ދިޔައީ މަންމަ އަތުން 5،000 ރުފިޔާ ނަގައިގެން، ދެން ފެނުނީ ފުރާނަ ނެތް މަސްގަނޑު!

މަރުވެފައި އޮއްވާ ފެނުނު މުހައްމަދު މުޖުތަބާ --

ނޫސްތަކުގެ ފަަލަ ސުރުހީން އިއްޔެ ޖާގަ ހޯދީ މާލޭގެ ފަޅު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ހަބަރެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ، ކުނިވަސް ދުވާތީ ހިސާބުގަނޑު މީހުން ރިޕޯޓް ކުރުމުންނެވެ.

އިއްޔެ މަރުވެފައި އޮއްވާ ފެނުނީ މއ. އާފަލުގޭ މުހައްމަދު މުޖުތަބާ، 37އެވެ. އޭނާ ފެނުނީ ހަދަންވެގެން އިމާރާތް ކޮށްފައިހުރި އޭނާގެ ގެ، އާފަލުގޭގެ ތެރެއިންނެވެ.

މާލޭގައި ހުރި ފަޅުގެއްގެ ތެރޭގައި މަރުވެ, ކުނިވެފައިވާ މީހާގެ ހަށިގަނޑު ފެނުނު ގެ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މުޖުތަބާއަކީ މީގެ ކުރިންސުރެން މަސްތުވާތަކެތި ބޭނުން ކޮށް އުޅޭ ޒުވާނެކެވެ. އޭނާ ގެއްލުމުގެ ކުރިން ވަނީ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަން 16 ދުވަސް ހޭދަކޮށްފައެވެ. އަދި އޭގެ ފަހުން އޭނާ މާލެ އައީ އޭނާގެ ބޭބެ ގާތުގައި ގުޅީފަޅުގައި ހުރުމަށްފަހުއެވެ.

މުޖުތަބާގެ އެއްބަނޑުއެއްބަފާ ބޭބެ އަހްމަދު މުސްތަފާ "ސަން"އަށް ބުނީ ބެލެވޭގޮތުގައި އޭނާ މަރުވީ އޯވަޑޯޒްވެގެންނެވެ. އަދި އޭނާ ގެއްލިގެން ހޯދަމުންދާތާ މިހާރު ތިން ދުވަސް ވެއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ބުރާސްފަތި ދުވަހު އައީ. އައިސް މަންމަ އަތުން 5000 ރުފިޔާ ނަގައިގެން ދިޔަ ގޮތަށް ގެއްލުނީ. ގޭ ދޮށުން ވަސްދުވާތީ ގެ ބެލީ،" އޭނާ ކިޔައިދިނެވެ.

މުސްތަފާ ބުނީ މުޖުތަބާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ރައްޓެހި ކުއްޖަކަށް ކަމަށެވެ. އަދި އޭނާއަށް ފެނުމުން ވަގުތުން ޕޮލިހަށް ގުޅާ ވަނީ ރިޕޯޓް ވެސް ކޮށްފައެވެ.

"އަޅުގަނޑަށް ހީވަނީ އޯވަޑޯޒް ވީހެން. 16 ދުވަސް ކްލީންކޮށް ހުރެފައި ތަންކޮޅެއް ހައިޑޯޒެއް ނެގުނީ ކަންނޭނގެ،" މުސްތަފާ ބުންޏެވެ.

މުސްތަފާ ބުނީ އޭނާ އެ ގޭ ތެރެއިން ފެނުނުއިރު، އެތަނުގައި ކައްކަން ބޭނުންކުރާ ބައެއް ސަމާނު ހުރި ކަމަށެވެ. ބެލެވޭ ގޮތުގައި އެއީ މަސްތުވާތަކެތި އުފެއްދުމަށް ބޭނުން ކުރާ ތަކެއްޗެވެ.

މަންމަ އަތުން 5،000 ރުފިޔާ ނަގައިގެން ދިއުމަށްފަހު އޭގެ ފަހުން މުޖުތަބާގެ ހަބަރެއް ނެތެވެ. އޭގެފަހުން އޭނާ ގެއްލިގެން ހޯދަން އާއިލާއިން ވަނީ މަސައްކަތް ކޮށްފައެވެ.

މާލޭގައި ހުރި ފަޅުގެއްގެ ތެރޭގައި މަރުވެ, ކުނިވެފައިވާ މީހެއްގެ ހަށިގަނޑު ފެނުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މުޖުތަބާގެ ހަށިގަނޑު ދުށް މީހުން ބުނި ގޮތުގައި މުޖުތަބާ މަރުވެފައި އޮންނަތާ ތިން ވަރަކަށް ދުވަސްވެފައިވާ ކަމަށް ބެލެވެއެވެ. އަދި އޭނާގެ ގައިގެ ތަންތަން ވަރަށް ބޮޑަށް ފުއްޕައިފައި ހުރި ކަމަށާއި، އަދި ކަޅުވެފައި ހުރި ކަމަށް ހަށިގަނޑު ދުށް މީހުން ބުނެއެވެ.

މުޖުތަބާއަކީ މީގެ ކުރިން ކައިވެންޏެއް ވެސް ކޮށްފައިވާ މީހެކެވެ. އެ ކައިވެންޏަށް ދަރިއަކު ވެސް ލިބުނެވެ. ތޭރަ އަހަރުގެ އެ އަންހެން ކުއްޖާ މިހާރު ހުންނަނީ އެ ކުއްޖާގެ މަންމަ ގާތުގައެވެ.

comment ކޮމެންޓް