ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބު ނުލިބުމުން މިނިސްޓަރަށް އަވަގުރާނަ ގޮވައިފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު --- ފޮޓޯ: މަޖިލިސް

މީގެ 59 އަހަރުކުރިން ގދ. ތިނަދޫއިން ބޭލި މީހުންގެ ގޯއްޗާ ބެހޭ ސުވާލެއް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ކުރެއްވުމުން، އެ ސުވާލުގެ ޖަވާބު ނުލިބުމުން ހިތްހަމަޖެހިވަޑައި ނުގެން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި އަވަގުރާނަ ގޮވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް ވަނީ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވަޑައިގެންފައެވެ.

ސުވާލުކުރަން ލިބުނު ފުރުސަތުގައި ޖާބިރު ވަނީ "ތިނަދޫ ބަގާވާތުގައި" އެރަށުން ބޭލި މީހުންނަށް އެއްވެސް ބަދަލެއް ދިނުމުގެ ވިސްނުން މިނިސްޓަރުގެ އޮތްތޯ ސުވާލުކުރައްވައިފައެވެ.

"ޕްލޭނިން މިނިސްޓަރުގެ އެއްވެސް ވިސްނުމެއް އެބައޮތްތޯ، ތިނަދޫ ބަގާވާތުގައި ބޭލި މީހުންނަށް ކޯއްޗެއްތޯ ދޭނީ، އެކަމަށް ޕްލޭނިން މިނިސްޓަރު މިހާ ހިސާބަށް ދިޔައިރު އެއްވެސް ކަމެއް ކުރިތޯ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވަނީ ޖާބިރު ވިދާޅުވި ވާހަކައަކީ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑާ ހަވާލުކުރެވިފައި ހުރި މަސްއޫލިއްޔަތުތަކުގެ ތެރެއިން ހިމެނޭ ޒާތުގެ ސުވާލެއް ނޫން ކަމަށް، ތިނަދޫގެ އަހަރުތަކެއް ކުރީގައި، ތިނަދޫގެ އަހަރުތަކެއް ކުރީގައި..." މިނިސްޓަރުގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ޖާބިރު ވަނީ މަޖިލީހުގައި އަޑުގަދަ ކުރައްވަން ފައްޓަވައިފައެވެ.

އެގޮތުން ޖާބިރު ވަނީ ތިނަދޫ މައްސަލައަކީ ބޮޑު ބަގާވާތެއް ކަމަށާއި އެ މައްސަލަ މަޖިލީހުން ބެލެންވާނެ ކަމަށާއި އަދި އެ ސުވާލު މިނިސްޓަރަށް ކުރެވެން ވާނެ ކަމަށް ވިދާޅުވެ، އަޑުގަދަކުރައްވައިފައެވެ. ހަމައެހެންމެ އަވަގުރާނަ ގޮވައި، ޖަވާބުދާރީވާން ޖެހޭނެ ކަމަށް އެނާ ވިދާޅުވެފައިވެއެވެ.

ޖާބިރު އަޑުގަދަ ކުރައްވަން ފެއްޓެވުމުން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރު އިށީނދެ ވަޑައިގެން، ފުރުސަތު ނުލިބެނީސް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ.

ހަމައެހެންމެ މިނިސްޓަރުގެ ޖަވާބުގައި މާނަކުރެއްވީ މިއަދުގެ މައުޟޫއާ ނުގުޅޭ ވާހަކަ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެއާއެކު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، ޖާބިރު އަވަގުރާނަ ގޮވިކަން ރިޔާސަތުގެ ސަމާލުކަމަށް ގެނެސްދެއްވައިފައެވެ.

"މަޖިލީހުގެ ގަވައިދާ ހިލާފަށް އިއްޒަތްތެރި މެންބަރަކު ކެބިނެޓުގެ ވަޒީރަކާ ކ** އަށް ގޮވައިފަ، މިތަނުގައި ވާހަކަ ދެއްކެވީމާ އިއްޒަތްތެރި ރައީސްގެ ސަމާލުކަމަށް އެކަން ގެނައީ، މަޖިލިސް ގަވައިދުގައި އެގޮތަށް މުހާތަބު ނުކުރެވޭ،" ހުސެއިން ޝަހީމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޔައުމިއްޔާގައި ލިޔެވެނީ ހަމައެކަނި މައިކުން ދައްކާ ވާހަކަ ކަމަށާއި އެހެންކަމުން ޖާބިރު ދެއްކެވި ވާހަކަ ޔައުމިއްޔާގައި ނުހިމެނޭނެ ކަމަށެވެ.

comment ކޮމެންޓް