ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރިޓެއިލް ޕްރައިޒް (އެމްއާރުޕީ)ގެ ގޮތުގައި ކަނޑައަޅައިފައިވާ އަގުތަކާ ބެހޭ ގޮތުން ބޭސް އެތެރެ ކުރާ މީހުންނާއި ބޭސްފިހާރަތަކުން ޝަކުވާ ހުށަހަޅަން ހުޅުވައިލައިފިއެވެ.
ބޭސް ގަންނަ އަގަށް ގިނަވެގެން ލެވޭނީ 100 ޕަސެންޓް މާކްއަޕެއް ކަމަށް ކަނޑައަޅައި، ރާއްޖެ އިމްޕޯޓުކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް، ޖެނުއަރީން ފެށިގެން އެމްއާރުޕީ ތަންފީޒު ކުރަން ވަނީ ހަމަޖައްސައިފައެވެ.
ސަރުކާރުގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ޑަކްޓަރީ ބޭހުގެ އެމްއާރްޕީ ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު އެންމެ މަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް، ބޭސް އެތެރެކުރާ މީހުންނާއި ފާމަސީ ތަކުގެ ވެރިންނާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެމްއާރްޕީ ކަނޑައެޅުމުގެ ކުރިން، މި ފަރާތްތަކުގެ ކަންބޮޑުވުމެއް ނުވަތަ ޝަކުވާ ލިޔުމުން ހުށަހަޅަން ހުޅުވައިލައިފައިވާއިރު، މިގޮތަށް ހުށަހެޅޭ ޝަކުވާތައް އިވެލުއޭޓް ކުރުމަށްފަހު ކަނޑައަޅަފައިވާ އަގަށް ބަދަލެއް ގެންނަޖެހޭނަމަ ކަނޑައެޅިފައިވާ ގަވާއިދުގެ މަތިން އެބަދަލެއް ގެނެވޭނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
މިހާރު ކަނޑައަޅައިފައިވާ ގޮތަށް އިންވޮއިސްގެ އެފްއޯބީ ނެގުމަށް ޓަކައި މައުލޫމާތު ނަގައިފައިވަނީ ފާއިތުވި ފަސް އަހަރު ރާއްޖެއަށް އެތެރެކޮށްފައިވާ ބޭހުގެ ޑޭޓާއިންނެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތަށް ރިއާޔަތް ކޮށް މިދިޔަ އަހަރާއި އަދި މިއަހަރު އިމްޕޯޓް ކޮށްފައިވާ ބޭހުގެ އެފްއޯބީގެ އަގު ނަގައިފައި ވަނީ މި ދެއަހަރުގެ މައުލޫމާތަށް ބިނާކޮށް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
މި މަސައްކަތުގެ ދެވަނަ ފިޔަވަހި ތަންފީޒު ކުރާނީ އަންނަ އަހަރުގެ މެދުތެރެއިންނެވެ. ދެވަނަ ފިޔަވަހީގައި، ރާއްޖެއަށް އެތެރެކޮށް ވިއްކާ ހުރިހާ ބޭހަކަށް އެމްއާރުޕީ ތަންފީޒު ކުރާނެއެވެ.
އެމްއާރްޕީ ސިޔާސަތު ތަންފީޒްކޮށް ނިމޭއިރު ރާއްޖޭގެ އެޕްރޫވް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް ވިއްކޭނެ އެންމެ މަތި އަގު ކަނޑައެޅިގެން ދާނެއެވެ.
ބްލެކް މާކެޓުގައި ބޭސް ވިއްކުން ހުއްޓުމަކަށް އަންނާނެ
މިސިޔާސަތުގެ ސަބަބުން ދިވެހިރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެކަމަށް އޮފިޝަލު ވިދާޅުވިއެވެ. އެގޮތުން އާސަންދަ ނުލިބޭ ބޭސްތަކަށް އާންމު ފަރުދުންގެ ޖީބުން ކުރާ ހޭދަ ކުޑަވުމާއި، ތަފާތު އަގުތަކުގައި އެއް ބޭހެއް (އެއް ބްރޭންޑް) ވިއްކުން ކޮންޓްރޯލް ކުރުމުގެ އިތުރުން ފާމަސީގެ ވެރިފަރާތުން ކަނޑައަޅާފައިވާ އަގާއި އަދި މިންގަނޑެއް ނެތި ބްލެކް މާކެޓްގައި ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓުވިގެން ދާނެއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދިޔައިރު ފާހަގަ ކުރެވިފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ބޭސް ސިޓީ އާ ނުލާ ވިއްކޭ ބައެއް އާދައިގެ ބޭސް (އެއް ކުންފުންޏެއް، އެއް ސްޓްރެންތް، ޑޯޒެއް) ތަފާތު އަގުތަކުގައި އެކި ފާމަސީތަކުން ވިއްކައިފައިވާ މައްސަލަ ހިމެނެއެވެ.
އެއް ބްރޭންޑެއްގެ، އެއް ބޭހެއް ވިއްކާ އަގު އެތައް ގުނައަކުން ތަފާތުކަން ފާހަގަ ކުރެވޭއިރު، އޭގެ އެއް މިސާލަކީ ރާއްޖޭގައި އެންމެ ގިނައިން މީހުން ބޭނުންކުރާ އެއްބޭސް ކަމުގައިވާ 'އިސެމެޕްރަޒޯލް" ޖެނެރިކް ގެ ބްރޭންޑެއް ކަމުގައިވާ "އިސޯޒް"އެވެ. އޭގެ އަގަށް ބަލާއިރު 3.25 ރުފިޔާ އިން ފެށިގެން ހަ ރުފިޔާއާ ހަމައަށް މާކެޓްގައި ބޭހުގެ އަގު ތަފާތު އެބަހުއްޓެވެ.
އޮފިޝަލް ވިދާޅުވީ ބޭސް ސިޓީއާ ނުލާ ވިއްކޭ މިފަދަ ބޭހުގެ އަގުގެ ތަފާތު ބޮޑުވުމަކީ ބޭސްގަތުމަށް ރައްޔިތުމީހާގެ ޖީބުން ކުރަންޖެހޭ ހަރަދު އިރުތުވެގެންދާނެ ކަމެއް ކަމަށެވެ.
ބޭހުގެ ރައްކާތެރިކަމާއި ފެންވަރަށް ބަދަލެއް ނާންނާނެ
އެމްއާރްޕީ ކަނޑައެޅިގެން ދިޔަ ނަމަވެސް މިވަގުތު އަގު ކަނޑައަޅައިފައިވާ ބޭސްތަކަކީ މިހާރުވެސް މާކެޓުގައި ހުރި ބޭސްތަކެއް ކަމުން މި ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ހުރިހާ މަރުހަލާ ތަކެއް ފުރިހަމަ ކުރުމަށްފަހުގައެވެ.
ހަމައެހެންމެ މުސްތަގުބަލުގައި ވެސް ރާއްޖެއަށް ބޭސް އެތެރެކުރެވޭނީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ޔަގީން ކުރުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެހެންކަމަށްވުމާއެކު ބޭހުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭނެ ޖާގައެއް ނެތް ކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބޭހުގެ ރައްކާތެރިކަން ޓެސްޓުކުރުން ހަރުދަނާކުރުމުގެ ގޮތުން ނެޝަނަލް ހެލްތް ލެބޯޓްރީ އަޕްގްރޭޑް ކުރުމުގެ ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަން ފާހަގަކޮށް އޮފިޝަލު އިތުރަށް ވިދާޅުވީ މިހާރު ވެސް 60އަށް ވުރެ ގިނަ ޖެނެރިކް ޓެސްޓް ކުރެވޭ ކަމަށެވެ.
ހަމައެހެންމެ މިވަގުތު ރާއްޖެއިން ނުކުރެވޭ ޓެސްޓްތައް ކުރުމަށް ޓަކައި ސިންގަޕޫރުގެ ލެބޯޓްރީއަކަށް ސާމްޕަލް ފޮނުވައިގެން ވެސް ޓެސްޓް ކޮށް ބޭހުގެ ކޮލިޓީ މޮނިޓާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.