އެންއެސްޕީއަކީ ފައިސާ ދީގެން މެމްބަރުން ގަންނާނެ ޕާޓީއެއް ނޫން: އޭކޭ

އަބްދުﷲ ކަމާލުއްދީން -- ފޮޓޯ/ ޕީއެސްއެމް

ނޭޝަނަލް ސޮލިޑައިރިޓީ ޕާޓީ (އެންއެސްޕީ)އަކީ ފައިސާ ދީގެން މެމްބަރުން ގަންނާނެ ޕާޓީއެއް ނޫން ކަމަށް، އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ، ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން (އޭކޭ) ވިދާޅުވެއްޖެއެވެ.

އެންއެސްޕީ ރެޖިސްޓްރީ ކުރުމަށް ޓަކައި ބޭނުންވާ، 3،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް މާލެއާ އަތޮޅުތެރޭގައި މިހާރު އަންނަނީ ކުރަމުންނެވެ.

އޭކޭ ވިދާޅުވީ ފައިސާ ދީގެން ސިޔާސީ ޕާޓީ ތަކަށް މެމްބަރުން ވައްދާ ކަމުގެ ވާހަކަތައް ދެކެވެމުން އައި ނަމަވެސް އެ ޕާޓީއަކީ ފައިސާއާއި މުދާ ދީގެން މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އޭގެ ބަދަލުގައި ޕާޓީއަށް ވަންނަ މެމްބަރުންނަކީ ޕާޓީގެ ސިޔާސަތުތަކަށް ރުހި ގަބޫލު ވެގެން، ހިތުން ރުހުމުން ވަންނަ މެމްބަރުން ކަމަށެވެ.

ޕާޓީ ރެޖިސްޓްރީ ކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު "ސަން"އަށް ދެއްވަމުން އޭކޭ ވިދާޅުވީ ޕާޓީއަށް މެމްބަރުން ހަމަކުރުމަށް، ދީފައި އޮތް މުއްދަތު، ކޮވިޑާ ގުޅުވައިގެން އިތުރުކޮށްފައިވާ ކަމަށާއި މިހާރު އޮތް ގޮތުންނަމަ އެ މުއްދަތު ގުނަން ފަށާނީ ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ކަމުގައި އީސީން ބުނެފައިވާ ކަމަށެވެ.

އޭކޭ ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާ ދިމާވުމުން ޕާޓީއަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން އަތޮޅު ތަކަށް ކުރަންޖެހޭ ދަތުރުތައް ވެސް ހުއްޓާލަން ޖެހުމުގެ ސަބަބުން މެމްބާޝިޕް ފޯމް ފުރުވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"މި ޕާޓީގެ ސިޔާސަތަކީ އެއްވެސް ފައިސާއެއް ނުދީ މެމްބަރުން ހަމަކުރުން. މި ޕާޓީއަށް ވަންނަނީ އެއްވެސް އަމިއްލަ އެދުމެއް ނެތި ހިތުންރުހުމުން ވަންނަ މީހުން،" އޭކޭ ވިދާޅުވިއެވެ.

މިހާތަނަށް ހަމަކުރެވުނު މެމްބަރުންގެ އަދަދު ވިދާޅުނުވެ، އޭކޭ ވިދާޅުވީ އެ އަދަދު ހާމަ ކުރާނީ 3،000 މެމްބަރުން ހަމަކުރުމަށް ދީފައިވާ މުއްދަތު ހަމަވެ، އީސީއަށް ހުށަހަޅަން ތައްޔާރުވުމަށްފަހުގައި ކަމަށެވެ.

އާ ޕާޓީއެއް އުފެއްދުމާ ގުޅޭގޮތުން ކަމާލުއްދީން އާންމުކުރެއްވި ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކު ވެސް، ގައުމުގައި ހައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން އިސްލާމްދީނަށް ނަސްރުދީ، ގައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު އަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

އޭކޭ ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް މައުމޫނާއެކުގައެވެ. އަދި ފަހުން ޖުމްހޫރީ ޕާޓީގައި ވެސް އޭނާ އުޅުއްވިއެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އެމްއާރްއެމް އުފެއްދެވުމުން އޭނާ އަނެއްކާވެސް އުޅުއްވީ މައުމޫނާއެކުގައެވެ.

ރައީސް މައުމޫނުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ޕާޓީ އުފެއްދުމުގައި އުޅުއްވުމުގެ އިތުރުން, ރައީސް މައުމޫނުގެ ތާއީދާއެކު އަބްދުالله ކަމާލުއްދީން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ވެސް ކުރިމަތިލެއްވިއެވެ.

މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ (އެންއެސްޕީ)ގެ ނަމުގައި އަލަށް ސިޔާސީ ޕާޓީއެއް އުފައްދަން އީސީއަށް ހުށަހެޅީ މި އަހަރުގެ މޭމަހުގެ 11 ވަނަ ދުވަހުއެވެ.

ޕާޓީ ރަޖިސްޓްރީ ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިއަހަރު އޯގަސްޓްމަހުގެ ތިންވަނަ ދުވަހުގައެވެ.

comment ކޮމެންޓް