ހިޔާ ފްލެޓްގައި ސާވޭ ކުރަނިކޮށް މާރާމާރީ ހިންގަން އުޅެފި

ޖުލައި 14، 2021: ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެކު ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހިޔާ ފްލެޓްގައި ސާވޭ ކުރަމުން ދަނިކޮށް ބަޔަކު މާރާމާރީ ހިންގަން މަސައްކަތް ކޮށްފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުނާ ގުޅޭ މައުލޫމާތު ހޯދައި، ހެދިފައިވާ ގަވާއިދުތަކަށް މީހުން އަހުލުވެރިތޯ ބެލުމާއެކު އެޗްޑީސީން ދޭ ހިދުމަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ސާވޭއެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު އެ ސަރަހައްދުން ބަޔަކު ނުކުމެ ސާވޭއަށް ހުރަސްއަޅައި މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން ވަނީ މި އަމަލު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ މިފަދަ ސާވޭ ތަކަކީ އެތަނުގައި ދިރިއުޅޭ މީހުންގެ ލާބައާއި މަންފާއަށް ކުރާ މަސައްކަތް ކަމަށެވެ.

ހިޔާ ފްލެޓްގައި ކުރިއަށް ގެންދާ މަސައްކަތްތަކުގައި އެއްބާރުލުން ދޭ ފަރާތްތަކަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް