ޑރ. އަފްޒަލްގެ އިލްތިމާސް: ފަރުދީ ޒިންމާ އަދާކުރުމުގައި ފަރުވާކުޑަ ނުކުރައްވާ!

ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއޯސީ) އިން ބޭއްވި ޕްރެސް -- ފޮޓޯ/ މުހައްމަދު ހައްޔާން

ކޮވިޑު ބަލިން ގައުމު ސަލާމަތް ކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތުގައި އެންމެ މުހިންމީ ފަރުދީ ޒިންމާ އަދާކުރުން ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއޯސީ)ގެ އެޕިޑަމޮލޮޖިސްޓް ޑރ. އަފްޒަލް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެޗްއޯސީން މިއަދު ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން އަފްޒަލް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމުގެ މި ދަތުރުގައި ބަލި ފެތުރޭ މިންވަރާއި ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ދަށްކުރެވި، ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށެވެ.

އެހެންކަމުން މި ހާލަތުން އިތުރަށް އަރައިގަނެ، ކޮވިޑުގެ ނުރައްކަލުން މުޅިން މިންޖުވުމަށް ޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ފަރުދީ ޒިންމާ އަދާކުރުމަކީ އެންމެ މުހިންމު ބަހާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ދިމާވާ މައްސަލައަކީ އަލާމާތްތައް ހުންނަ މީހުން ވެސް ސާމްޕަލް ނުދޭކަން. އެހެންވީމަ މި ހާލަތުން ގައުމު އަރައިގަތުމަށް ޓަކައި ފަރުދީ ޒިންމާގެ ވަރަށްބޮޑު ބައެއް ވޭ. އަޅުގަނޑު ދަންނަވާނީ އަލާމާތްތައް ހުރި ފަރާތްތަކުން ސާމްޕަލް ދެއްވާށޭ،" އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ރެންޑަމް ސާމްޕަލް ނެގުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދާއިރު އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ސާމްޕަލް ދިނުމަށް އިންކާރު ކުރުމުގެ ބަދަލުގައި އެކަމަށް އިޖާބަ ދިނުމަކީ ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއޯސީ)ގެ ފަރާތުން ކުރާ އިލްތިމާސެއް ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.

އިތުރަށް، އަފްޒަލް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންއަށް ގުލާމުން ވެސް ސައްހަ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ މުހިއްމު މައުލޫމާތު ސިއްރު ކުރުމަކީ ކޮވިޑު ހުއްޓުވަން ކުރަމުން އަންނަ މަސައްކަތުގައި ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮންޓެކްޓް ޓްރޭސިން އިން ގުޅުމުން މައުލޫމާތު ނުދޭކަން ފާހަގަ ކުރެވޭ. ތިޔަބޭފުޅުން ދޭ މައުލޫމާތު ތަކަށް ބިނާކޮށް އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެންނަށް އެޅޭނީ. އެހެންވީމަ ކޮންޓެކްޓް ޓްރޭސް، ތިމާ މީހާގެ ކޮންޓެކްޓްގަ ވެދާނެ ކަމުގެ ބިރާހެދި ސައްހަ މައުލޫމާތު ނުދިނުމުގެ ސަބަބުން ބަލި އިތުރަށް ފެތުރުމުގެ ބިރު އެބައޮތް،" އަފްޒަލް ވިދާޅުވިއެވެ.

އަފްޒަމް ވިދާޅުވީ ކުރިއަށް އޮތީ ބަންދު ދުވަސްވަރު ކަމަށާއި އެހެންކަމުން ކޮންމެހެން ދާންޖެހިގެން ނޫނީ ބޭރު ތެރޭގައި އުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ބޭރުގައި އުޅޭ ވަގުތުތަކުގައި ވެސް ގައިދުރު ކަމަށް ސަމާލުކަންދީ، މާސްކު އެޅުމުގެ އާދަ ދޫކޮށްނުލުމަކީ ރައްޔިތުންގެ ކިބައިން އެދޭ ވަރަށްބޮޑު އެދުމެއް ކަމަށެވެ.

"މާސްކު އެޅުމުގެ އުސޫލަށް އެއްވެސް ބަދަލެއް އަދި ނުގެންނަން. އަޅުގަނޑު ދަންނަވާލަން އޮތީ ބޭރު ތެރޭގަ އުޅޭއިރު، މާސްކު އަޅައިގެން އުޅުމަކީ ވަރަށް މުހިއްމު ކަމެކޭ. މާސްކު އެޅުން ދޫކުރާކަށް އަދި ކައިރި ވެސް ނުވެޔޭ،" އަފްޒަލް ވިދާޅުވިއެވެ.

މާސްކު އެޅުމާއި ގައިދުރު ކަމަށް ބެލުމެއް ނެތި އުޅޭ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވާ އަފްޒަލް ވިދާޅުވީ އެފަދަ ކަންކަމަކީ ހަރުކަށި ގަވާއިދު ހަދައިގެން ހުއްޓުވަން ޖެހޭ ކަމެއް ނޫން ކަމަށާއި އެފަދަ ވިސްނުމެއް ނުވެސް ގެންގުޅުއްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑު ބަލިން އަރައިގަނެ، އާއްމު ހާލަތަށް ގައުމު ގެންދިއުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ބަޔަކީ އާއްމު ރައްޔިތުން ކަމަށެވެ.

އަފްޒަލް ވިދާޅުވީ އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު ތަކަށް އަމަލުކޮށް، ފަރުދީ ޒިންމާއަށް ސަމާލުކަން ދިނުމަކީ އެންމެންގެ ސަލާމަތަށް ޓަކައި ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

comment ކޮމެންޓް