ހަރުކަށި ފިރިޔަކާމެދު އަމަލުތައް ބަހައްޓާނީ ކިހިނެއް؟

ހަރުކަށި ފިރިއަކާއެކު ދިރިއުޅެން ޖެހުމަކީ ތިބާގެ ދިރިއުޅުން ނަރަކައަކަށް ވެދާނެ ކަމެކެވެ. އަމިއްލަ ދިރިއުޅުމުގައި ތިބާގެ އެއްވެސް އާރެއް ބާރެއް ނެތްކަން އެނގުމުން އަސަރުކުރާނެއެވެ. ތިބާގެ ހުރިހާ އަމަލުތަކެއްވެސް ބައްޓަން ކުރަމުންދާނީ ފިރިމީހާއެވެ.

ހަރުކަށި ފިރިއެއްގެ ފަރާތުން ފެންނާނީ ކޮން ސިފަތަކެއް؟

ތިބާގެ ފިރިމީހާއަކީ ހަރުކަށި ފިރިއެއް ކަމުގައިވާނަމަ ނުވަތަ މުށްބާރު ފިރިއެއްކަމުގައިވާނަމަ ތިބާކުރާ އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެއެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ކޮންމެވެސް މައްސަލައެއް ފިރިމީހާ ދައްކާނެއެވެ.

އަދި ފިރިމީހާ ބޭނުންވާ ކޮންމެ ކަމެއްވެސް އަނބިމީހާ ލައްވާ މަޖުބޫރުކޮށްގެން ނަމަވެސް ކުރުވާނެއެވެ. އެއީ އޭނާއަކީ ބާރުގަދަ މީހެއްކަން ދެއްކުމަށެވެ.

އެފަދަ ފިރިއެއްނަމަ އޭނާއަށް ތިބާގެ އެއްވެސް ސިފައެއް ކަމަކުނުދާނެއެވެ. ތިބާ ކެއުމުގައި ގެންގުޅޭ އުސޫލުތަކާއި ހެދުން އަޅާ ގޮތާ މިފަދަ ކުދި ކަންކަން އޭނާ ބޭނުންވާ ގޮތަށް ބައްޓަން ކުރާނެއެވެ.

އެހެންމެ ތިބާގެ ފިރިމީހާއަކީ މުށްބާރު ފިރިއެެއް ކަމުގައި ވާނަމަ ތިބާގެ އާއިލާއާއި ރައްޓެހިންނާ ތިބާ ބައްދަލުވެ އުޅުން މަނާކުރާނެއެވެ. އެމީހުންނާ ގާތް ގުޅުމެއް ބޭއްވުން މަނާކުރާނެއެވެ. އެއީ އޭނާގެ ހަރުކަށިކަމުގެ ވާހަކަ އެމީހުންނާ ތިބާ ހިއްސާކޮށްފާނެތީ ކަމަށްވެސް ވެދާނެއެވެ.

ހަރުކަށި ފިރިއެއްނަމަ ތިބާގެ އެއްވެސް ނިންމުމަކަށް އޭނާ އިހުތިރާމެއް ނުކުރާނެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ނިންމަން ޖެހޭނީ އޭނާ ބޭނުންވާ ގޮތަށެވެ. ތިބާ ހުންނަން ޖެހޭނީ އޭނާގެ އަޅުވެތިކަމުގެ ދަށުގައެވެ.

ހަމަ އެހެންމެ އޭނާ ތިބާއަށް އިސްކަން ދިނުމުގެ ބަދަލުގައި އިސްކަންދޭނީ މުދަލާއި ފައިސާއަށެވެ. ތިބާ ހަރަދުކުރާ މިންވަރާ މެދު އޭނާ ވަރަށް ފާރަވެރިވާނެއެވެ. ބޭނުންވާ ކޮންމެ އެއްޗެއް ގަނެ އުޅުމުގެ މިނިވަންކަން ތިބާއަކަށް ނޯންނާނެއެވެ.

އެފަދަ ފިރިޔަކާ މެދު އަމަލު ކުރާނީ ކިހިނެއް؟

ތިބާގެ ފިރިމީހާއަކީ ހަރުކަށި މީހަކު ކަމުގައިވާނަމަ ދެބަސްވުމަކާނުލާ ވާހަކަ ދެއްކުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. ނަމަވެސް ފިރިމީހާއާ ވާހަކަ ދެއްކުމުގައި ބަަލަންޖެހޭނެ ކަމަކީ ވީހާވެސް ބޮޑަށް ހަމަޖެހިގެން ވާހަކަ ދެއްކުމަށެވެ.

ތިބާގެ ފިރިމީހާ ފަދައިން ކަންކަމުގައި ވާހަކަ ދެކެވޭ ހިނދު ރުޅި އިސްކުރުމަކީ އިތުރަށް މައްސަލަ ގޯސްވެދާނެ ކަމެކެވެ. ވީހާވެސް ހަމަޖެހިގެން މަޑުމައިތިރިކަމާއެކު އޭނާއާ ވާހަކަ ދެކެވޭތޯ ބަލާށެވެ.

ފިރިމީހާގެ އެ ހަރުކަށިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ކަމެއްތޯ ބަލައި ދެނެގަތުމަކީ ވަރަށް މިހިންމުކަމެކެވެ. ގިނަ ފަހަރު ފިރިމީހާ ކުއްލިއަކަށް ރުޅިއިސްކޮށް ހަރުކަށިކަމާއެކު މުހާތަބުކުރާނަމަ އެއީ ނަފުސާނީ ބައްޔެއްގެ ސަބަބުންވެސް ދިމާވާ ކަމަކަށް ވެދާނެއެވެ. ހާއްސަކޮށް ކުޑައިރު ދިމާވެފައިވާ ހާދިސާއެއްގެ ސަބަބުން ނުވަތަ އޭނާ ބޭނުންވާ ފަދަ ކުރިއެރުން ދިރިއުޅުމުން ހާސިލުނުވެ ހުރުމުންވެސް އެފަދަ ކަންކަން މެދުވެރިވެދާނެއެވެ.

ތިބާދެކެ އޭނާ ރުޅިއައި ނަމަވެސް ގިނަގިނައިން އޭނާއާ ވާހަކަ ދެއްކޭތޯ ބެލުމަކީ މުހިންމުކަމެކެވެ. މައްސަލައެއް ޖެހިއްޖެނަމަ ހައްލު ކުރެވިދާނެ ގޮތްގޮތާމެދު މަޝްވަރާ ކުރުމާ ކަންކަމުގައި އޭނާ އެންމެ ބޭނުންވާ ގޮތާއި އެންމެ އެދޭ ގޮތްތަށް އަހާ އޮޅުންފިލުވުން ފަދަ މައުޟޫތައް ގިނަގިނައިން ވާހަކަދެއްކުމަށްޓަކައި ހިޔާރުކުރެވިދާނެއެވެ.

ތިބާގެ އާއިލާއާ އެކުވެރިންނާ ގުޅުން ބަދަހިކުރަން ފިރިމީހާ ބޭނުންނުވި ކަމުގައި ވީނަމަވެސް ތިބާއަށްޓަކައި ވާ އެފަދަ މީހުންނާ ގުޅުން ކަނޑާނުލާށެވެ. ތިބާގެ ދިރިއުޅުމުގައި އެމީހުންގެ މުހިންމުކަން ފިރިމީހާއަށް ވިސްނާދޭށެވެ. ފިރިމީހާ ރުޅިއައި ކަމުގައިވީނަމަވެސް އެމީހުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަކީ މުހިންމުކަމެކެވެ.

ތިބާގެ ފިރިމީހާއަށް ވިސްނާދިނުމުގެ ގޮތުން ތިބާއާ އޭނާއާ ދެމެދު ދުރުމިނެއް ބެހެއްޓިދާނެއެވެ. އެއީ ފިރިމީހާގެ އެ މިޒާޖުގެ ސަބަބުން ތިބާ ކަންބޮޑުވެ ސީރިއަސް މައްސަލައަކަށް އެކަން ހެދިކަމުގައި ފިރިމީހާއަށް ދެެއްކުމަށްޓަކައެެވެ.

ފިރިމީހާގެ މި ސިފައިގެ ސަބަބުން ކައިވެނި ރޫޅާލުމާ ގެއިން ނުކުމެގެން ދިއުމަކީ ދިރިއުޅުން އަލުން އާބާދުވެދާނެ ކަމެއްް ނޫނެެވެ. ފިރިމީހާއާ ހަމަޖެހިގެން ވާހަކަ ދައްކައިގެންވެސް އޭނާގެ އެ މިޒާޖު ބަދަލު ނުވެއްޖެނަމަ ދެމަފިރިން ކައުންސިލިން ތެރަޕީއެއް ނެގުމަކީ ކުރެވިދާނެ ކަމެކެވެ.

މަސްދަރު: މެރިއޭޖް.ކޮމް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު