2.5 ބިލިއަން ރުފިޔާ ބޮންޑަކަށް ބަދަލުކުރެވޭ ގޮތަށް، އޯޑީގެ މުއްދަތު އިތުުރުކޮށްދީފި

ފިނޭންސް މިނިސްޓަރު އަމީރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު 2023 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށް ދިގު ދަންމާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި މިގޮތަށް ފާސްކޮށްފައިވަނީ 42 މެންބަރުންގެ ވޯޓުންނެވެ. މުއްދަތު އިތުރުކުރުމަށް ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވައިފައިވެއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 36 ވަނަ މާއްދާ އިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލު ކުރުން މިދިޔަ އަހަރުން ފެށިގެން އޮތީ އިސްތިސްނާ ކޮށްފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި މައްސަލަތަކާ އެކު، އެ ހުއްދަ ފުރަަަތަމަ ދިނީ މިދިޔަ އަހަރެވެ. އޭރު ވެސް ހުއްދަ ދިނީ ޗާޕުކުރާ ފައިސާގެ އަދަދު ހަތަރު ބިލިއަނަށް ވުރެ ބޮޑުނުވާނެހެން އެއް އަަހަރު ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު މިދިޔަ އޭޕްރިލް މަހުގެ 25ގައި ހަމަވުމާ ގުޅިގެން، ފިނޭންސް މިނިސްޓްރީގެ އެދުމާއެކު މަޖިލީހުން ވަނީ އަންނަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްދީފައެވެ.

އެ މުއްދަތު އިތުރުކުރަން އަނެއްކާ ވެސް ފިނޭންސުން އެދުމާއެކު މާލިއްޔަތު ކޮމިޓީން ވަނީ ފިނޭންސުން ހުށަހެޅި ހުށަހެޅުންތަކަށް ބައެއް އިސްލާހު ގެނެސްފައެވެ. އެގޮތުން އިތުރުކޮށްދިނުމަށް ފިނޭންސުން އެދުނީ އޭޕްރީލް 26، 2023 ގެ ނިޔަލަށް ނަމަވެސް މާލިއްޔަތު ކޮމިޓީން ވަނީ އެ ތާރީހު އެ އަހަރުގެ ނިޔަލަށް ދަންމާލަން ފާސްކޮށްފައެވެ.

ހަމައެހެންމެ ފިނޭންސުން ހުށަހެޅި 3.5 ބިލިއަން ރުފިޔާގެ އަދަދު ވަނީ 2.5 ބިލިއަން ރުފިޔާއަށް ކުޑަ ކުރުމަށް ނިންމަވައިފައެވެ.

ކޮމިޓީން ނިންމައިފައިވަނީ މި އިސްލާހުތައް މަޖިލީހުން ހުށަހަޅާ ގޮތަށެވެ. އެހެންނަމަވެސް މަޖިލީހުން ދެވޭނީ ލަފައެއް ކަމަށާއި ކޮމިޓީގެ ރިޕޯޓުން އެމްއެމްއޭގެ މިނިވަންކަމަށް އަސަރުކުރާ ކަމަށް ކައުންސިލް ޖެނެރަލުން އެންގުމާ ގުޅިގެން، މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވަނީ ކޮމިޓީގެ ނިންމުމަށް ދެ އިސްލާހެއް ހުށަހަޅުއްވައިފައެވެ.

ނާޝިޒް ހުށަހެޅުއްވީ މި އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކު އެކައުންޓުން އޯވާޑްރޯ ކުރެވިފައި ހުރި މިންވަރުގެ ތެރެއިން 2.5 ބިލިއަން ރުފިޔާ ސެކިއުރިޓައިޒްކޮށް އެމްއެމްއޭ އިން ސަރުކާރަށް ދޫކުރާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލުކުރުމަށެވެ. ނާޝިޒް ވަނީ މި ބޮންޑުގެ ކޫޕަން ރޭޓަކަށް 2.5 ޕަސެންޓު ހަމަޖެއްސުމަށް ލަފާއެރުވުމަށް ވެސް ހުށަހަޅައިފައެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓުން އޯވާޑްރޯ ކޮށްފައި ހުންނަ އަދަދުން ކޮންމެ ދުވަހަކު އަހަރަކަށް 0.1 ޕަސެންޓު އިންޓްރެސްޓް ރޭޓު ނެގުމަށް ލަފާ އެރުވުމަށް ވެސް އިސްލާހު ހުށަހަޅައިފައިވެއެވެ.

ނާޝިޒުގެ އިސްލާހުތަކަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ތާއީދު ކުރައްވައިފައެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 41 މެންބަރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް