާއަށް އެނގެއެވެ.

ޝިޒާން ދައްކަން އުޅުނީ... އުޅުނީ.... ކޮން... ކޮން ވާހަކައެއްތަ؟" މިންހާގެ އަޑުގައި ހިސާބަަކަށް ޖެހިލުންވުން ވިއެވެ.

"މިހެން ހުރެގެންތަ ވާހަކަ ދައްކަންވީ؟" ޝިޒާން ބުނެލިއެވެ. އޭނާ ލުއި ހިނިތުންވުމެއް މިންހާއަށް ރައްދުކޮށްލިއެވެ. ޝިޒާންގެ އެ ސުވާލުން އަނެއްކާވެސް މިންހާއަށް ޝިޒާންގެ ހަށިގަނޑަށް ބަލައިލެވުނެވެ. އެއާއެކު ޝިޒާންގެ ތުންފަތް މަތީގައިވި ހިނިތުންވުން ކޮންމެވެސް ވަރަކަށް ފުޅާވެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު