އަޅާނީ ޓާފްތޯ، ހައްދާނީ މިރުހާއި ދޮންކެޔޮތޯ ނިންމާނީ މީދޫގެ ޒުވާނުން: މަހުލޫފް

ރ. މީދޫ ޓާފް ދަނޑުގެ ސަބް ބޭސް މަސައްކަތް ކުރިއަށް ނުދާތީ ރަށުގެ ޒުވާނުން ނުކުމެ ދަނޑުގައި މިރުސް ގަސް އިންދުމުގެ ތެރެއިން --- ފޮޓޯ / ކިޔުންތެރިއެއް

ރ. މީދޫ ދަނޑުގައި އަޅާނީ ޓާފްތޯ ނުވަތަ ހައްދާނީ މިރުހާއި ދޮންކެޔޮތޯ ނިންމާނީ އެ ރަށުގެ ޒުވާނުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޓާފް ދަނޑުގެ ސަބް ބޭސް މަސައްކަތް ކުރިއަށް ނުދާތީ ރަށުގެ ޒުވާނުން ވަނީ މި މަހުގެ 14 ވަނަ ދުވަހު ނިކުމެ، ދަނޑުގައި މިރުސް ގަސް އިންދައިފައެވެ. އަދި ކުރިއަށް އޮތްތަނުގައި ލަސްވާނަމަ ކެޔޮނިރު އިންދައިގެން ލިބޭ އާމްދަނީން ވެލި ގަނެގެން ނަމަވެސް އެތަނަށް ވެލި ހަމަ ކުރާނެ ކަމަށް ވެސް ޒުވާނުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ޔޫތު މިނިސްޓަރު މަހުލޫފް "ސަން"އަށް ވިދާޅުވީ މީދޫގައި މީގެ ކުރިން ވެސް ވެލިދަނޑެއް އޮތްއިރު އެ ވާހަކަ ނުދައްކައިފައި މިއަދު އެ ވާހަކަ ދައްކަނީ އިތުރު ނިޔަތެއްގައި ކަމަށެވެ. އެހެންނަމަވެސް ދަނޑުގައި އިންދާފައި ހުރި ގަސް އުފުރަން މިނިސްޓްރީން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްގެންނޭ ހުންނާނީ، އެކަމަކު ރަށުގެ ޒުވާނުންނޭ ނިންމާނީ އެ ރަށުގަ އަޅާނީ ޓާފްތޯ، ހައްދާނީ ދޮންކެޔޮތޯ މިރުސްތޯ، އެ ބޭފުޅުން ބޭނުން ގޮތަކަށް އެކަން ކުރަންވީ، އަޅުގަނޑުމެން ގަދަކަމަކުން ނޫނެކޭ ތިތާގަ މިރުސް އިންދީމަ ގަސް އުފުރާކަށް އަޅުގަނޑުމެން ނޫޅޭނަމޭ، ޒުވާނުން ނިންމާނީ އެއާގެން ކުރިއަށް ދާން،" މަހުލޫފް ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހިނގައިގެން އުޅެނީ ސިޔާސީ ކަމެއް ކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމަކީ އެއް އިރަކު ވެސް މާ ގަޔާވާ ކަމެއް ނޫން ކަމަށެވެ.

"ކުޅިވަރު ތެރެއަކު އަޅުގަނޑަށް އެހާ ކަމަކު ނުދޭ ސިޔާސީ ކަންކަމެއް، އަޅުގަނޑު ހަމަގައިމު ވެސް ނުވައްދަން ސިޔާސީ ކަންކަމެއް ކުޅިވަރު ތެރެއަކަށް، މީދޫ ޓާފްއާ ގުޅިގެން އެ އުޅެނީ ސިޔާސީ ކަމެއް ހިނގައިގެން،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ދަނޑުގައި ޔޫތު މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައިވާނެ ކަމަށާއި އަޅާނެ ޓާފް ވެސް އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ލަސްވަނީ މަސައްކަތް ހަވާލުވި ކޮންޓްރެކްޓަރުންގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

"ކޮވިޑްގެ ދަތިކަމާއި، ހަވާލުވާ ކޮންޓްރެކްޓަރުންނަށް ބަރާބަރަށް މަސައްކަތްތައް ފުރިހަމަ ނުކުރެވުމާއި އަދި މި ކޭސްގަ މިއުޅެނީ ވެލީގެ މައްސަލައެއް. އަބަދުވެސް މަސައްކަތް ފަށާއިރު މި ކޮމިޓްމެންޓް އަޅުގަނޑުމެން އެބަ ހޯދަން ރަށްރަށުން އެމީހުން ވެލި ޕްރޮވައިޑް ކޮށްދޭން، ކައުންސިލްތަކަށް ވެލި ނުހޯދަ ދެވުނީމަ ބައެއް ރަށްރަށުގެ ހުންނާނެ، މިސާލަކަށް އއ. އަތޮޅުން ބ. އަތޮޅަށް ވެލި ގެނެސްފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މި މަހުގެ 14 ވަނަ ދުވަހު މީދޫގައި އިހުތިޖާޖު ކުރި ޒުވާނުންގެ ތެރެއިން އަބްދުލް ބާސިތު ރަޝީދު "ސަން"އަށް މީގެ ކުރިން ބުނީ ދަނޑަށް އަޅަން ބޭނުންވާ ވެލި ނުލިބިގެން މަސައްކަތް ލަސްވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފައިވާ ކަމަށެވެ.

އޭނާ ބުނީ ދަނޑުގައި މިރުސް ގަސްތައް އިންދީ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެންދިޔުމުގެ ގޮތުން ކަމަށެވެ.

ބާސިތު މައުލޫމާތު ދިން ގޮތުގައި 60 ދުވަހުގެ ތެރޭގައި ނިންމަން އޮތް ސަބް ބޭސްގެ މަސައްކަތް އެއްގޮތަކަށްވެސް ކުރިއަށް ނުގޮސް ވަނީ ދިގު ލައިގެން ގޮސްފައެވެ.

"ކުރިއަށް އޮތް ތާނގަ ދޮންކެޔޮ ގަސްވެސް އިންދާނަން ލަސްވާ ކަމުގަ ވެއްޖިއްޔާ. ހަމަ ތަފާތު ކާނާ އަޅާ ގަސްގަސް ހަމަ އިންދާނަން. އަމާޒަކީ އެ ލިބޭ އާމްދަނީ އިން ވެލި ގަނެގެން ނަމަވެސް އެތަނަށް ވެލި ހަމަ ކުރުން. ސަރުކާރުން އަޅާނުލައިފި ކަމުގައި ވަނީ ނަމަ އެގޮތަށް ކަންތައް ކުރާނަން ހަމަ،" ބާސިތު ބުންޏެވެ.

ސަރުކާރަށް އެކަން ނުވެއްޖެނަމަ ދަނޑު ހައްދައިގެންވެސް އެތަނަށް ބޭނުން ވާނެ ވެލި ހޯދުމަށް ތައްޔާރަށް އެ ރަށުގެ ޒުވާނުން ތިބި ކަމަށް ބާސިތު ބުންޏެވެ.

comment ކޮމެންޓް