ޕަޔެޓްގެ ބޮލުގައި ފެންފުޅިއަކުން ޖެހުމާއެކު ލިޔޯންއަށް ބޮޑު އަދަބެއް

މާސޭގެ މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓް --- ފޮޓޯ/ލައިވްސްކޯ

ފްރެންޗް ލީގުގައި ލިޔޯންއާއި މާސޭ ބައްދަލު ކުރި މެޗުގައި ލިޔޯންގެ ސަޕޯޓަރަކު މާސޭގެ މިޑްފީލްޑަރު ޑިމިޓްރީއަށް ފެންފުޅިއަކުން ހަމަލާދިން މައްސަލައިގައި ލިޔޯންއަށް ބޮޑު އަދަބެއް ދީފިއެވެ.

އިންތިހާއަށް ބޮޑު ވާދަވެރިކަމެއް އޮންނަ މާސޭއާއި ލިޔޯންގެ މެޗުގެ ވަކި ހިސާބަކުން އެ މެޗު ވަނީ ހުއްޓާލައިފައެވެ. މެޗު ހުއްޓާލަން ރެފްރީ ނިންމީ މާސޭއަށް ލިބުނު ކޯނަރެއް ނަގަން ދިޔަ ޕަޔެޓްއަށް ލިޔޯންގެ ސަޕޯޓަރަކު ފެންފުޅިއަކުން ހަމަލާދިނުމުން މެޗު ހޫނުވުމުންނެވެ.

ޕަޔެޓްގެ ބޮލުގައި ފެންފުޅިން ޖެހުމާއެކު އޭނާ ވަނީ ދަނޑުމައްޗަށް ވެއްޓިފައެވެ. އެއާއެކު ލިޔޯންގެ މެޑިކަލް ޓީމުން އޭނާއަށް ވަގުތުން ވަނީ ދަނޑުމަތީގައި ފަރުވާދީފައެވެ. ނަމަވެސް މެޗުގެ ރެފްރީ، ރޫޑީ ބުކެޓް ވަނީ މެޗު އިތުރަށް ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތްކަމަށް ބުނެ މެޗު ސަސްޕެންޑްކުރަން ނިންމައިފައެވެ.

މި މައްސަލައިގައި ލިޔޯން ކުލަބުގެ ރައީސް، ޖޭން މިޗެލް ވަނީ ޕަޔެޓް އާއި މާސޭގެ ކިބައިން މައާފަށް އެދިފައެވެ. އަދި ޕަޔެޓަށް ހަމަލާދިން ސަޕޯޓަރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލަ ފްރާންސްގެ ފުޓުބޯޅައިގެ މައި އިދާރާއާއި ލީގުގެ ޑިސިޕިލިނަރީ ކޮމިޓީން ބަލާފައިވާ އިރު، އެ މައްސަލައިގައި ލިޔޯންގެ ސަޕޯޓަރަށް އަދަބު ދިނުމުގެ ބަދަލުގައި މުޅި ކުލަބަށް ބޮޑު އަދަބެއް ދޭން ވަނީ ނިންމައިފައެވެ. އެގޮތުން ޑިސެމްބަރު އަށެއްގެ ނިޔަލަށް ލިޔޯން އަމިއްލަ ދަނޑުގައި ކުޅޭ އެއްވެސް މެޗަކަށް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ވަނީ ނިންމާފައެވެ.

އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށްފަހު އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ލީގުގެ ޑިސިޕިލިނަރީ ކޮމިޓީއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެގޮތުން މިފަހަރުގެ ލީގުގައި ލިޔޯން ހޯދި ޕޮއިންޓްގެ ތެރެއިން ބައެއް ޕޮއިންޓް އުނިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިއީ މި ސީޒަނުގައި މާސޭ ކުޅުނު މެޗުތަކުގެ ތެރެއިން ސަސްޕެންޑް ކުރި ދެވަނަ މެޗެވެ. ލީގުގެ ކުރީކޮޅު ކުޅުނު މެޗެއްގައި ނީސްގެ ސަޕޯޓަރުން ދަނޑުމައްޗަށް އެރުމާ ގުޅިގެން އެ މެޗު ސަސްޕެންޑް ކުރި އިރު، އެ މައްސަލައިގައި ނީސްގެ އަތުން ދެ ޕޮއިންޓް ވަނީ އުނިކޮށްފައެވެ.

comment ކޮމެންޓް