ރަށްރަށުގައި އަޅައި ޓާފު ދަނޑުތަކުގެ މަސައްކަތް ބޭނުންވާ ދުވެލީގައި ކުރިއަށް ނުގެންދެވި، ލަސްވަނީ ރާއްޖޭގެ ކުންފުނިތަކުގައި އެވަރުގެ ކެޕޭސިޓީއެއް ނެތުމުން ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝިފާއު، ކުރެއްވި ސުވާލުގައި އެއްސެވީ ހއ. އިހަވަންދޫގައި މީގެ އެއް އަހަރު ކުރިން އަޅަން ފެއްޓި ޓާފު ދަނޑުގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދެވި، މަޑުޖެހިފައި އޮތީ ކީއްވެތޯއާއި އެ ދަނޑުގެ މަސައްކަތް އަލުން ފަށާނީ ކޮން ތާރީހެއްގައިތޯއެވެ.
މަހްލޫފް ވިދާޅުވީ އޭނާ މަޖިލީހަށް އަޔަސް، ކައުންސިލްތަކާ ބައްދަލު ކުރިޔަސް އަދި ރަށަކަށް އެރިޔަސް އެންމެ ފުރަތަމަ އޭނާއާ ސުވާލު ކުރަނީ ފުޓްބޯޅަ ދަނޑުތަކާއި ފުޓްސެލް ދަނޑުތަކާ ބެހޭ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ ޔޫތް މިނިސްޓްރީގެ ތާރީހުގައި ވެސް ނުކުރެވޭ ވަރުގެ ގިނަ މަސައްކަތްތަކެއް ފާއިތުވި، ތިން އަހަރު ތެރޭގައި އެ މިނިސްޓްރީން ކޮށްފައިވާ ކަމަށެވެ. އެގޮތުން ހަމައެކަނި ފުޓްބޯޅަ ދަނޑުތަކަށް ބެލި ނަމަވެސް 20 ދަނޑަށްވުރެ ގިނަ ދަނޑު މިހާތަނަށް ނިންމާފައިވާ ކަމަށެވެ. އަދި 40 ދަނޑުގެ މަސައްކަތް މި ވަގުތު ވެސް ކުރިއަށް އެބަ ގެންދާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
"ވަރަށް މަދު ދަނޑެއްގެ މަސައްކަތް ނޫނީ އެހެން ހުރިހާ މީހުންނާއެކު ސޮއި ކުރެވި ގިނަ ދަނޑުތަކުގެ ޓާފުތައް ރާއްޖެ ގެނެވިއްޖެ. ނަމަވެސް މިއަދު މި ފެންނަ މަންޒަރަކީ ކޮންޓްރެކަޓަރުންނަށް އެ މަސައްކަތް ނުކުރެވޭތަން. އަޅުގަނޑުމެން ބޭނުންވާ ދުވެލީގަ މި ކަންކަން ކުރިއަށް ގެންދާ ވަރުގެ ކެޕޭސިޓީ މިއަދު ރާއްޖޭގަ ހުރި ފުންފުނި ތަކުގައެއް ނެތް،" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ އިހަވަންދޫ ޓާފު ދަނޑުގެ މަސައްކަތުގެ އިތުރުން އެހެނިހެން ބައެއް ރަށްރަށުގައި ވެސް ކުރަންޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ނިންމާލެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.