އޮސްޓްރިއާގައި ހަލުވި ކަމާއެކު އަނެއްކާވެސް ކޮވިޑް ފެތުރެމުންދާތީ ވެކްސިން ފުރިހަމަ ނުކުރާ ގާތްގަނޑަކަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ލޮކްޑައުންއަށް ލައިފިއެވެ.
ރެކޯޑް އަދަދަކަށް އޮސްޓްރިއާގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ އެގައުމުގެ ޗާންސެލަރު އަލެކްސެންޑްރާ ޝަލެންބާގު ވިދާޅުވީ ހާލަތުގެ ގޮތުން ކޮންމެހެންވެސް ވެކްސިނޭޝަން ރޭޓް އިތުރުކުރަން ޖެހޭ ކަމަށާއި މިހާތަނަށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދު މަދު ކަމަށެވެ.
"މިއީ ވަރަށް ނާޒުކު ހާލަތެއް. ވެކްސިން ފުރިހަމަ ކުރުމަކީ މަޖުބޫރު ކަމެއް މި ދަނޑިވަޅުގައި. މިއީ އަޅައި ނުލައި ދޫކޮށްލަން ޖެހޭ ވަރުގެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އޮސްޓްރިއާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ބުނާގޮތުން ވެކްސިން ފުރިހަމަ ކޮށްފައިވަނީ އެންމެ 65 ޕަސެންޓް މީހުންނެވެ. މިއީ ޔޫރަޕުގެ ހުޅަނގުގެ ގައުމުތަކުގެ ތެރެއިން އެންމެ މަދުން ވެކްސިން ފުރިހަމަ ކޮށްފައިވާ ގައުމެވެ.
އޮސްޓްރިއާ ސަރުކާރުން ބުނިގޮތުގައި އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް މި ފިޔަވަޅު ނާޅާނެއެވެ. ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ހަމައެކަނި ގެއިން ބޭރަށް ދެވޭނީ ފިހާރައަށާއި ވަޒީފާގެ އިތުރުން ޒަރޫރީ ބޭނުންތަކުގައެވެ.
ޝަލެންބާގުގެ ޕާޓީ އާއި ފުލުހުންގެ މެދުގައި، އެހާ ގިނަ މީހުންނަށް އެފިޔަވަޅު ތަންފީޒު ކުރުމާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް ހުރިނަމަވެސް ޝަލެންބާގު ވިދާޅުވީ ފުލުހުން އެކަމާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށާއި އެކަން ވަރަށް ރަނގަަޅަށް ބަލާނެ ކަމަށެވެ.
މި ފިޔަވަޅު އެޅުމާ ގުޅިގެން އޮސްޓްރިއާގެ ވަރަށް ގިނަ ރައްޔިތުންތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކޮށް މިއަދު މުޒާހަރާ ވެސް ކުރަމުންނެވެ.
އޮސްޓްރިއާ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ވަނީ 11،000 އަށް ވުރެ ގިނަ ކޮވިޑް ކޭސް ފެނިފައެވެ. މިދިޔަ ޖުލައި މަހު އޮސްޓްރިއާގައި ކޮވިޑް ކޭސްތައް މަދުވި ނަމަވެސް އޮގަސްޓް މަހުން ފެށިގެން ކޮވިޑް ކޭސްތައް އެގައުމުގައި ދަނީ އިތުރުވަމުންނެވެ.
އޮސްޓްރިއާއިން މިހާތަނަށް ވަނީ ނުވަ ލައްކަ އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ. ޖުމުލަ 11،706 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.
މީގެ އިތުރުން ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ވެކްސިން ފުރިހަމަ ކޮށްފައިވަނީ ޕޯޗްގަލްއެވެ. އެއީ 88 ޕަސެންޓެވެ. ސްޕެއިން އިން 80 ޕަސެންޓް ވެކްސިނޭޝަން ރޭޓް ހުރިއިރު ޑެންމާކުގެ ވެކްސިން ފުރިހަމަ ކޮށްފައިވާ އަދަދު ހުރީ 76 ޕަސެންޓްގައެވެ.