ތިޔަ ލޯބި އެދިގެން... - 22

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

މުޅި ކޮޓަރިތެރެއަށް ވަށައިގެން ނަޒަރު ހިންގަމުން ގޮސް މިންހާ ހުއްޓުނީ އެނދުގެ ސައިޑް ކަބަޑު ކައިރީގައެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ލޭމްޕް ކައިރީގައި ބަހައްޓާފައި ހުރި ފޮޓޯގަނޑުތަކެވެ. އޭނާ ހުރި ދިމާ ސައިޑްކަބަޑު މަތީގައި ބަހައްޓާފައި ހުރި ފޮޓޯގަނޑު ނަގާ އެ ފޮޓޯގަނޑަށް ބަލައިލި ވަގުތު އޭނާ ސިހުނީ ކުއްލިއަކަށް ދޮރެއް ހުުޅުވައިލި އަޑެއް އިވިފައެވެ. އޭނާ ހީކުރީ ޝިޒާން ބޭރުގައި އުޅެފައި އައީ ކަމަށެވެ. ތުންފަތުގައި ދަތް އަޅައިލަމުން އެނބުރިލިއިރު އުނަގަނޑުގައު ތުވާލި އޮޅާލައިގެން ހުރި ޝިޒާން ފެނި މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

އޭނާއަށް ދެލޯ ބޮޑުކޮށްލައިގެން، ހަރަކާތެއްވެސް ގެންނަން ނޭނގިފައި ހުރެވުނެވެ. އަތުގައި އޮތް ފޮޓޯގަނޑަށް ބާރުކުރެވެމުން ދިޔައިރު މިންހާ ހުރީ ނޭވާލާން ވެސް ހަނދާންނެތިފައެވެ. ޝިޒާންގެ އެ ފިރިހެންވަންތަ ހަށިގަނޑު އެގޮތަށް އޭނާއަށް ފެނުނީ އަލަށެވެ. އިސްތަށިގަނޑު ތެތްކޮށް އޮތްއިރު، ނިތްމައްޗަށް ބައެއް އިސްތަށިތައް ވެރިފައިވާއިރު، ހިތްގައިމު ގޮތެއް ހުއްޓެވެ.

މިންހާ ފެނި ޝިޒާންއަށް ވެސް ހުރެވުނީ ހުއްޓުން އަރާފައެވެ. މިންހާ އޭނާގެ ކޮޓަރިއަށް ވަނީ ކީކުރަންބާއޭ ޝިޒާންގެ ހިތަށް އެރިއެވެ. މިންހާގެ އަތުގައި އޮތް ފޮޓޯގަނޑަށް ނަޒަރު ހުއްޓައިލުމާއެކު ޝިޒާން އަނެއްކާވެސް މިންހާއަށް ބަލައިލިއެވެ. ޝިޒާން ބަލައިލިގޮތުން ލަދުން ހުރެ މިންހާ ފަހަތަށް އެނބުރިލާ ފޮޓޯގަނޑު ހުރިތަނުގައި ބަހައްޓައިލީ ރަނގަޅަށް އެއަށް ނުވެސް ބަލާލައެވެ. އޭނާ ތުންފަތުގައި ދަތް އަޅައިލިއެވެ. ޝިޒާން ގެއަށް އައީ ކޮން އިރަކު ހެއްޔެވެ؟ އޭނާ ކޮޓަރީގައި ހުއްޓާ ހެއްޔެވެ؟ މިންހާ ހާސްވިއެވެ. ޝިޒާން ހީކުރާނެ އެއްޗެއް ނޭނގި އޭނާ ކަންބޮޑުވިއެވެ. އޭނާ ދާން ވެގެން ފިޔަވަޅެއް ކުރިއަށް އަޅައިލިވަގުތު، ޝިޒާން ގޮވައިލުމާއެކު ވަގުތުން ފިޔަވަޅުތައް މަޑުޖެހުނެވެ. ޝިޒާންއަށް ފުރަގަސްދީގެން ހުއްޓާ ޝިޒާން ވާހަކަ ދެއްކިއެވެ.

"ވަޓް އާރ ޔޫ ޑުއިން ހިއަރ؟" ޝިޒާންގެ އަޑުގައިވަނީ މަޑުމައިތިރިކަމެކެވެ. ރުޅިވެރި އެއްވެސް އަސަރެއް އެ އަޑުގައިނުވެއެވެ. މިންހާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭރުވެސް އޭނާ ހުރީ ޝިޒާންއަށް ފުރަގަސް ދީގެންނެވެ.

"އަހަރެން ހީކުރީ... ނޫޅޭކަމަށް..." މިންހާއަށް ވާހަކަ ދެކެވުނީ އަޅައަޅައިގަންނަމުންނެވެ. ޝިޒާންގެ ތުންފަތް މަތީގައި ދުލެލީ މާއުނަވީ ހިނިތުންވުމެކެވެ.

"އަހަރެން ރީތިވެލަން މިއުޅެނީ... މި ކޮޓަރީގައި ހުންނަންތަ ބޭނުމީ؟" ޝިޒާން އަނެއްކާވެސް ސުވާލުކޮށްލިއެވެ. އެ ސުވާލުން މިންހާ ލަދުގަންނާނެކަން ޝިޒާންއަށް އެނގެއެވެ. ވީވެސް އެހެންނެވެ. މިންހާ މޫނުމަތީގައި އަތް އަޅައިލަމުން ދުވެފައި ކޮޓަރިން ނުކުތެވެ. ޝިޒާން ގޮސް ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. އެއަށްފަހު އޭނާ ތައްޔާރުވެލިއެވެ. މާދަމާއަށް ނިންމަންޖެހޭ ލިޔެކިޔުންތަކެއް ނިންމަންވެގެން އޭނާ ދިޔައީ ތިރީގައި ހުންނަ ސްޓަޑީއަށެވެ. ކުންފުންޏާއި ބެހޭ ލިޔުންތައް ނަގައިގެން އޭނާ މޭޒު ދޮށުގައި އިށީނދެލިއެވެ. އެއީ ފުދޭވަރަކަށް ބޮޑު ކޮޓަރިއެކެވެ. ބުކްޝެލްފް ތަކުގައި ތަފާތު ފޮތްތައް ހުއްޓެވެ. އެތަން އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އެތަނުގައ ހުރި އިންޑޯ ގަސްތަކުގެ ސަބަބުންނެވެ. ޝިޒާން ގޮސް އެއްފަރާތު ފާރާ ދިމާލުގައި ދަމާފައިވާ ފަރުދާ ކަހައިލިއެވެ. އެއާއެކު ގޭގެ ބިއްދޮށާއި ސްވިމިންޕޫލް ރީތިކޮށް ފެންނަން ފެށިއެވެ. އެ ކޮޓަރީގެ އެއްފަރާތުގައި ބިއްލޫރި ވަށް މޭޒެއް ބެހެއްޓިފައިހުރިއިރު އޭގެ ފަށައިގެން ގޮނޑިތައް ބަހައްޓާފައި ހުއްޓެވެ. ހަމަ އެ މޭޒުގެ އެއްފަރާތުގައި އޭގެ ކުޑަ މޭޒެއް ހުރިއިރު އެ މޭޒު ދޮށުގައި ދެ ގޮނޑި ބަހައްޓާފައި ހުއްޓެވެ. ޝިޒާން ގޮސް އިށީނީ އެ މޭޒު ކައިރީގައެވެ. އެއަށްފަހު އޭނާ އަތުގައި އޮތް ފައިލްތައް މޭޒުމަތީގައި ބަހައްޓައިލިއެވެ. އަދި މަސައްކަތަށް ސަމާލުކަން ދިނެވެ.

މިންހާ ކޮޓަރިން ނުކުމެ ދެކޮޅު ހޯދައިލިއެވެ. ޝިޒާން ކޮބައިބާއޭ އޭނާގެ ހިތަށް އެރިއެވެ. ސިޑިން ފައިބައިގެން ތިރިއަށް ދިޔަމަގުމަތީގައި ރާމިޒާ އާ ދިމާވިއެވެ. އޭރު އޭނާގެ އަތުގައި ކޮފީ މަގެއް ހުއްޓެވެ.

"އެއްޗެއް ބޭނުންވީތަ؟" ރާމިޒާ ސުވާލުކޮށްލިއެވެ.

"ނޫން... ކާކަށް މި ގަޑީގައި ކޮފީ؟" މިންހާއަށް ސުވާލުކޮށްލެވުނެވެ.

"ޝިޒާންއަށް... " ރާމިޒާ ބުނެލިއެވެ.

"ކޮންތާކަށް ތި ގެންދަނީ؟ މަތީގައެއް ނޫންތަ ވީ؟" މިންހާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ހެހެ. ނޫނޭ. ސްޓަޑީގައި އޮފީސް މަސައްކަތެއް ކުރަން ވެގެން އިނީ..." ރާމިޒާ މިންހާއަށް ޖަވާބު ދިނެވެ.

"ބޭނުންތަ ބަލައިލަން ދާން..." ރާމިޒާ ވަކި ހިސާބަކަށް ހިނގައިގަނެފައި ހުއްޓި މިންހާއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. މިންހާ ބޯ ޖަހައިލިއެވެ. އޭރު އޭނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ޝިޒާން އޭރު ހުރި ގޮތް އަދިވެސް އޭނާގެ ސިކުނޑީގައި ފިލްމެއްގެ މަންޒަރެއް ފަދައިން ނިއުޅެމުން ދިޔައެވެ. އެފަދަ ގޮތަކަށް ޝިޒާން ފެނުމުން އެ ފިރިހެންވަންތަކަމަށް މިންހާއަށް ތަޢުރީފް ކުރެވޭތީ އޭނާ އަމިއްލަ ނަފްސަށް ވެސް އަޑުލިއެވެ. ޝިޒާން އަކީ އޭނާގެ ޙަޔާތަށް ދުވަސްކޮޅަކަށް އައި މެހެމާނެއްކަމަށް އޭނާ ހިތަށް ވިސްނައިދިނެވެ. އަދިވެސް އޭނާގެ ހިތުގެ ހަޤީޤީ މިލްކުވެރިއަކީ އާހިލްކަމުގައި މިންހާ ހިތާ ހިތުން ބުނެލިއެވެ.

ރާމިޒާގެ ފަހަތުން ގޮސް މިންހާ ސްޓަޑީއަށް ވަނެވެ. އޭރު ޝިޒާން މޭޒު ދޮށުގައި އިނެވެ. އޭނާގެ ކަންފަތަށް ޖަހާފައިވާ އެއަ ޕޮޑުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުން ދިޔައެވެ. ފޯނު ބާއްވަމުން އޭނާ ރާމިޒާއަށް ބަަލައިލަމުން ކޮފީތަށި ބެހެއްޓުމަށް ބުނުމުން ރާމިޒާ ތަބަކުން ޖޯޑު ނަގާ މޭޒުގެ އެއްފަރާތުގައި ބަހައްޓައިލިއެވެ. ޝިޒާންގެ ނަޒަރު މިންހާއަށް ހުއްޓުމާއެކު، އޭނާ ހިނިތުންވެލިއެވެ.

"ކަމެއް ބޭނުންވީތަ؟" ޝިޒާން މިންހާއާ ސުވާލުކޮށްލީ ރާމިޒާ ދިޔަ ފަހުންނެވެ.

"އާނނނ..." މިންހާ ބުނެލިއެވެ.

"ކޮންކަމެއް؟" ޝިޒާން އަތުގައި އޮތް ފައިލު ލައްޕައިލިއެވެ.

"ވަރި..." މިންހާ އަނެއްކާވެސް ބުނެލިއެވެ. އެއާއެކު ޝިޒާންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

"އަހަރެން ބުނީމެއްނު އަހަރެން ދުވަހަކުވެސް މިންހާ ވަރިއެއް ނުކުރާނަމޭ... މިންހާއަށް ރަނގަޅަށް ބެލުމަކީ އަހަރެން މިންހާގެ ބައްޕައަށް ވީ ވަޢުދެއް. އަހަރެން އެ ވަޢުދާ ޚިލާފައެއް ނުވާނަން..." ޝިޒާން ބުނެލިއެވެ. އޭނާ ގޮނޑިން ތެދުވެލިއެވެ. އޭރުވެސް މިންހާ ހުރި ގޮތަށް ހުއްޓެވެ.

ޝިޒާން ގޮސް މިންހާއާ ކުރިމައްޗަށް ވާގޮަތަށް ހުއްޓުނެވެ. އަހަރެން އެބަޖެހޭ މިންހާ އާ ވާހަކައެއް ވެސް ދައްކައިލަން... އިށީންނަން ވީނު..." ޝިޒާން ބުނެލިއެވެ. މިންހާ ޝިޒާންއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

"އަހަރެން ބޭނުމެއް ނޫން އިށީނދެގެން ވާހަކަ ދައްކާކަށް. މިހެން ހުރެވެސް ބުނަން ބޭނުންވާ އެއްޗެއް ބުނެބަލަ!" މިންހާ ރުންކުރުރާގަކަށް ބުނެލިއެވެ.

"މިންހާ އިތުރަށް ކިޔަވަން ބޭނުންވާކަމަށް ބައްޕަ އޮތީ ބުނެފައި. މިންހާއަށް އެ ފުރުސަތު އެބަ އޮތް. އަހަރެން މިންހާގެ ކިޔެވުމުގެ ހުރިހާކަމެއް ބަލަހައްޓަދޭނަން... މިންހާ ނުޖެހޭނެ އެއްވެސް ކަމަކާ ހާސްވާކަށް. " ޝިޒާންގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.

މިންހާއަށް ޝިޒާންއާ ދިމާލަށް ބަލައިލެވުނެވެ. ޝިޒާން އެ އުޅެނީ އެފަދަ މޮޅު ކަންތައްތައް ކޮށްގެން އޭނާގެ ހިތް އަތުލަން ހެއްޔެވެ؟ ނޫނީ އޭނާއަކީ ރާއްޖޭގައި ނެތްވަރުގެ ފައިސާވެރިއެއްކަން ދައްކަން ހެއްޔެވެ؟ ނޫނީ ޝިޒާން އެ ހަނދާންކޮށްދެނީ އޭނާއަކީ ނިކަމެއްޗެއްކަމުގަ ހެއްޔެވެ؟ ފައިސާއިން ހުރިހާކަމެއް ކުރެވޭނެކަމަށް ޝިޒާން ހީކުރަނީ ހެއްޔެވެ؟ އާދައިގެ ދިރިއުޅުމަކުން މިފަދަ ޝާހީ ގަނޑުވަރަކަށް އޭނާ ގެނެސް ލުމުން އޭނާގެ ހިތް ޝިޒާންއަށް ދެވިދާނެކަމަށް ޝިޒާން ޤަބޫލުކުރަނީ ހެއްޔެވެ؟ ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. އޭނާގެ ހިތް ދުވަހަކުވެސް ޝިޒާން އަކަށް ހެވެއް ނުވާނެއެވެ. އޭނާގެ ލޯތްބާ ދުރުވާން ޖެހުނީ ހަމަ ޝިޒާންގެ ސަބަބުންނެވެ. ޝިޒާން އާ ކައިވެނި ކޮށްގެން އޭނާއަށް ލިބުނު އެއްވެސް އުފަލެއް ނެތެވެ. މި މުއްސަނދިކަމުން އޭނާއަށް ހާސިލްވާނެ އެއްވެސް އުފަލެއް އަދި ފައިދާއެއް ވެސް ނެތެވެ. އެހެން ނޫނަސް މަޖުބޫރުން ކުރާ ކައިވެންޏަކުން ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟

"ކީއްވެ ވަރިނުކުރެވެންވީ؟" މިންހާއަށް ސުވާލުކޮށްލެވުނެވެ.

"އެއީ މިންހާގެ ބައްޕައަށް އަހަރެން ވަޢުދުވިން މިންހާ ދުވަހަކުވެސް ދޫކޮށްނުލާނެކަމުގައި. މިންހާއަށް ދުވަހަކުވެސް ހިތާމައެއް ނުދޭނެކަމުގައި. އަދި ޚުދު އަހަރެންވެސް މިންހާ ދޫކޮށްލާކަށް ބޭނުމެއް ނޫން...." ޝިޒާން މާނަފުން ގޮތަކަށް ޖުމްލައެއް ބުނެލިއެވެ. އޭނާއަށް މިންހާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ.

"މިންހާ ތިއައީ ވަރީގެ ވާހަކަ ދައްކަން ކަމުގަ ވަންޏާ އަހަރެން ބުނާނެ އެއްޗަކީ އެއީ..."

"ޝިޒާންއަށް ހީވަނީތަ މި މުއްސަނދިކަމުން ލޯބި ގަނެވިދާނެކަމަށް. ނުވާނެ އެހެންނެއް...." ޝިޒާންގެ ވާހަކަ ހުއްޓުމާއެކު މިންހާ ބުނެލިއެވެ. ޝިޒާން ގޮސް ގޮނޑީގައި އިށީނެވެ. އޭނާ ލިޔުންތަކަށް ނަޒަރު ހުއްޓައިލިއެވެ.

"ހީކުރަނީތަ އަހަރެންވެސް ގަނެލެވިދާނެކަމަށް..." މިންހާގެ އަޑު ކުރެހުނެވެ. ބައްޕަ އެގޮތަށް އޭނާގެ ކައިވެނި ކުރުވީ އަނެއްކާ ޝިޒާން މި މުއްސަނދިކަމުގެ ދަޅަ ދައްކައިގެން ހެއްޔެވެ؟ ބައްޕަ އެގޮތަށް ކަންތައް ކޮށްފާނެހެއްޔެވެ؟ މިންހާއަށް ރޮވެން ފެށުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ ދެފައިން ވާގި ދޫވާހެން ހީވެ ފާރުގެ އެހީ ހޯދައިލެވުނެވެ. ތުންފަތުގައި ދަތް އަޅައިލަމުން ރުއިން ކޮންޓްރޯލް ކުރެވޭތޯ މިންހާ މަސައްކަތް ކުރިއެވެ. ޝިޒާންއަށް އެނބުރި މިންހާއަށް ބަލައިލެވުނީ މިންހާ ނޭފަތް ދަމައިލި އަޑު އިވިފައެވެ. މިންހާ ގެ ލޮލުން ކަރުނަތައް ތިރިއަށް ފައިބަން ފެށުމުން އޭނާ ހާސްވިއެވެ. ގޮނޑި ދުރުކޮށްލާފައި ތެދުވެގެން ގޮސް އޭނާ މިންހާއާ ދާދި ގާތުގައި ހުއްޓުނެވެ. އެއަށްފަހު ފާރުގައި ލެނގިލައިގެން ހުރި މިންހާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

"ކީއްވެ ތި ރޮނީ؟ މިންހާ... އަހަންނަށް ބަލައިލަބަލަ!" ޝިޒާންގެ އަޑުގައި ކަންބޮޑުވުމާ އެއްވަރަށް އޯގާތެރިކަންވެސް ވިއެވެ. އެއަޑުން މިންހާއަށްޓަކައި އެ ހިތުގައިވާ ލޯބި ފެންނަމުން ދިޔައެވެ. އެ ދެލޮލުން ފެންނަނީ ތެދުވެރިކަމެކެވެ.

"އަހަރެން ރޮއްވާ މީހަކީވެސް ތީ ހަމަ..." މިންހާ ކަރުނަތައް އަތުގެ ނުފުުށުން ފުހެލަމުން ދެބުމަ ގޮށް ޖަހައިލިއެވެ. ޝިޒާން މަޑުމަޑުން އޭނާގެ އަތް އުފުއްލައިލާ މިންހާގެ ކޯތާފަތާ ދިމާލަށް އަތް ދިއްކޮށްލިއެވެ. އޭނާގެ މަޤްސަދަކަށްވީ މިންހާގެ ކަރުނަތައް ފުހެދިނުމެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އޭނާ މަޑުޖެހުނެވެ. މިންހާ އޭނާގެ އިނގިލި ކުރި ވެސް އެ ހަށިގަނޑުގައި ބީހޭކަށް ނޭދޭނެއެވެ. މިންހާގެ ނުރުހުމުގައި އެއްވެސް ކަމެއް ކުރާކަށް ޚުދު އޭނާ ވެސް ބޭނުމެއް ނޫނެވެ. ކުއްލިއަކަށް ޝިޒާންގެ މޭގައި އަޅާ ކޮށްޕައިލަމުން މިންހާ ސްޓަޑީ އިން ނުކުތެވެ. ޝިޒާންއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. މިންހާ މަސަލަސްކުރަން އޭނާ ދާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ މިންހާގެ ހިތާމަތަކުގެ އަސްލަކީ ޚުދު އޭނާއެވެ. ވީއިރު އޭނާ ދައްކާ އެއްވެސް ވާހަކައެއް މިންހާ މިއަދު އަޑެއް ނާހާނެއެވެ.

އެހެންނަމަވެސް، އޭނާ މިއަދި ކެތްތެރިވާނެއެވެ. މިންހާއަށްޓަކައި އިންތިޒާރުކުރާނެއެވެ. ކޮންމެވެސް ދުވަހަކުސް ހަމަ ޔަޤީނުންވެސް މިންހާ ވާނީ އޭނާގެ މީހަކަށެވެ. އެދުވަހަކުން މިންހާ އޭނާ ދެކެ އިންތިހާއަށް ލޯބިވާނެއެވެ. މިއަދު މިންހާގެ ރުޅިވެރިކަން އޭނާއަށް އިޙްސާސްކުރެވެއެވެ. އެކަމުގެ ފަހަތުގައިވާ ސަބަބުތައް ވެސް އޭނާއަށް އެނގޭތީއާވެސް އެކުގައެވެ. މިންހާއަށްޓަކައި އެ ހިތުގައި ވާ އިޙްސާސްތައް ފަހުމްވާން ދުވަސް ނަގާނެކަން ޝިޒާންއަށް އެނގެއެވެ. އެހިތުގައި އުތުރޭ ޖަޒުބާތުތައް ކިޔަމަންކުރުން ކިތަންމެ އުނދަގޫނަމަވެސް، އޭނާ މިއަދު ކެތްތެރިވަނީ މިންހާގެ ޙައްޤުގައެވެ. މަޖުބޫރުން ލޯބި ހާސިލް ކުރުމަށްވުރެ ކެތްތެރިކަމާއެކު މިންހާގެ ހިތް އަތުލުން އޭނާއަށް މުހިންމެވެ. އެހެންނަމަވެސް އޭނާއަށް އުނދަގޫ ކުރަނީ އެންމެ ކަމެކެވެ. މިންހާ އޭނާ ކުށްވެރިކުރާތީއެވެ. މިންހާގެ ކަރުނަތަކުގެ ފަހަތުގައި ވާ ސަބަބަކީ އޭނާހެން އޭނާއަށް ހީވާތީއެވެ. އަދި އެ ސަބަބު މިއަދު މިންހާގެ ދުލުން ހާމަ ކުރީތީއާއި ވެސް އެކުގައެވެ. މިންހާއަށް ނޭނގުނަސް މިންހާގެ އެ ބަސްތަކުން އޭނާގެ ހިތުގައިވެސް ކޫރު އެޅިއްޖެއެވެ. މިންހާއަށް ނޭނގުނަސް އެ ބަސްތައް އޭނާގެ ހިތަށް ހެރުނީ މިޔަތޫނު ހަންޖަރެއް ފަދައިންނެވެ. މިންހާގެ ނަފްރަތު އޭނާއަށް ލިބޭ ހާ ހިނދަކު އެ ހިތަކަށް އުފަލެއް ނެތެވެ. އެތައް ހާސްފަހަރަކު އެ ހިތް ކުދި ކުދި ވެގެންދާނެއެވެ. މިޔަތޫނު ހަންޖަރަކުން އެ ހިތް ކަފާ ކުދިކުދި ކޮށްލާފަދަ އެ ވޭނީ އިޙްސާސުން އޭނާއަށް މިންޖެއް ނުވެވޭނެއެވެ. އޭނާ މިންހާ ދެކެ ވާ ލޯބި މިންހާއަށް އެއްފަހަރުވެސް އިޙްސާސް ކުރެވޭނެ ނަމައެވެ. އެ ހިތުގެ ޙާލު އެނގޭނެނަމައެވެ. ހަމައެކަނި އޮތް ގޮތަކީ ކެތްތެރިވުން ކަމުގައި ވީނަމަވެސް، އެކަން ކުރަން އޭނާއަށް އުނދަގޫވަނީ އޭނާ މިންހާއަށްޓަކައި ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެ ޖަޒުބާތުތަކުގެ ވާހަކަ އޭނާ މިންހާ ކައިރީގައި ނުބުނެ ހުންނަނީ އަދި ވަގުތު ނުޖެހޭހެން އޭނާއަށް ހީވާތީއެވެ. އެހެންނަމަވެސް، ކޮންމެވެސް ދުވަހަކުން އޭނާ އެއްވެސް ޖެހިލުމެއްނެތި އެ ހިތުގެ ޙާލު މިންހާގެ ކުރިމަތީގައި ބަންޑުންކޮށްލާނެއެވެ.

ޝިޒާން މަސައްކަތް ކުރާ ހިތްވެސް ކެނޑުނެވެ. އެންމެ ފަހުން ފައިލްތައް ލައްޕައިލަމުން އޭނާ ވެސް ގޮނޑީގައި ލެނގިލިއެވެ. ނިތުގައި އަތް ހިންގައިލަމުން ފުންނޭވާއެއް އޭނާ ލިޔެވެ.

****

ސްޓަޑީއިން ނުކުމެގެން ދިޔަ މިންހާ ސިޑިން އަރައިގެން ގޮސްވަނީ ކޮޓަރިއަށެވެ. އޭރުވެސް އޭނާއަށް ރޮވެމުން ދިޔައެވެ. އެގޮތަށް ރޯން އިންނަތާ އިރުކޮޅެއް ފަހުން އޭނާއަށް އާހިލްގެ ފޯނު ކޯލެއް ލިބުނެވެ. ކަންފަތުގައި ފޯނު ޖައްސައިލަމުން މިންހާ ވާހަކަ ދެއްކިއެވެ.

"ހަލޯ.... އާހިލް...." މިންހާގެ އަޑު ވަނީ ކުރެހިފައެވެ.

"މިންނު. ކިހިނެއްވީ؟" އާހިލްއަށް ސުވާލުކޮށްލެވުނެވެ.

"އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ވަރިވެގެން އާހިލް ކައިރިއަށް ދާން. އާހިލް ތިރަށުން އައިސް އަހަންނާ ބައްދަލުކުރަން އެއްބަސްވޭ..." މިންހާ ބުނެލިއެވެ.

"މިންނު. އަހަރެން..."

"އާހިލް ޕްލީޒް. އެންމެ ފަހަރަކު. އަހަރެމެން ރައްޓެހިވީއްސުރެ އާހިލް އަހަންނާ ބައްދަަލެއް ނުކުރޭ. އެންމެ ފަހަރަކު އަހަންނާ ބައްދަލުކުރަން އެއްބަސްވެބަލަ!" މިންހާ އާދޭސް ކުރަން ފެށިއެވެ.

"އޯކޭ. އަަހަރެން މާލެ ގޮސް މިންނު އާ ބައްދަލުކުރާނަން. އެކަމަކު ގިވް މީ ސަމްޓައިމް އިނގޭ... އައި ލަވްޔޫ" އާހިލް ބުނެލިއެވެ.

"އަހަރެންވެސް ވަރަށް ލޯބިވޭ...." މިންހާވެސް ބުނެލިއެވެ. އާހިލްގެ ބައެއް ވާހަކަތަކުން މިންހާގެ ހިތުގައި ގަނޑުފެން އަޅައިލަދިންފަދައެވެ. ޝިޒާންގެ ސަބަބުން އެ ހިތުގައި ލީ ޒަޚަމްތަކުގައި އާހިލްގެ އެ ލޯބިވެތި ބަސްތައް ފިރުމައިލަދިން ފަދައެވެ. އޭނާ ބޭނުންވަނީ އާހިލްއެވެ. އާހިލް އޭނާ އުފަލުގައި ގެންގުޅޭނެކަން މިންހާއަށް ޔަޤީނެވެ. އޭނާ އުފަލުގައި އުޅެން ބޭނުންވަނީ މުއްސަނދި ކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ ލޯތްބެވެ. އެ ލޯބި އޭނާއަށް އެންމެ ފުރިހަމަ ގޮތުގައި ދެވޭނެ މީހަކީ ހަމައެކަނި އާހިލްއެވެ. ޝިޒާންއެއް ނޫނެވެ. އޭނާ މުސްތަޤްބަލުގައި ވާނީ އާހިލްގެ އަނބިމީހާއަށެވެ. ވީއިރު މިއަދު ޝިޒާންގެ ލާރީގައި ކިޔަވައިގެން މި މުއްސަނދިކަން ބޭނުން ކުރުމުގެ މާ ބޮޑު ފައިދާއެއް ނެތެވެ. އެހެންނޫނަސް އޭނާ ޝިޒާންގެ ފަރާތުން އެންމެ ލާރި އެއްވެސް ބޭނުމެއް ނޫނެވެ.

ހަމަޖެހިލުމުން މިންހާ ނުކުމެލީ ބަގީޗާއަށެވެ. ސްވިމިން ޕޫލް ފެނުމާއެކު ޝިޒާންއާއެކު އޭނާ ވެއްޓުނު މަންޒަރު އޭނާގެ ޚިޔާލުގެ ލޯގަނޑަށް ސިފަވިއެވެ. ޝިޒާންގެ ޓާކިޝް ގްރީން ކުލައިގެ ދެލޮލާ އޭނާގެ ލޮލާ އަމާޒުވިވަގުތު އެ ދެލޮލުން އޭނާއަށް ފެނުނު ކުލަވަރު ހަނދާންވުމާއެކު އޭނާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އެ ލޮލުގެ ތޫނުކަމުން އޭނާއަށް އަސަރުކޮށްގެން ނުވާނެއެވެ.

އޭނާ މަޑުމަޑުން ގޮސް އުނދޯލީގައި އިށީނދެލިއެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު އެތަނުގައި ދިއްލާފައިވާ އޮރެންޖުކުލައިގެ އަލިކަމުގެ ތެރެއިން މުޅި ސަރަހައްދުވެސް ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ހައްދާފައިވާ މާގަސްތަކުގައި އަޅާފައިވާ މާތަކުގެ މީރުވަސް އޭރުވެސް ކޮންމެވެސް ވަރަކަށް އެ ސަރަހައްދުގައި ހިފާލާފައިވެއެވެ. މިންހާ އުޑުމައްޗަށް ބަލައިލިއެވެ. ސާދަވިލޭރޭގެ ހަނދު މެދުއުޑުގައި ރަންކަން ކުރަމުންދިޔައިރު އެ ހަނދުގެ ދަރުބާރަށް ކުރިކުދި ޖަވާހިރުތަކެއްފަދަ ތަރިތައް ހާޒިރުވެފައިވާ ފަދައެވެ. އުޑުމަތި ސާފެވެ. ޖެހެމުންދިޔައީ ލުއި ލުއި ވައިރޯޅިތަކެކެވެ. މިންހާގެ ހަށިގަނޑަށް އެކަމުން އަރާމުވިއެވެ. އޭނާ ލޯ މަރައިލިއެވެ. އެ ކަމުން ލިބުނު ހިތްހަމަޖެހުމުން އޭނާ ނަފްސަށް ކޮންމެވެސް ކަހަލަ ލުޔެއް ހޯދަން ބޭނުންވެފައިވާ ފަދައެވެ.

"މިންހާ..." މިންހާ ސިހުނީ އޭނާއާއި ދާދިގާތުން މީހަކު ވާހަކަ ދެއްކި އަޑުއިވިފައެވެ. އެހާ ގާތުން އަޑުވުމުން އޭނާގެ ހިތުގެ ތެޅުންވެސް ހިނދުކޮޅަކަށް ބާރުވިއެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އޭނާ މޭގައި އަތް އަޅައިލަމުން މީހާހަމައަކަށް އަޅުވައިލީ އޭނާގެ ގާތުގައި ހުއްޓިލައިގެން ހުރި ރާމިޒާ ފެނިފައެވެ. މިންހާ ހިނިތުންވެލިއެވެ.

"އެކަނިމާއެކަނި މި ދިމާލަށް އައިތަން ފެނި މިއައީ..." ރާމިޒާ ހިނިތުންވެލިއެވެ. އޭނާ މިންހާގެ ގާތުގައި އިށީނުމަށް އިޒުނައަކަށް އެދުނެވެ.

މިންހާ ބޯ ޖަހައިލުމުން ރާމިޒާ ޖޯލީގައި އިށީނދެލިއެވެ.

"ޝިޒާން އަކީ ހިތުގެ ޙާލު އެއް އިރެއްގައިވެސް ފާޅުކުރާ ޒުވާނެއްނޫން...." ރާމިޒާ ކުއްލިއަކަށް ބުނެލި ވާހަކައަކުން މިންހާއަށް ރާމިޒާއާ ދިމާލަށް ބަލައިލެވުނެވެ. ކުއްލިއަކަށް އެފަދަ އެއްޗެއް ރާމިޒާ ބުނަން ޖެހުނު ސަބަބެއް މިންހާއަކަށް ނުވިސްނުނެވެ. އޭނާ ހައިރާންކަމާއެކު އެހެންނަމަވެސް، ޝައުގުވެރިކަން އެކުލެވޭ ބެލުމަކުން ރާމިޒާއަށް ބަލައިލިއެވެ. އެއާއެކު ރާމިޒާ ލުއި ހިނިތުންވުމެއް މިންހާއަށް ހަދިޔާ ކޮށްލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު