ލީކުވި ޗެޓްލޮގް ތަކާބެހޭގޮތުން ޕީޖީ އެއްޗެއް ވިދާޅުނުވި

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރެސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ޗެޓްލޮގް ތަކެއް ބުނެ، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް، އާއްމު ކުރައްވާފައިވާ ޗެޓްލޮގު ތަކާބެހޭގޮތުން، ޝަމީމް އެއްޗެއް ވިދާޅެއް ނުވިއެވެ.

ދައުވާ ކުރަން ނިންމުމާއެކު މަހުލޫފް އިއްޔެ ހާމަ ކުރީ އޭނާގެ ޕާސަނަލް އެސިސްޓެޓް އަޒްމޫން އަހުމަދާއި ޝަމީމާ ވަޓްސްއަޕުން ކޮށްފައިވާ މެސެޖް ތަކެއް ކަމަށް ބުނާ ސުކްރީން ޝޮޓްތަކެކެވެ.

ޗެޓްލޮގާ ގުޅޭ ގޮތުން ޕީޖީ ޝަމީމްގެ ބަހެއް ލިބޭތޯ މިހާތަނަށް ކުރި މަސައްކަތުން ވަނީ ޕީޖީގެ ބަހެއް ލިބޭގޮތް ނުވެފައެވެ. ގުޅައި މެސެޖް ކުރުމުން ވެސް ޖަވާބެއް ނުދެއްވިއެވެ.

އެ ޗެޓްލޮގްތަކާބެހޭގޮތުން މަހްލޫފް ވިދާޅުވެފައިވަނީ ދައުވާ ކުރަން ނިންމުމަކީ ޒާތީ ނިންމުމެއް ކަމަށާއި އަޒްމޫން އާއި ޝަމީމުގެ މިޗެޓްލޮގުން އެކަނި ވެސް އެކަން ހާމަވާނެ ކަމަށެވެ.

"ޝަމީމްގެ ފޮތުގައި އޮންނަގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު ފުއްޕާވަރަށް އަދި ސައިޒުވާ މިންވަރުގެ މައްޗަށް. އިސްތިއުފާއެއް ނުދޭނަން. ކޯޓުގަ ހަގީގަތް ސާފުވާނެ،" މަހްލޫފް ވިދާޅުވެފައިވެއެވެ.

މަހުލޫފް އާންމުކުރެއްވި ޗެޓުލޮގުގައި އޭނާގެ ޕާސަނަލް އެސިސްޓެޓް އަޒްމޫން އަހުމަދު ވަނީ މަހުލޫފްގެ މައްސަލަ ނިމެނީ ކޮން އިރަކުންތޯ ސުވާލުކުރައްވައިފައެވެ. އަދި ފުޓްބޯޅަ މެޗެއް ބެލުމަށް ވެސް ދައުވަތު ދެއްވައިފައިވެއެވެ.

އޭގެ ޖަވާބުގައި ޕީޖީ ޝަމީމް ވަނީ ޔޫތު މިނިސްޓްރީގައި ތިއްބެވީ "ހުސް މުއްތަހަމުން" ކަމަށް ވިދާޅުވެ މެޗު ބަލަން ދާނީ ކިހިނެއްތޯ ސުވާލުކުރައްވައިފައެވެ.

އެއާއެކު އަޒްމޫން ވަނީ އެ މައްސަލައިގައި މިހާރު 110 ދުވަހަށް ވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާ ކަން ފާހަގަކުރައްވައިފައެވެ.

އަޒްމޫނަށް ޖަވާބުދެއްވަމުން ޕީޖީ ވަނީ "އެއީ ފުއްޕީމާ" ވާ ގޮތް ކަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިދިޔަ ޖޫން މަހު ޕީޖީއަށް ފޮނުވީ، 2014 ވަނަ އަހަރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 33،000 ޑޮލަރުގެ ރިޝްވަތެއް ގަބޫލު ކުރެއްވި ކަމުގެ ތުހުމަތުގައެވެ.

މަހުލޫފް ތުހުމަތު ކުރައްވާ ގޮތުގައި އޭނާގެ މައްސަލައިގެ އަޑީގައި ވަނީ އޭނާ މަގާމުން ދުރު ކުރަން މަސައްކަތް ކުރާ ސިޔާސީ ބަޔެކެވެ. އަދި މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ، މަހުލޫފާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނޯންނާނެ ކަމަށް ވެސް އޭނާ މީގެ ކުރިން ވިދާޅުވެފައިވެއެވެ. މަހުލޫފް ވިދާޅުވާ ގޮތުގައި އޭނާއަށް މިހާތަނަށް ދައުވާ ނުކުރެވިގެން އުޅޭ ސަބަބަކީ ވެސް ހެކި ނެތުމެވެ.

comment ކޮމެންޓް