އެކަށީގެންވާ އަދަދަކަށް ކުރިމަތިނުލާތީ، ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލެވޭ މުއްދަތު އިތުރުކޮށްފި

ދިވެހި މަސްވެރިއަކު ބޮޑު ރީނދޫ އުރަހަ ކަންނެއްޔެއް ކޮނޑަށް ލައިގެން -- ފޮޓޯ/ ދިވެހި މަސްވެރިން

އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ، ހިދުމަތްތެރި ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭ މުއްދަތު އިތުރުކޮށްފިއެވެ.

މި އެވޯޑަކީ މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ ފަރާތުން މާލެ އަތޮޅުން ހޮވާ ކެޔޮޅުންގެ އެވޯޑެކެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ، މިހާރު ވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ މީހުންނާއި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މީހުންނަށް، މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކ. ގާފަރުގައި ބާއްވާ ހަފްލާގައި އެވޯޑެއް ދޭން ހަަމަޖެހިފައިވާ ކަމަށެވެ.

މި އެވޯޑް ދޭނީ މާލެ އަތޮޅުން ހޮވާލެވޭ އެންމެ ހިދުމަތްތެރި 35 އަހަރުން ދަށުގެ ކެޔޮޅަށާއި 35 އަހަރުން މަތީގެ އެންމެ ތަޖުރިބާ ކެޔޮޅަށެވެ.

އޭގެ ތެރެއިން ކުރިމަތިލުމުގެ ފުރުސަތު އިތުރުކުރީ އެންމެ ހިދުމަތްތެރި 35 އަހަރުން ދަށުގެ ކެޔޮޅުގެ އެވޯޑަށެވެ.

މިނިސްޓްރީން ބުނީ އެ އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން މި އެވޯޑަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެވޯޑަށް ކުރިމަތިލާން ބޭނުންވާ މީހުން އެކަމަށް އެދި ފިޝަރީސް މިނިސްޓްރީއަށް ހުށަހަޅަން ވަނީ އެދިފައެވެ.

އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ފުރިހަމަކޮށް، މިނިސްޓްރީގެ މެއިލް ([email protected]) އަށް ހުށަހަޅަން ޖެހެއެވެ. އެވޯޑަށް ޝަރުތުހަމަވާ ކްރައިޓީރިއާ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ކޮވިޑްގެ ސަބަބުން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ވާޗުއަލް ކޮށް ފާހަގަކުރި ނަމަވެސް މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ނިންމާފައި ވަނީ މާލެ އަތޮޅު ގާފަރުގައެވެ.

ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ނިންމީ ކޮވިޑް-19ގެ ސަބަބުން ހަރަދު ކުޑަ ކުރުމުގެ ގޮތުން މާލެ ކައިރީ ސަރަހައްދެއްގައި އެދުވަސް ފާހަގަކުރުމަށް ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

މި އަހަރު ފާހަގަ ކުރާ މަސްވެރިންގެ ދުވަހަކީ ރާއްޖޭގައި ފާހަގަ ކުރާ 41 ވަނަ މަސްވެރިންގެ ދުވަހެވެ.

comment ކޮމެންޓް