ޓުވިޓާގައި ދޮގު ޚަބަރު ފަތުރާނަމަ ދެން އެނގޭނެ!

ޓުވިޓާގައި ދޮގު ޚަބަރުތަކާއި މައުލޫމާތުތައް ފަތުރާނަމަ ބޭނުންކުރާ ފަރާތްތަކަށް އެކަން އަންގައިދިނުމުގެ ގޮތުން ނޮޓިފިކޭޝަން ދާ ގޮތަށް ޓުވިޓާ ރީޑިޒައިންކޮށްފިއެވެ. މިގޮތަށް ރީޑިޒައިން ކޮށްފައިވަނީ ޓުވިޓާއަކީ ސައްހަ މައުލޫމާތު ފޯރުކޮށްދޭ ވަސީލަތަކަށް ހެދުމަށާއި ދޮގު މައުލޫމާތުތަކުގެ ސަބަބުން ކަމުގެ ރަނގަޅުގޮތް ނޭނގުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްކަމަށް ޓުވިޓާ ކުންފުނިންް ބުނެފައިވެއެވެ.

މިއަހަރުގެ ޖުލައި މަހުން ފެށިގެން ވާނިން ލޭބަލް ޓެސްޓުކުރަމުން އައިއިރު، އެ ލޭބަލަކީ މިއަހަރު ޓުވިޓާ މެދުވެރިކޮށް ބޭއްވުނު ބައެއް އިންތިހާބުތަކަށް ހާއްސަކޮށް ތައާރަފުކުރި ލޭބަލެކެވެ. އިންތިހާބާ ބެހޭގޮތުން ދޮގު މައުލޫމާތުތަކާއި އިންތިހާބުގައި ދިމާވެދާނެ މުއާމަލާތީ އެފަދަ މައްސަލަތަކަށް ހައްލެއް ހޯދުމަށް މި ލޭބަލް ޓެސްޓުކުރަން ފެށިއެވެ.

މިހަފުތާގެ އަންގާރަ ދުވަހު ރީޑިޒައިންޑް ޓުވިޓާ ރިލީސްކޮށްފައިވާއިރު ކުރިއަށް އޮތް ތާނގައި ޓުވިޓާއަށް އޮތް އިތުބާރު ބޮޑުވާނެ ކަމަށާއި ބޭނުންކުރަން ފަސޭހަވާނޭ ކަމަށް ކުންފުނިން ބުނެފައިވެއެވެ.

ގިނަ ފަރާތްތަކުން ބުނާ ގޮތުގައި ފޭސްބުކްގައިވެސް އެފަދަ ލޭބަލްތައް އެކުލެވިފައިވުމުން އެޕްލިކޭޝަން ބޭނުންކުރަން ފަސޭހަވެއެވެ. ނަމަވެސް ހަރުދަނާ ލޭބަލްތައް އެކުލެވިފައި ނުވުމުން ފޭސްބުކްގައި އެފަދަ ދޮގު މައުލޫމާތުތަކާއި ފޮޓޯތަކާއި ވީޑިއޯދައުރުވެއެވެ. އަދި އެ ފޮޓޯތަކާއި ވީޑިއޯތަކާއި މައުލޫމާތުތައް ފުހެލާނީތޯ ނޫނީ ދައުރުވަން ދޫކޮށްލާނީތޯ ފޭސްބުކްވެސް ސުވާލުއުފައްދައެެވެ.

ޓްވިޓާގައި ވާނިން ލޭބަލް ދައްކަނީ ތިން ވައްތަރެއްގެ ދޮގު ޚަބަރުތައް ދައުރުވާނަމައެވެ. އެއީ ފޮޓޯއާއި ވީޑިއޯއާއި އިންތިހާބުތަކާއި ކޮވިޑާ ބެހޭ ދޮގު ޚަބަރުތަކެވެ. އެ ލޭބަލް ރަތާއި އޮރެންޖުކުލައިން ފާހަގަކޮށްފައިވާއިރު ކުރީގެ ވާޝަންއަށްވުރެ ލޭބަލްގެ ކުލައިގެ ސަބަބުން ދެނެގަންނަން ފަސޭހަވެގެން ދާނެއެވެ.

ޓުވިޓާ ބުނާގޮތުން އަންގާރަ ދުވަހު ޓުވިޓާ ރީޑިޒައިންކުރުމަށްފަހު ލޭބަލްއަށް ކްލިކްދީފައިވާ މީހުން 17 އިންސައްތަ އިތުރުވެފައިވާއިރު އެއިން ދޭހަވަނީ ދޮގު ޚަބަރުތަކާއި މައުލޫމާތުތައް މީހުން ބަލާފައިވާކަމެވެ.

އަދި ޓުވިޓާ ބުނެފައިވާގޮތުން ދޮގު މައުލޫމާތެެއްނަމަ އޮރެންޖުކުލައިން ލޭބަލް ފާހަގަކޮށްފައިވާނެކަމަށާއި އަދި "ސްޓޭ އިންފޯމްޑް" ފެންނަން އިންނާނެ ކަމަށެވެ. އަދި ސީރިއަސް ކަމެއްގައި ނުވަތަ މާބޮޑަށް ދޮގު ޚަބަރެއް ކަމުގައި ވާނަމަ މާބޮޑަށް ފާހަގަވާފަދަ ލޭބަލްއެއް ފެންނާނެކަމަށާއި "މިސްލީޑިން"ގެ ނަމުގައި ލޭބަލް ފެންނާނެ ކަމަށެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު