ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް އަވަގުރާނަ ގޮވައިފަައި ނުވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޖާބިރު ވަނީ ތިނަދޫއިން ބޭލި މީހުންނަށް ދޭ ބޯހިޔާވަހިކަމާ ގުޅޭ ސުވާލެއް ކުރައްވައިފައެވެ. އަދި އެ ސުވާލަށް ޖަވާބު ނުލިބުމުން، ތިނަދޫ މައްސަލައަކީ ބޮޑު ބަގާވާތެއް ކަމަށާއި އެ މައްސަލަ މަޖިލީހުން ބެލެންވާނެ ކަމަށާއި އަދި އެ ސުވާލު މިނިސްޓަރާ ކުރެވެން ވާނެ ކަމަށް ވިދާޅުވެ، އަޑުގަދަކުރައްވައިފައެވެ. މައިކު ކަނޑައިލުމުން ވެސް ޖާބިރު ވަނީ ހުވަދޫ ބަހުން ވެސް ވާހަކަދައްކައި އަޑު ގަދަކުރައްވައިފައެވެ.
ޖާބިރުގެ ވާހަކައާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، ޖާބިރު އަވަގުރާނަ ގޮވިކަން ރިޔާސަތުގެ ސަމާލުކަމަށް ގެނެސްދެއްވައިފައެވެ.
"މަޖިލީހުގެ ގަވައިދާ ހިލާފަށް އިއްޒަތްތެރި މެންބަރަކު ކެބިނެޓުގެ ވަޒީރަކާ ކ** އަށް ގޮވައިފަ، މިތަނުގައި ވާހަކަ ދެއްކެވީމާ އިއްޒަތްތެރި ރައީސްގެ ސަމާލުކަމަށް އެކަން ގެނައީ، މަޖިލިސް ގަވައިދުގައި އެގޮތަށް މުހާތަބު ނުކުރެވޭ،" ހުސެއިން ޝަހީމް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، ދެއްކެވި ވާހަކަ ސާފުކޮށްދެއްވައިފައެވެ. ޖާބިރު ވިދާޅުވީ އަވަގުރާނަ ގޮވައިފައިނުވާނެ ކަމަށާއި، ވިދާޅުވީ ތިނަދޫ ބަހުން "ހުތާ" ކަމަށެވެ.
"އިއްޔެގަ މި މަޖިލީހުގައި އަޅުގަނޑު ދެއްކި ވާހަކަ، ހުތާ އޭ ބުނީމާ މި މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު ވިދާޅުވެއްޖެ، ހުވަދޫ ބަސް އެ ބޭފުޅާއަށް ނޭނގުމަކީ، ކ** އަށް ގޮވިކަމަށް އަޅުގަނޑު ވަޒީރަށް، އެހެންވީމާ އެއީ މި މަޖިލީހުގައި ތަރުޖަމާ ކުރުމުގެ މައްސަލައެއް، އެއީ އެކިއެކި ލެންގުއޭޖުން މި ވާހަކަ ދެއްކެނީ، ހުވަދޫ ބަހަކީ ވެސް ވަކި ބަހެއް، އިޓަލީ ބަސް، ޖަރުމަނު ބަސް،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ ނިޒާމީ މައްސަލަ މަޖިލީހުގެ ރިޔާސަތުން ވަނީ ބަލައިގެންފައެވެ. އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ވާހަކަ ބައެއް މެންބަރުންނަށް އޮޅިވަޑައިގެންނެވީ ކަމަށް ވިދާޅުވެފައެވެ.
"ހުތާއަކީ ސިންގަޅަ ބަހުން ޕުތާ، ހުވަދޫ ބަހުން ޕާ ހާއަށް ބަދަލުވެފަ އެވަނީ، އެކަން އަޅުގަނޑަށް ހީވަނީ ބައެއް މެންބަރުންނަށް އޮޅިވަޑައިގެން ދިޔައީހެން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ މިނިސްޓަރާ ގުޅޭ ގޮތުން އެ މޭރުމުން ޖާބިރު ވާހަކަ ނުދައްކަވާނޭ ކަމަށް ޝައްކު ނުއުފެދޭ ކަމަށް ވިދާޅުވެފައެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ ހުތާއަކީ ހުވަދޫ ބަހުން ފިރިހެނުންނަށް ލޯބިން މުހާތަބު ކުރުމަށް ބޭނުން ކުރާ ބަހެއް ކަމަށާއި ޖާބިރު މަޖިލީހުގައި ވިދާޅުވީ އެއްވެސް ގޯސް ބަހެއް ނޫންކަމުގެ ޔަގީންކަން އަރުވައިފައެވެ.