ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް ބޮޑުކޮށްދޭން ރައީސަށް ހުށަހަޅަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަޖުގެ ހާލު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭ، ގޭގެއަށް ޒިޔާރަަތްކޮށް އެ ފަރާތްތަކުގެ ހާލު ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލެއްވުން -- ފޮޓޯ/ރައީސް އޮފީސް

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ ފައިސާގެ އިނާޔަތް ބޮޑުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފިއެވެ.

ރައީސަށް މި ޕެޓިޝަން ހުށަހަޅަން ނިންމައިފައިވަނީ ހއ. އިހަވަންދޫގެ ހާއްސަ އެހީ އަށް ބޭނުންވާ ތިން ޒުވާނެއް އިސްނަަގައިގެންނެވެ.

އެ ޕެޓިޝަން ރައީސް ސޯލިހަށް ހުށަހަޅަން ނިންމައިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިހަަވަންދޫގައި ބާއްވާ ހާއްސަ ރަސްމިއްޔާތަށް އެ މަނިކުފާނު ވަަަޑައިގަތުމުންނެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ މަހަކު ވެސް އެ ފަރާތްތަކަށް ދެމުން އަންނަނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. ނަމަވެސް މި ޕެޓިޝަނުގައި ވަނީ މަދުވެގެން 5،000 ރުފިޔާއަށް އެ އަދަދު ބޮޑުކޮށް ދިނުމަށެވެ.

މި ޕެޓިޝަން ތައްޔާރު ކުރުމުގައި އުޅުނު ޒުވާނަކު "ސަން"އަށް ބުނީ ގާނޫނުގައި 2،000 ރުފިޔާގެ އެލަވަންސެއް ދޭ ގޮތަށް އޮތްކަމުގައި ވިޔަސް ތަކެތީގެ އަގުބޮޑުވާތީ ގިނަ ކުދިންނަށް އެ ފައިސާއިން ދެކޮޅު ނުޖެއްސޭ ކަމަށެވެ. އަދި ވޭތުވެދިޔަ 10 އަހަރު ތެރޭގައި ވެސް މި އިނާޔަތް ބޮޑުވޭތޯ މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.

"މިފަހަރު މިކަން މިކުރަނީ ޖަމިއްޔާއަކުން ނޫން. ވަކި ކުދިންތަކެއް އިސްނަގައިގެން. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ގޫގުލްފޯމެއް ދައުރުކޮށްގެން،" އޭނާ ބުންޏެވެ.

https://docs.google.com/forms/d/e/1FAIpQLScQMVE8gges0bffIufnL9XrOZTlSXN-9_yQFUJQlGNmj8DmkQ/viewform?usp=sf_link

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް 2019ވަނަ އަހަރު މަޖިލީހަށް ހުށަހެޅިއެވެ. އެ އިސްލާހުގައި ވަނީ ހާއްސަ އެހީ ބޭނުންވާ މީހުންނަށް 5،000 ރުފިޔާއާއި 7،000ރުފިޔާއާ ދެމެދުގެ އިނާޔަތެއް ދިނުމަށެވެ. ނަމަވެސް އެ ބިލަށް މަޖިލީހުގެ ތާއީދު ނުލިބިގެން ވަނީ ބޭރުކޮށްލައިފަ އެވެ.

comment ކޮމެންޓް