ހުޅުމާލެ ދެވަނަ ފޭސްގައި އަޅައިފައިވާ ހިޔާ ފްލެޓުތަކަކީ އެއްވެސް ޕްލޭނެއް ނެތި ކޮށްފައިވާ ކަމެއް ކަމަށް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޑައިގެން، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އައްޑޫ އަތޮޅަށް ވުރެ ބޮޑު އާބާދީއެއް އެއްތަނަކަށް ތޮށްޖެއްސުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.
"ފަންސަވީސް ބުރީގެ އިމާރާތްތަކެއް ޖެހިޖެހިގެން ފުރަތަމަ އެޅި އެޅުން އެއީ ހަމަ ގޯސް ޕްލޭނެއް، އައްޑޫ ސިޓީގެ އާބާދީއަށް ވުރެ ބޮޑު އާބާދީއެއް ކުޑަކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި، ބާއްވަން އެ ޕްލޭން ކުރުން އެއީ ފުރަތަމަ ގޯސް ނިންމުމެއް،" އަސްލަމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުން އެ މަސައްކަތް ފަށައިފައިވާއިރު، މި ސަރުކާރު އައިރު އެ މަސައްކަތް އޮތީ ނުހުއްޓުވޭނެ ހިސާބަށް ގޮސްފައި ކަމަށެވެ. އެހެންނަމަވެސް އެތަން ތަޅާލަން ވިސްނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވިސްނިން ތަޅާލަން ވެސް، އަޅުގަނޑު އަމިއްލައަށް އެކަނި ނިންމާ ނިންމުމެއް ނަމަ ތަޅާލީމުސް، އޭރުވެސް، އޭރުވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮށްޓެކޭ، އެ ވާހަކަ ދައްކަން ފެށީމާ އަޅުގަނޑާ ދިމާލަށް ހެއްދެވީ ނުހެއްދެވިއަށް ގޮވި، ތިޔަ ހެވޭ ކޮތަރު ކޮށްޓަކަށް ވިޔަސް ތިމަންނަ މެންނަށް ދޭށެ ތިތަން، އެހެރީ ދީފަ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުންގެ އެދުމަށް އެތަން ދިނުމުން، މިހާރު ދައްކަނީ ދިމާވާ މައްސަލަތަކުގެ ވާހަކަ ކަމަށާއި އެކަންކަން ވާނޭ ކަން ކުރި ވެސް އެނގެން ވާނެ ކަމަށެވެ.
"އެހާ ކުޑަކުޑަ ތަންކޮޅަކަށް އެހާ ގިނަ މީހުން އެއްކޮށްލީމާ ވާނެ ގޮތުގެ ވާހަކަ ދައްކަނީ އަޅުގަނޑުމެން، ސަރުކާރުން ބަލަހައްޓާނެ ދެން، ކުރިއަށް އޮތް އަންނަން އޮތް ހުރިހާ ސަރުކާރަކުން ވެސް އެކަން ބަލަހައްޓާނެ، ގޯސް ނިންމުމަކަށް ބިނާވެގެން ގޮސް ނިމިފައި އޮތް ނިންމުމަކަށް ވީމާ މި ހިސާބަށް މިކަން ގޮސްފައި މިއޮތީ،" ހިޔާ ފްލެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަސްލަމް ވިދާޅުވިއެވެ.
ހިޔާ ފްލެޓުތަށް ކުށުގެ ހާއްޔަކަށްވީ ނަމަވެސް އެތަނުގައި ދެން ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް ވިދާޅުވެ އަސްލަމް އިތުރަށް ވިދާޅުވީ ފުލުހުން އެތަނަށް ވަދެ، ވިޔާނުދާ ކަންކަން ކުރާ މީހުންނަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި އެ ނޫން ގޮތެއް އެތާނގައި ނުހެދޭނެ ކަމަށް ވިދާޅުވިއެވެ.